ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުން ރޭ ބާސެލޯނާ ބަލިވި ތަފާތު ބޮޑު ނަތީޖާ ވަކި މީހެއްގެ ބޮލަށް ޖަހަން ބޭނުންނުވާ ކަމަށާއި ނަމަވެސް ކުލަބަށް ބަދަލުތަކެއް ބޭނުންވާ ކަމަށް ކުޅުންތެރިން ބުނެފިއެވެ.
މެޗަށް ފަހު ވައިސް ކެޕްޓަން އަދި ޑިފެންޑަރު ޖެރާޑް ޕީކޭ ބުނީ މިފަދަ ގޮތަކަށް ބަލިވުމުން ވަރަށް ދެރަވެއްޖެކަމަށާއި ކުލަބަށް ބަދަލުތަކެއް ބޭނުންވާ ކަމަށެވެ.
"ކުޅުންތެރިންނަށް އެކަންޏެއްނޫން. ހުރިހާ ގޮތަކުން ވެސް ކުލަބަށް ބަދަލު ބޭނުންވޭ. އަހަރެން ވަކި މީހަކަށް އިނގިލި ދިއްކުރާކަށް ނެތިން،" ޕީކޭ ބުންޏެވެ.
އޭނާ ބުނީ ބާސެލޯނާ ވަރަށް ބޮޑަށް ފަހަތަށް ވެއްޓިއްޖެކަން މިހާރު ގަބޫލުކުރަންޖެހޭ ކަމަށާއި މިހެންވެ ކުލަބުގެ ރޭވުންތެރިކަމާއި ކުލަބުގެ ހުރިހާ ކަމަކަށް ވެސް ބަދަލު ގެންނަންޖެހޭ ކަމަށެވެ.
"ފުޓްބޯޅައިގައި ބަލިވީމަ ވަކި މީހެއްގެ ބޮލަށް ކަންކަން ޖަހަން އަހަރެން ބޭނުމެއްނޫން. އެކަމަކު ގަބޫލުކުރަންވެއްޖެ ހަގީގަތަކީ ބާސެލޯނާ ފަހަތަށް ވެއްޓިއްޖެކަން. އެހެން ކުލަބުތަކަށްވުރެ ބާސެލޯނާ ފަހަތަށް ގޮސްފި. މި ހަގީގަތް ގަބޫލުކުރަންޖެހޭ. ކުލަބަށް ހުރިހާ ގޮތަކުން ވެސް ބަދަލު ގެންނަން ޖެހެނީ މިހެންވެ،" ޕީކޭ ބުންޏެވެ.
ސްޕޭނުގެ މީޑިއާ ރިޕޯޓްތައް ގޮތުން ޕީކޭގެ ވާހަކަ އަމާޒުކުރީ ކުލަބުގެ މިހާރުގެ ރައީސާއި ބޯޑަށެވެ. އަދި އާ ރައީސަކު ހޮވަން އިންތިހާބު އަންނަ އަހަރަށް ލަސްނުކޮށް ބާއްވަންޖެހޭ ކަމަށް ގޮވާލާ ފަރާތްތައް ދަނީ އެއްދުވަހުން އަނެއް ދުވަހަށް ގިނަވަމުންނެވެ.
މެޗަށް ފަހު ކޯޗު ކީކޭ ސެޓިއެން ބުނީ އޭނާ ކުލަބުގައި ހުންނާނެތޯ ނުވަތަ ނޫންތޯ ބުނަން ބޭނުންނުވާ ކަމަށެވެ. އަދި އޭނާ ކުލަބުގައި ހުރީ އެންމެ ހަތަރު މަސްދުވަހު ކަމަށާއި ނަމަވެސް ކަންތައްތައް ދިޔައީ ރަނގަޅަށްނޫންކަން އެންމެނަށް ވެސް އެނގޭ ކަމަށެވެ.
މަގާމުން ވަކިކުރާނެ ކަމަށް ބެލެވިފައިވާ ސެޓިއެން ބުނީ ކުލަބަށް ބަދަލުގެންނަން ޖެހޭކަމަށް ޕީކޭ ބުނެފިކަމަށްވާނަމަ އެކަމުގެ ފަހަތުގައި ސަބަބުތަކެއްވާނެ ކަމަށެވެ. އަދި ޕީކޭ އަކީ ބާސެލޯނާގައި ގިނަ ދުވަސްތަކެއް ވަންދެން ކުޅުނު ކުޅުންތެރިއަކަށްވާއިރު އޭނާ އަށް ގިނަ ކަންތައްތަކެއް އެނގޭނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.