ޚަބަރު

ކޯވިޑް-19 : 60 ދުވަހުގެ ތެރޭގައި 3،500 އަށްވުރެ ގިނަ މީހުން ޕޮޒިޓިވްވެއްޖެ


ކޯވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އެޅި ފިޔަވަޅުތަކަށް ލުއިދިންތާ މިއަދަށް 60 ދުވަސް ވެފައިވާއިރު، މިވީ 60 ދުވަހުގެ ތެރޭގައި ޕޮޒިޓިވްވި މީހުންގެ އަދަދު 3،500 އަށްވުރެ މައްޗަށް އަރައިފިއެވެ.

އެޗްޕީއޭއިން މިއަދު ހާމަކުރި ތަފާސް ހިސާބުތަކާއިއެކު ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދުވަނީ 5572 އަށް އަރާފައެވެ. އިއްޔެ އިރުއޮއްސި 6:00 އިން މިރޭ އިރުއޮއްސި 6:00 އާއި ހަމަޔަށް ރާއްޖެއިން ވަނީ 78 މީހަކު ޕޮޒިޓިވްވެފައެވެ. ޕޮޒިޓިވްވި މީހުންގެ ތެރެއިން 74 މީހުން ޕޮޒިޓިވްވެފައި ވަނީ ގުރޭޓާ މާލެ އޭރިއާއިންނެވެ. 4 މީހުން ޕޮޒިޓިވްވެފައި ވަނީ އަތޮޅުތަކުންނެވެ.

ޕޮޒިޓިވްވި މީހުންގެ ތެރޭގައި މިއަދުވެސް ގިނައީ ދިވެހިންނެވެ. އެގޮތުން މިއަދު 46 ދިވެއްސަކު ވަނީ ޕޮޒިޓިވްވެފައެވެ. އަދި ބަންގުލަދޭޝްގެ 25 މީހުން ޕޮޒިޓިވްވެފައި ވާއިރު، ދެން ޕޮޒިޓިވްވެފައި ވަނީ އިންޑިއާގެ 4 މީހުންނާއި، ނޭޕާލްގެ މީހަކާއި ސްރީލަންކާގެ 2 މީހެކެވެ.

ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މިއަދު 90 މީހަކު ބަލިން ރަނގަޅުވެފައިވާކަމަށްވެސް އެޗްޕީއޭއިން ވަނީ ހާމަކުރައްވާފައެވެ. މިއާއެކު ރާއްޖެއިން މިބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ، 3010 އަށް އިތުރުވެފައެވެ.

ރާއްޖެއިން އެންމެ ފުރަތަމަ ކޯވިޑް-19އަށް މީހަކު ޕޮޒިޓިވް ވެފައިވަނީ މިއަހަރުގެ މާޗް މަހުގެ 7 ވަނަ ދުވަހުގައެވެ. މާޗް 7 ވަނަ ދުވަހުން ފެށިގެން މިއަދާއި ހަމަޔަށް 160 ދުވަސް ވެފައިވާއިރު، ބަލި ފެނުނު ފުރަތަމަ ތިން މަހު ގިނައިން ޕޮޒިޓިވް ވެފައިވަނީ ރާއްޖެއިން ބޭރު މީހުންނެވެ. އޭގެ ތެރޭގައި ރާއްޖެއަށް ޗުއްޓީ ހޭދަކޮށްލުމަށް އައި ފަތުރުވެރިންނާއި ރާއްޖޭޭގައި މަސައްކަތް ކުރާ އެކި ޤައުމުތަކުގެ މީހުން ހިމެނެއެވެ. އޭގެތެރޭގައި އެންމެ ގިނައިން ޕޮޒިޓިވް ވެފައިވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ މީހުންނެވެ.

ކޯވިޑް-19އިން ރައްކާތެރިވުމުގެ ގޮތުން ރާއްޖޭގައި އަޅަމުންދިޔަ ފިޔަވަޅުތައް އިތުރަށް ހަރުދަނާ ކޮށްފައިވަނީ މާޗްމަހުގެ 15 ވަނަ ދުވަހުން ފެށިގެންނެވެ. އެފިޔަވަޅުތަކަށް ލުއި ދީފައިވަނީ ޖޫން މަހުގެ 15 ވަނަ ދުވަހުގައެވެ. ޖޫން 15 ވަނަ ދުވަހުނެ ފެށިގެން މިއަދައި ހަމަޔަށް މިވީ 60 ދުވަހުގެ ތެރޭގައި އެކަނިވެސް ރާއްޖެއިން މިވަނީ 3،500 އަށްވުރެ ގިނަ މީހުން ބައްޔަށް ޕޮޒިޓިވް ވެފައެވެ. މިވީ 60 ދުވަހުގެ ތެރޭގައި ޕޮޒިޓިވްވި ދިވެހިންގެ އަދަކީ 2359 އެވެ. ބިދޭސީންގެ އަދަދު އުޅެނީ 1158 ގައެވެ.

ޖޫން މަހު ފުރަބަންދަށް ލުއިދިން ތާރީހުން ފެށިގެން އެމަހުގެ 31 ވަނަ ދުވަހާއި ހަމަޔަށް 326 މީހަކު ޕޮޒިޓިވް ވެފައިވާއިރު، ޖުލައި މަހުގައިވަނީ 1412 މީހަކު ޕޮޒިޓިވްވެފައެވެ. ޖުލައި މަހު ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދަށް ބަލާއިރު އެމަހު އެވަރެޖުކޮށް ދުވާލަކު ގާތްގަނޑަކަށް 45 މީހުން ޕޮޒިޓިވް ވެފައިވެއެވެ. އަދި މިމަހުގެ މިހާތަނަށް 1779 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. މިމަހުގެ މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދަށް ބަލާއިރު މިދިޔަ 14 ދުވަހު އެވަރެޖުކޮށް ދުވާލަކު 127 މީހުން ޕޮޒިޓިވް ވެފައިވެއެވެ.

ކޯވިޑް-19ގެ ނުރައްކާ މިއަދަދުތަކުން ދައްކާއިރު، ބަލީގައި މަރުވާ މީހުންގެ އަދަދުވެސް ދަނީ އިތުރުވަމުންނެވެ. މިހާތަނަށް ރާއްޖެއިން ކޯވިޑް-19 ޖެހުނު 22 މީހަކު ވަނީ ނިޔާވެފައެވެ. އަދި މިވަގުތުވެސް ނާޒުކު ހާލަތުގައި ފަރުވާ ހޯދަމުންދާ މީހުންވެސް ތިބިކަމަށް ޑޮކްޓަރުން ވިދާޅުވެއެވެ. ކޮންމެ ދުވަހަކު ބަލި ޖެހޭ މީހުންގެ އަދަދު 100 އިން މަތީގައި އުޅޭއިރު ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅު އަޅައި ބައްޔާއިމެދު ވަރަށް ސީރިއަސްކޮށް ވިސްނަން މިވަނީ ޖެހިފައެވެ.

ބަލީގެ ނުރައްކާތެރިކަން ކުޑަކަމަށް ބައެއް މީހުން ދެކުނު ނަމަވެސް ރާއްޖެއިން މިހާރު ބަލި ފެންނަމުންދާ ނިސްބަތާއި، ބަލީގައި ފަރުވާދޭންޖެހޭ މީހުންގެ އަދަދުތަކުން ބަލީގެ ނުރައްކާ އޮތްމިންވަރު ހާމަވެއެވެ. އެޗްޕީއޭއާއި ކަމާއި ބެހޭ ފަރާތްތަކުން ދެއްވާ އިރުޝާދުތަކަކީ ބަލި ކޮންޓްރޯލް ކުރުމަށް ދެއްވާފައިވާ އިރުޝާދުތައްކަމަށް ޤަބޫލުކޮށް އެކަންކަމަށް ދޭންޖެހޭ ސަމާލުކަން ދެއްވައި ފަރުދީ ޒިންމާ އަދާކުރުމަކީ މިވަގުތު ކޮންމެ މީހެއްގެވެސް ގައުމީ ކަމެއްގެ ގޮތުގައި ދެކުމަށް ޑޮކްޓަރުން ދަނީ އިލްތިމާސް ކުރައްވަމުންނެވެ.