ޚަބަރު

މި ޙާލަތުގައިވެސް 5ރަށެއްގައި ފެނާއި ނަރުދަމާގެ މަޝްރޫޢު ނިންމާފައިވޭ - ޕްލޭނިންގ މިނިސްޓްރީ


ކޯވިޑް-19ގެ މި ޙާލަތުގައިވެސް 5ރަށެއްގައި ފެނާއި ނަރުދަމާގެ މަޝްރޫޢު ނިންމާފައިވާކަމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން ވިދާޅުވެއްޖެއެވެ. ސަރުކާރުންދަނީ މި ފަސް އަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ޤާއިމުކުރުމަށް މަސައްކަތް ކުރައްވަމުންނެވެ.

ސަރުކާރުގެ ޕީއެސްއައިޕީ މަޝްރުޢުތަކާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓަރކްޗަރގެ ޑިރެކްޓަރ ޝާނާ ފާރޫޤް ވިދާޅުވީ %55 ރަށުގައި ފެނުގެ ނިޒާމު އަދި %68 ރަށުގައި ނަރުދަމާ ނިޒާމު ޤާއިމުކޮށް ބޭނުންކުރަމުންދާކަމަށެވެ.

ޝާނާ ވިދާޅުވީ ފެނާއި ނަރުދަމާގެ ޢަމަލީ މަސައްކަތް ނުފެށުނު ނަމަވެސް، ކޮންމެ ރަށެއްގެ މަޝްރޫޢުގެ މަސައްކަތްތައްވެސް އެކި މަރުޙަލާތަކުގައި ކުރިއަށްދާކަމަށެވެ. އެގޮތުން ޑިޒައިންގެ މަސައްކަތްތައް ނިމުމާއި، އީއައިއޭ ހެދުމާއި، ބިޑަށް ހުޅުވާލުމަށް ތައްޔާރުވެފައިވާ ރަށްތަށްވެސް ހުރިކަމަށެވެ. މުޅި ރާއްޖެއަށް ބަލާއިރު %55 ރަށުގައި ސާފުފެން ފޯރުކޮށްދޭ ނިޒާމް ޤާއިމުކޮށްފައިވާކަމަށާ %68 ރަށުގައި ނަރުދަމާ ޤާއިމުކުރުމުގެ މަސައްކަތް ނިމިފައި ވާކަމަށް ޝާނާ ވިދާޅުވިއެވެ.

މި ޙާލަތުގައިވެސް މަސައްކަތް ކުރިއަށްގެންގޮސް މިއަހަރު 5 ރަށެއްގެ ފެނާއި ނަރުދަމާގެ މަސައްކަތް ނިންމާފައިވާކަމަށް އޭނާ ވިދާޅުވިއެވެ. ކޯވިޑް-19އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތަށް ލިބެމުންދާވަރަކުން އެރަށްތަކުގެ މަޝްރޫޢުތަކުގެ ނިމުން ކަށަވރުކޮށް، ޚިދުމަތް ފަށާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"40ރަށުގައި ފެނުގެ ނިޒާމު ޤާއިމުކުރުމަށް ސޮއިކޮށް މަސައްކަތް އެބަކުރިއަށްދޭ. 53ރަށުގެ ނަރުދަމާގެ މަސައްކަތްވެސް ސައިޓުގައި އެބަ ކުރިއަށްދޭ." ޝާނާ ފާރޫޤް ވިދާޅުވިއެވެ.

ޝާނާ ވިދާޅުވީ ކޮންޓްރެކްޓަރ ފައިނޭސް އުސޫލުން 11ރަށުގެ ފެނުގެ ނިޒާމާއި، 8ރަށުގެ ނަރުދަމާ މަސައްކަތް ޓެންޑަރިންއަށް ހުޅުވާލިކަމަށެވެ. އަދި 35ރަށުގެ ފެނުގެ ނިޒާމާއި، 25ރަށުގެ ނަރުދަމާ ނިޒާމުގެ މަސައްކަތް ޑިޒައިން ކުރުމުގެ މަރްޙަލާގައި އެބައޮތްކަމަށެވެ.

މީގެއިތުރަށް ބޭރުގެ ހިލޭ އެހީއާއި ލޯނުގެ އެހީގައިވެސް ފެނާއި ނަރުދަމާގެ މަޝްރޫޢުތަށް ކުރިއަށްގެންދާކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން އެގްޒިމް ބޭންކަގެ އެހީގައި 17 ރެށެއްގެ ނަރުދަމާ ޤާއިމުކުރުމުގެ ކުރިން ބަލަންޖެހޭ ކަންކަން ކުރިއަށްދާކަމަށާ، އޮފިޑް ފަންޑްގެ އެހީގައި 8މަޝްރޫޢުއެއް ޓެންޑަރިންގ މަރުޙަލާގައި އޮތްކަމަށްވެސް ޝާނާ ވިދާޅުވިއެވެ.

އަދި އެގްޒިމް ބޭންކްގެ އެހީގައި 33ރަށުގައި ފެނުގެ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް ފެށުމުގެ ކުރިން ބަލަންޖެހޭ ކަންކަން ބެލުމަށް ހުޅުވާލާފައިވާކަމަށްވެސް ޝާނާ ވަނީ ވިދާޅުވިއެވެ. އޮފިޑްގެ އެހީގައި ކުރިއަށްގެންދިއުމަށް ނިންމާފައިވާ ފެނުގެ ނިޒާމު ޤާއިމުކުރުމުގެ 7 މަޝްރޫޢުގެ މަސައްކަތް އެކި މަރުޙަލާގައި ކުރިއަށްދާކަމަށް އޭނާ ވިދާޅުވިއެވެ.