ޚަބަރު

ތައިލޭންޑުގެ އައު ވަޒީރުން މަޤާމުގެ ހުވައިކުރައްވައިފި


ތައިލޭންޑުގެ ވަޒީރުންގެ މަޖިލީހަށް އައްޔަނުކުރި އައު މެންބަރުން ހުވައިކުރައްވައިފިއެވެ.

މިދިޔަ މަހު ތައިލޭންޑުގެ ވަޒީރުންގެ މަޖިލީހުގެ 6 މެންބަރުންވަނީ ސިޔާސީ ކޯޅުންތަކެއްގެ ސަބަބުން އިސްތިޢުފާ ދެއްވާފައެވެ. ޚާއްޞަ ރަސްމިއްޔާތެއްގައި އެ ބޭފުޅުންގެ ބަދަލުގައި އެ މަޤާމުތަކަށް އައްޔަނުކުރެއްވި އައު ވަޒީރުންވަނީ އެ ޤައުމުގެ ރަސްގެފާނު މަހާ ވަތިރަލޮންކޯނުގެ އަރިހުގައި މަޤާމުގެ ހުވައިކުރައްވާފައެވެ. މަޤާމުގެ މަސްޢޫލިއްޔަތު ވަޢުދާ އެއްގޮތަށް ފުރިހަމަ ގޮތުގައި ޢަދާކުރުމަށް ފުރިހަމަ ޞިއްޙަތާއި ޙިކުމަތްތެރިކަން އަލަށް އައްޔަނުކުރި ވަޒީރުންނަށް ލިބުމަށް އެދޭކަމަށް ރަސްގެފާނު މަހާ ވަތިރަލޮންކޯނު ވިދާޅުވިއެވެ. އަދި ޢާންމުންނާއި މުޖުތަމަޢުގެ އުފާވެރިކަމާއި ޤައުމުގައި ޞުލްޙަ މަސަލަސްކަން ޤާއިމްކުރުމަށް ބޭނުންވެލައްވާކަމަށް އޭނާ ވިދާޅުވިއެވެ.

2016ވަނަ އަހަރު ބައްޕާފުޅު އަވަހާރަވުމުން ރަސްކަމާ ޙަވާލުވެވަޑައިގެންނެވި ރަސްގެފާނު މަހާ ވަތިރަލޮންކޯނުއާމެދު ހިތްހަމަނުޖެހި، ތައިލޭންޑުގެ ދަރިވަރުންވަނީ ބޮޑެތި މުޒާހަރާތަކެއް ކޮށްފައެވެ. އައު ވަޒީރުން ހުވައިކުރެއްވި ރަސްމިއްޔާތަކީ ފަހުގެ ތާރީޚެއްގައި ޢާންމުންގެ ތެރެއަށް ރަސްގެފާނު ނިކުމެވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.