ތަޢުލީމު

ޤައުމީ ޔުނިވާސިޓީގެ 784 ދަރިވަރަކަށް ދަސްވެނި ކަމުގެ ސަނަދު ދީފި


ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީން ތައުލީމު ހާސިލްކުރި 784 ދަރިވަރަކަށް ދަސްވެނި ކަމުގެ ސަނަދު ދީފިއެވެ.ޤައުމީ ޔުނިވަރސިޓީން މި އަހަރުގެ ފުރަތަމަ ޓާރމްގައި ދަސްވެނިވި ދަރިވަރުންނަށާއި، އެންމެ މަތީ ފާސް ހޯދި ދަރިވަރުންނަށް ސަނަދު ހަވާލުކުރުމުގެ ހަފްލާ ބާއްވާފައިވަނީ ރޭ ދަރުބާރުގޭގައެވެ.ރޭގެ ހަފްލާގައި ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ 10 ފެކަލްޓީ އަކުން ހިންގި ތަފާތު އެކި ކޯސްތައް ފުރިހަމަކުރި ދަސްވެނިންނަށް ސަނަދު ހަވާލުކޮށްފައިވެއެވެ. އަދި ކޯސްތަކުން އެންމެ މަތީ ފާސް ހޯދި 19 ދަރިވަރަކަށާއި، ޝަހީދު އަހްމަދު ރަޝީދު އެވޯރޑް ހާސިލްކުރި ދަރިވަރަށްވެސް އިނާމާއި އެވޯރޑް ދީފައިވެއެވެ.ޝަހީދު އަހްމަދު ރަޝީދު އެވޯރޑަކީ، ފެކަލްޓީ އޮފް އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީއިން ހިންގާ، ތަނުގެ މުވައްޒަފުން ކިޔަވައިދޭ އެންމެ މަތީ ފެންވަރުގެ ކޯސްތަކުގެ ފުރަތަމަ ސެމެސްޓަރ ގައި އެންމެ ރަނގަޅު ނަތީޖާ ހޯދާ ދަރިވަރަށްދޭ އެވޯޑެކެވެ.ރޭގެ ހަފްލާ ޝަރަފުވެރި ކޮށްދެއްވާ ދަސްވެނިންނާ މުޚާތަބު ކުރައްވަމުން އެންވާރަމެންޓް މިނިސްޓަރ ތޯރީގް އިބްރާހިމް ވިދާޅުވީ، އަބަދުވެސް ވިސްނަންވާނީ ގައުމަށް ކުރިއެރުން ގެނެސްދީ، އިޖުތިމާއީ ގޮތުންނާއި އިގްތިސާދީ ގޮތުން ދަސްވެނިންގެ ހިއްސާ ޤައުމަށް ދިނުމަށް ކަމަށެވެ. އަދި ވަކި ކަހަލަ ވަޒީފާ ތަކަކީ އެކަށީގެންނުވާ ވަޒީފާތަކެއް ކަމަށް ދެކެމުން އައިދުވަސް ބަދަލު ވަމުން އަންނަ ކަމަށާއި، ކޮންމެ މަސައްކަތަކީވެސް ގައުމީ ތަރައްގީއަށްދެވޭ ހިއްސާއެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މީގެ އިތުރުން ޤައުމީ ތަރައްގީގައި ހުރި ގޮންޖެހުންތަކާއި، ރާއްޖޭގައި ހުރި އިޖްތިމާއީ ކަންކަމުގެ މައްޗަށް ދިރާސާތަކެއްކޮށް އެ ދިރާސާތައް ޝާއިއު ކުރުމަށްވެސް މިނިސްޓަރ ދަސްވެނިންނަށް ގޮވާލެއްވިއެވެ.މި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ޤައުމީ ޔުނިވާސިޓީގެ ޗާންސެލަރ ޑރ.މުހައްމަދު ލަތީފް ވިދާޅުވީ، ދަސްވެނި ކަމުގެ ސަނަދު ހާސިލް ކުރި ދަސްވެނިން ހިމެނިގެންދަނީ، ދުޅަހެޔޮ މުޖުތަމައެއް ބިނާ ކުރުމަށް ގައުމީ ޔުނިވަރސިޓީއިން ކުރަމުންގެންދާ ބުރަ މަސައްކަތުގެ ފޮނި މޭވާ ކަމުގައެވެ. އެހެން ކަމުން އެ އަމާޒަށް ވާސިލްވުމަށް މަސައްކަތްކުރުމުގެ ގައުމީ ޒިންމާ ނެގުމަށް ދަސްވެނިންގެ ކިބައިން ޗާންސެލަރ އެދިވަޑައިގެންނެވިއެވެ. އަދި ޤައުމަށް އަންނަ ތަރައްގީއާއި ބަދަލުތައް ދެނެގަނެ ގައުމަށް ބޭނުންވާ ދާއިރާތަކުން މީހުން ބިނާކުރުމަކީ ޔުނިވަރސިޓީގެ އަމާޒެއްކަމަށްވެސް ޗާންސެލަރ ފާހަގަ ކުރެއްވިއެވެ.ރޭގަ ސަނަދު ހާސިލްކުރީ، ޔުނިވަރސިޓީން ސެޓްފިކެޓް ލެވެލް އާއި ޑިޕްލޮމާ، ޑިގްރީ އަދި ޕޯސްޓް ގްރެޖުއޭޓް ކޯސްތައް ފުރިހަމަ ކުރި ދަރިވަރުންނެވެ.