ކުޅިވަރު

ޗެލްސީ ދޫކޮށް ވިލިއަން އާސެނަލް އަށް


ހަތް އަހަރަށް ފަހު ޗެލްސީ ދޫކޮށް ބްރެޒިލްގެ މިޑްފީލްޑަރު ވިލިއަން އާސެނަލް އަށް ބަދަލުވެއްޖެއެވެ.

އޭނާ އާސެނަލްއާ ގުޅުނީ ޗެލްސީން ހުށަހެޅި ކޮންޓްރެކްޓަށް ނުނެކޭ ބުނުމަށްފަހުއެވެ. މި ސީޒަނުގެ ނިޔަލަށް ކޮންޓްރެކްޓް ހަމަވާތީވެ ޗެލްސީން ވަނީ އޭނާ ލައްވައި އައު ކޮންޓްރެކްޓެއްގައި ސޮއިކުރުވުމަށް މަސައްކަތްކޮށްފައެވެ. ނަމަވެސް ފްރީ ޓްރާންސްފާއެއްގައި ވާދަވެރި އާސެނަލްއަށް ބަދަލުވާން އޭނާ ނިންމީ ދެ ޓީމުގެ ހުށަހެޅުމަށް ބަލާއިރު އާސެނަލްގެ އޮފާ ރަނގަޅުވުމުންނެވެ.

އިނގިރޭސި މީޑިޔާތަކުން ބުނާ ގޮތުގައި ވިލިއަން ޗެލްސީ ދޫކޮށްލީ އެ ޓީމުން އޭނާ އަށް ދެ އަހަރުގެ ކޮންޓްރެކްޓެއް ނުދިނުމުންނެވެ. އާސެނަލްގެ ކޯޗު މައިކަލް އާޓެޓާ އޭނާ ގެންދިޔައީ ތިން އަހަރުގެ ކޮންޓްރެކްޓެއްގައެވެ.

އުމުރުން މިހާރު 32 އަހަރުގެ މިޑްފީލްޑަރަށްދޭން ޗެލްސީން ބޭނުންވީ އެއް އަހަރުގެ ކޮންޓްރެކްޓެކެވެ. އޭނާއާ ބެހޭ ގޮތުން އާޓެޓާ ބުނީ އަންނަ ސީޒަނަށް އާސެނަލްގެ އެޓޭކިން މިޑްފީލްޑާއި ވިންގަށް ކުޅެން މޮޅު ކުޅުންތެރިން ބޭނުންވާ ކަމަށެވެ. އަދި ވިލިއަން އަކީ ވަރަށް ގިނަ ގޮތުން އާސެނަލްގެ ސްޓައިލަށް ފެތޭނެ އަދި ކުރިއެރުން ގެނެސްދޭނެ ކުޅުންތެރިއެއް ކަމަށެވެ.

އާސެނަލްގެ ޓެކްނިކަލް ޑައިރެކްޓަރު އެޑޫ ބުނީ ވިލިއަން އާސެނަލް އަށް ގެނައީ އޭނާ އަކީ ވަރަށް ގިނަ ގޮތްގޮތުން ދަންނަ ކުޅުންތެރިއަކަށްވާތީ ކަމަށެވެ.