ޚަބަރު

އީރާނަށް ހަތިޔާރު ވިއްކުން ހުއްޓާލުމާގުޅޭގޮތުން ސަލާމަތީ މަޖިލީހުގެ ވޯޓުލުން ކުރިއަށްދަނީ


އީރާނަށް ހަތިޔާރު ވިއްކުން މަނާކުރާ އެއްބަސްވުމާ ގުޅޭގޮތުން ވޯޓުނެގުން އދގެ ސަލާމަތީ މަޖިލީހުގައި ފެށިއްޖެއެވެ. ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި 15 މެންބަރުންގެ މައްޗަށް އެކުލެވިގެންވާ ސަލާމަތީ މަޖިލީހުން އެ މައްސަލައަށް ވޯޓުލައި ނިންމާނެއެވެ.

އެމެރިކާއިންވަނީ އީރާނަށް ހަތިޔާރު ވިއްކުން މަނާކުރާ އެއްބަސްވުމުގެ މުއްދަތު އަންނަ އޮކްޓޯބަރު މަހުގައި ހަމަވުމުން އެ އެއްބަސްވުން އަލުން އައުކުރުމަށް ހުށަހަޅާފައެވެ. ދާއިމީ މެންބަރުކަން ކުރާ ޤައުމުތައް ކަމުގައިވާ ރަޝިޔާއާއި ޗައިނާ އާއި އެމެރިކާއާއި އިނގިރޭސިވިލާތް އަދި ފަރަންސޭސިވިލާތް ކުރެ އެއްވެސް ޤައުމަކުން ހުށަހެޅުމާ ދެކޮޅު ހަދައިފިނަމަ ފާހެއް ނުކުރެވޭނެއެވެ. ހުށަހެޅުން ފާސްކުރުމަށް ސަލާމަތީ މަޖިލީހުގެ 9 ޤައުމުގެ ތާޢީދުވެސް ބޭނުންވެއެވެ.

ހުށަހެޅުންތައް ބާޠިލްކުރުމުގެ ބާރު ލިބިފައިވާ ރަޝިޔާއާއި ޗައިނާއިން އެމެރިކާގެ ހުށަހެޅުމާ ދެކޮޅެވެ. ސަލާމަތީ މަޖިލީހަށް ނިސްބަތްވާ ޤައުމުތަކުގެ ތާޢީދު ހޯދުމަށް އެމެރިކާއިންވަނީ އެ ޤައުމުގެ ހުށަހެޅުމަށް ބަދަލު ގެނެސް، ހަތިޔާރު ވިއްކުން މަނާކުރާނީ އެނޫން ގޮތަކަށް އެ މަޖިލީހަށް ފެންނަންދެންކަމަށް ހުށަހަޅާފައިވާ އައު އެއްބަސްވުމުގައި ބަޔާންކޮށްފައެވެ. އެ އެއްބަސްވުމަކީ ބައިނަލްއަޤްވާމީ ސަލާމަތާ ރައްކާތެރިކަމާ އަމާންކަމަށް ކޮންމެހެން މުހިންމު އެއްބަސްވުމެއްކަމަށް އެމެރިކާއިން ބުނެއެވެ. ނަމަވެސް އެމެރިކާގެ ހުށަހެޅުން ފާސްވާނެކަމަށް ނުބެލެވޭކަމަށް ޚާރިޖީ ދާއިރާގެ މާހިރުންނާއި މަޝްރަހު ދިރާސާކުރާ ފަރާތްތަކުންވަނީ އަންދާޒާކޮށްފައެވެ.

އީރާނަށް ހަތިޔާރު ވިއްކުން މަނާކުރާ އެއްބަސްވުން އައު ކުރުމުގައި އެމެރިކާއިން ނާކާމިޔާބުވެއްޖެނަމަ 2015ވަނަ އަހަރުގެ ނުއުކުލިއާ އެއްބަސްވުމުގެ ދަށުން އީރާނާ ދެކޮޅަށް އދން އަޅާފައިވާ ހުރިހާ ދަތިކުރުމުގެ ފިޔަވަޅުތައް އަލުން ރުޖޫޢަކުރާނެކަމުގެ އިންޒާރު އެމެރިކާއިންވަނީ ދީފައެވެ. ނަމަވެސް 2018ވަނަ އަހަރު އެމެރިކާއިންވަނީ ނިއުކްލިއަރ އެއްބަސްވުމުން ވަކިވެފައެވެ.

އީރާނަށް ހަތިޔާރު ވިއްކުން މަނާކުރާ އެއްބަސްވުން ފާސްނުކުރެވިއްޖެނަމަ އެ ޤައުމާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް އެމެރިކާއިން ކުރާ މަސައްކަތް ހުއްޓުވުމަށް ޗައިނާއާއި ރަޝިޔާއާއި ސަލާމަތީ މަޖިލީހުގައި ހިމެނޭ އެހެން ޤައުމުތަކުން ޢަމަލުކުރާނެ ގޮތެއް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ. އެ ޙާލަތަށް ގޮސްފިނަމަ އެ މައްސަލައަށް އިތުރު ގޮންޖެހުންތައް ކުރިމަތިވާނެކަމަށް މަޝްރަހު ދިރާސާކުރައްވާ ފަރާތްތަކުން ބުނެއެވެ.