ޚަބަރު

2015ވަނަ އަހަރު މާލެ ސިޓީ ކައުންސިލުން ގެއްލުނު ގިނަ އަދަދެއްގެ މުދާ ހޯދައިފި


2015ވަނަ އަހަރު މާލޭ ސިޓީ ކައުންސިލުން ގެއްލުނު ގިނަ އަދަދެއްގެ މުދާ، އިމާރާތެއްގެތެރޭގައި އަޅާނުލާ ދޫކޮށްލާފައި ހުއްޓާ މިއަދު ހޯދައިފިއެވެ. މީގެތެރޭގައި އާއްމުންނާއި ގުޅުންހުރި ގިނަ ލިޔެކިޔުންތައް ހިމެނެއެވެ.

ސިޓީ ކައުންސިލުން ގެއްލުނު ލިޔެކިޔުމާއި މުދަލުގެތެރެއިން ބައެއް މުދަލާއި ލިޔެކިޔުންތައް ފެނިފައިވަނީ ދިވެހިބަހުގެ އެކަޑަމީއާއި އިންވެގެން ހުރި އިމާރާތެއްގެތެރެއިންނެވެ.

ސިޓީ ކައުންސިލްގެ މޭޔަރ ސިފާ މުޙައްމަދު ވިދާޅުވީ ލިޔެކިޔުމާއި މުދާތައް ގެއްލުވާލާފައިވަނީ، ކައުންސިލްގެ މަސައްކަތްތައް އެހެން އިމާރާތަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދަނިކޮށް، 2015ވަނަ އަހަރުގެ އޭޕްރިލްމަހު އޭރުގެ ހައުސިންގ މިނިސްޓްރީން އެތަކެތި ކައުންސިލުން ގެންދިއުމަށްފަހުކަމަށެވެ.

ސިޓީ ކައުންސިލްގެ މިމުދާ އެއިމާރާތުގައި ހުންނަތާ 5 އަހަރަށްވުރެ ގިނަ ދުވަސްވެ، ލިޔެކިޔުންތަކާއި މުދަލަށްވަނީ ބޮޑެތި ގެއްލުންތައް ވެފައެވެ.

2015 ވަނަ އަހަރުން ފެށިގެން މިއަދާހަމައަށްވެސް ސިޓީ ކައުންސިލާއި ޢާއްމުންނާއި ގުޅުންހުރި މުހިންމު ގިނަ ލިޔެއްކިޔުތަކަކާއި، އޮފީހުގައި ބޭނުންކުރި މި މުދަލަށް ވީގޮތެއް އޮތީ ނޭގިކަމަށް ސިފާ ވިދާޅުވިއެވެ. އަދި މިމައްސަލަ ރަނގަޅަށް ބަލައިދިނުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގައި އެދިފައިވާކަމަށް ސިފާ ވިދާޅުވިއެވެ.

"އޭސީސީ، އޮޑިޓް އޮފީހުން އެބައާދޭ އެކި މައްސަލަތަކަށް ބޭނުންވާ ފައިލްތަކާއި ލިޔެކިޔުންތައް ހޯދަން ސިޓީ ކައުންސިލަށް. ބުނަންޖެހެނީ ލިޔެކިޔުންތަކަށް ވީނުވީ ނޭންގެޔޭ. މިފަހަރު މި މައްސަލަ ދުލެއް ނުކުރާނަން. މިނަގާ ގެއްލުވާލި ބަޔަކު ހޯދަން ފުލުހުގައި ދަންނަވާފައިވަނީ." ސިފާ ވިދާޅުވިއެވެ.

ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރ ޝަމާއު ޝަރީފް ވިދާޅުވީ މިއިމާރާތުން ފެނުނު މުދަލުގެ ތެރޭގައި، ބިއްލޫރިގޭގައި ސިޓީ ކައުންސިލް ހިންގިއިރު ބޭނުންކުރި ސަރވާރގެ ބައިތައްވެސް ހުރިކަމަށެވެ. އަދި އާއްމުންނާއި ގުޅުންހުރި އެތައް ލިޔެކިޔުންތަކެއް ފެނިފައިވާކަމަށެވެ.

"ފައިސާ ނެތި ސަރވާއެއް ނުގަނެވި އެތައް ދުވަހެއްވި. މިއަދު މިއެނގުނީ މުހިންމު މަޢުލޫމާތުތަކާއެކު ގެއްލުނު ކައުންސިލްގެ ސަރވަރގެ ބައިތައް މިތާ ހުރިކަން. އަދި ގޭގޭގެ ކުރެހުންތަކުގެ އަސްލުވެސް އެބަހުރި." ޝަމާޢު ވިދާޅުވިއެވެ.

ސިޓީ ކައުންސިލުން ވިދާޅުވީ ސަރވާގެ ބައިތައް ހޯދާ ރިކަވަރ ކުރެވޭނަމަ، އެ މަސައްކަތް ކުރާނެކަމަށެވެ. އަދި ކަރުދާހުގައި ހުރި ލިޔެކިޔުންތައް ބަލައި، މުހިންމު ލިޔެކިޔުންތައް ސްކޭންކޮށް ރައްކާކުރާނެކަމަށެވެ. ނަމަވެސް މިވަގުތު އެންމެ އިސްކަމެއްދޭނީ މިކަން ހިނގާދިޔަގޮތް ބަލައި، އެކަމަށް ޒިންމާވާ މީހުން ފުލުހުންގެ އެހީއާއެކު ހޯދުމަށް ކަމަށް ސިޓީ ކައުންސިލުން ވިދާޅުވެއެވެ.