ކުޅިވަރު

ނޭމާ އާއި އެމްބާޕޭގެ ކުރިމަގު އޮތީ ޕީއެސްޖީގައި: ޕީއެސްޖީގެ ޗެއާމަން


ނޭމާއާއި އެމްބާޕޭގެ ކުރިމަގު އޮތީ ޕީއެސްޖީގައި ކަމަށް އެކުލަބުގެ ޗެއާމަން ނަސީރު އަލް ޚަލީފާ ބުނެފިއެވެ.

އޭނާ މިހެން ބުނީ 1995 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް ޕީއެސްޖީ ރޭ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލަށް ދަތުރުކުރި މެޗަށް ފަހުއެވެ. ޕީއެސްޖީ ސެމީ އަށް ދިޔައީ މެޗުގެ ފަހު ހަ މިނިޓްގެ ތެރޭގައި ގާތްގާތުގައި ޖެހި ދެ ގޯލުން 2-1 އިންނެވެ.

މެޗަށް ފަހު ސުވާލުކުރުމުން ޚަލީފާ ބުނީ ޔޫރަޕުގެ އެންމެ ބޮޑެތި ކުލަބުތަކުން ބޭނުންވެގެން އުޅޭ ދެ ކުޅުންތެރިންނަކީ ދުނިޔޭގެ އެންމެ މޮޅު ދެ ކުޅުންތެރިން ކަމަށެވެ. މިހެންވެ އެމީހުން ޓީމުން ދާނެ ގޮތަކަށް ޕީއެސްޖީން އަމަލުނުކުރާނެ ކަމަށެވެ.

މި ދެ ކުޅުންތެރިންގެ ތެރެއިން ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާ ނޭމާ މިހާރު ވެސް ހުރީ އޭނާގެ ކުރީގެ ކުލަބު ބާސެލޯނާއަށް ދާން ބޭނުންވެފައެވެ. ކުރިއަށް އޮތް ސީޒަނަށް ފަހު އެމްބާޕޭ ހޯދުމަށް ސްޕޭނުގެ ރެއާލް މެޑްރިޑުން މަސައްކަތް ކުރާނެއެވެ.

ޚަލީފާ ބުނީ ރޭގެ މެޗުގެ މޮޅު ކުޅުންތެރިއަކީ ވެސް ނޭމާ ކަމަށެވެ. މިހެންވެ މި ދެ ކުޅުންތެރިން ކުލަބު ދޫކޮށްދިއުމަށް ޕީއެސްޖީން ބޭނުންނުވާ ކަމަށާއި އެމީހުން ކުލަބުގައި ބައިތިއްބަން ވިސްނާ ކަމަށެވެ.

ޚަލީފާ ބުނީ ސެމީ ފައިނަލަށް ދިއުމަކީ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ. އަދި ޕީއެސްޖީއަށް ޗެމްޕިއަންސް ލީގު ކާމިޔާބުކުރެވިދާނެކަން ކުޅުންތެރިންނަށް ވިސްނައިދޭންޖެހޭ ކަމަށާއި ސަބަބަކީ ކުލަބަށް އެކަން ނުކުރެވޭނެ ކަމަށް އަބަދުވެސް ގިނަ ބަޔަކު ދެކެމުންދާތީ ކުޅުންތެރިންނަށް ވެސް އެފަދަ ގޮތަކަށް ވިސްނުން ގެންގުޅެވިދާނެތީއެވެ.