ޚަބަރު

ސަރުކާރުން އަބަދުވެސް އިންޑިއާގެ ވިޔަފާރިތަކަށް މަރުޙަބާ ކިޔާނެ


ސަރުކާރުން އަބަދުވެސް އިންޑިއާގެ ވިޔަފާރިތަކަށް މަރުޙަބާ ކިޔާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.ރައީސް މިހެން ވިދާޅުވީ ނ.ލަންދޫގެ އާ އިންޖީނުގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.ރައީސް ވިދާޅުވީ، އިންޑިއާއަކީ އަބަދުވެސް ސަރުކާރާއި ގާތްގުޅުމެއް އޮންނަ ގައުމެއް ކަމަށާއި، ޖީއެމްއާރް އެގްރީމެންޓް ބާތިލް ކުރި ނަމަވެސް އިންޑިއާގެ ވިޔަފާރިތަކަށް ދިވެހި ސަރުކާރުން އަބަދުވެސް މަރުހަބާ ކިޔާ ކަމަށެވެ. އަދި އިންޑިއާ އާއި ދިވެހި ސަރުކާރަކީ ދުރު ނުވެވޭނެ ދެ ގައުމު ކަމަށާއި، ރައީސް މައުމޫންގެ ސަރުކާރުން ފެށިގެން ހުރިހާ ސަރުކާރެއްގައިވެސް އެ ގުޅުން އޮތީ ބަދަހި ކޮށް ކަމަށެވެ.އަދި އެންމެ ކުދި ކަންތައްތަކުން ފެށިގެން ބޮޑެތި ކަންތަކާއި ހަމައަށްވެސް އަބަދުވެސް އިންޑިއާގެ އެހީތެރިކަން ލިބެމުން އަންނަ ކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ، 1988 ވަނަ އަހަރު ރާއްޖެއަށް ކުރިމަތިވި އުދުވާނުގައިވެސް އިންޑިއާގެ އެހީތެރިކަން ދިވެހި ސަރުކާރަށް ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ވަރަށް އަވަހަށް ލިބިގެން ދިޔަ ކަމަށެވެ.މީގެ އިތުރުން ރާއްޖޭގެ އިގްތިސާދު ރަނގަޅު ކުރުމަށް ގުރުބާނީތަކެއް ވާންޖެހޭ ކަމަށާއި، ސަރުކާރުން އަބަދުވެސް މަސައްކަތް ކުރައްވާނީ ރައްޔިތުންނަށް ޚިދުމަތް ކުރުމަށް ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މިހާރު ރާއްޖޭގެ އިގްތިސާދު އޮތް ހިސާބުން އިތުރަށް، އިގްތިސާދު ވަރުގަދަ ކުރުމަށް މަސައްކަތް ނުކޮށްފިނަމަ ރާއްޖޭގެ އިގްތިސާދު ސޮއްސާލައިގެން ހިނަގައިދާނެ ކަމުގެ ބިރު އެބައޮތްކަމަށާއި، އިގްތިސާދު ރަނގަޅު ކުރުމަށް ނެތް ވަސީލަތްތައް އުފެއްދުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށް  ރައީސް ވިދާޅުވިއެވެ.ރައީސްގެ ވާހަކަ ފުޅުގައި، ރާއްޖެ ފުދުންތެރި ގައުމަކަށް ހެދުމުގެ މާނައަކީ، ރާއްޖެއަށް އިމްޕޯޓްކުރާ ހުރިހާ ބާވަތެއް ރާއްޖޭގައި އުފެއްދުން ނޫން ކަމަށާއި، ޚަރަދު ކުޑަކުރުމާއި، އިތުރު ވަސީލަތްތައް ހޯދުމަށް މަސައްކަތް ކުރުމަކީވެސް ކުރެވިދާނެ ކަމެއް ކަމަށް ވިދާޅުވިއެވެ.މީގެ އިތުރުން ރާއްޖޭގެ ތަރައްގީގެ އެކި މަޝްރޫއުތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ނ.ލަންދޫ އެކޭ އެއްގޮތަށް ރާއްޖޭގެ ހުރިހާ ރަށަކަށް 24 ގަޑިއިރު ކަރަންޓް ފޯރުކޮށްދިނުމުގެ މަސައްކަތާއި، ސާފު ބޯފެން ފޯރުކޮށްދިނުމުގެ މަޝްރޫއުތައްވެސް ވަރަށް ބާރަށް ކުރިއަށްދާ ކަމަށާއި، މިހާރު ދަތުރު ފަތުރުގެ ނިޒާމު ހުއްޓިފައި ހުރި ހިސާބުތަކަށް ދަތުރު ފަތުރު ފެށުމަށް އިތުރު ގޮތްތަކެއް ހޯދަމުންދާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.