ޚަބަރު

ހުޅުމީދޫ ފަނޑިޔާރު މިސްކިތް : ދުނިޔޭގެ ތަރިކައިގެ ލިސްޓަށް


ދިވެހިރާއްޖޭގެ ހިރިގަލު މިސްކިތްތައް ޔުނެސްކޯގެ ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ހިމެނުމުގެ މަސައްކަތް 2008ވަނަ އަހަރުން ފަށައިގެން އަންނަނީ ކުރަމުންނެވެ. އެގޮތުން 2008ވަނަ އަހަރު މާލެ ހުކުރު މިސްކިތް ވަނީ ޔުނެސްކޯގެ ދުނިޔޭގެ ވަގުތީ ތަރިކައިގެ ލިސްޓްގައި ހިމެނިފައެވެ. މާލޭ ހުކުރު މިސްކިތުގެ އިތުރުންވެސް ވަރަށް ގިނަ ހިރިގަލު މިސްކިތްތައް ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުން ފެންނަން ހުރުމުން ގިނަ މިސްކިތްތަކެއް ޔުނެސްކޯގެ ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ހިމެނުމުގެ މަސައްކަތް 2011 ވަނަ އަހަރު ފެށިއެވެ. ނަތީޖާއެއްގެ ގޮތުން ދިވެހިރާއްޖޭގެ 6 މިސްކިތެއް 2013 ވަނަ އަހަރު ޔުނެސްކޯގެ ދުނިޔޭގެ ވަގުތީ ތަރިކައިގެ ލިސްޓްގައި ވަނީ ހިމެނިފައެވެ.

މި 6 މިސްކިތަކީ މާލޭ ހުކުރު މިސްކިތް، މާލޭ ޢީދު މިސްކިތް، އދ. ފެންފުށީ އާސާރީ މިސްކިތް، ރ.މީދޫ އާސާރީ މިސްކިތް، ލ.އިސްދޫ އާސާރީ މިސްކިތް އަދި ހއ. އިހަވަންދޫ އާސާރީ މިސްކިތެވެ. މިހާރު މި މިސްކިތްތައް ޔުނެސްކޯގެ ދުނިޔޭގެ ދާއިމީ ތަރިކައިގެ ލިސްޓުގައި ހިމެނުމަށް ކުރަންޖެހޭ މަސައްކަތްތައްވެސް ދަނީ ކުރަމުންނެވެ.

މި މަސައްކަތްތަކަށް އިތުރު ބާރެއް ލިބިގެން ދިޔައީ މިސަރުކާރުން ވެރިކަމަށް އައިސް ރާއްޖޭގެ ތަރިކައާއި އާސާރު ހިމަޔަތްކުރުމުގެ މަސައްކަތް ވަރުގަދަކުރުމުންނެވެ. އެގޮތުން މިކަމަށް ޚާއްސަކޮށް މިނިސްޓްރީ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖްގެ ނަމުގައި ވަކި ވުޒާރާއެއް އުފައްދަވާ މި މަސައްކަތްތައް ވަނީ ހަލުވިކޮށްފައެވެ.

މާލޭ ހުކުރު މިސްކިތް ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ހިމެނުމުގެ މަސައްކަތުގެ ބޮޑުބައި ނިމިފައިވާ ކަމަށް ހެރިޓޭޖް މިނިސްޓަރ ޔުމްނާ މަޢުމޫން ވަނީ ހާމަކުރައްވާފައެވެ. އެގޮތުން މިނިސްޓަރ ޔުމްނާ ވިދާޅުވީ، ހުކުރު މިސްކިތާއި ގުޅޭ ތާރީޚީ މަޢުލޫމާތު އެއްކޮށް، ކުރަންޖެހޭ ދިރާސާތައް ކޮށްފައިވާކަމަށެވެ. އަދި ހުކުރު މިސްކިތަކީ ދުނިޔޭގެ އެހެން ބިނާތަކާ ތަފާތު ބިނާއެއްކަން ސާބިތުކޮށް މި ލިޔެކިޔުންތައް ޔުނެސްކޯއަށް ހުށަހެޅުމުގެ މަސައްކަތްކުރަމުންދާކަމަށް މިނިސްޓަރ ޔުމްނާ ވިދާޅުވިއެވެ.

މި މަސައްކަތްތައް ކޯވިޑް-19ގެ ޙާލަތުގައިވެސް ނުހުއްޓި ކުރިއަށްދާކަން މިނިސްޓްރީގެ މަސައްކަތްތަކުން ހާމަވެއެވެ. އެގޮތުން މިނިސްޓްރީ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖްގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު ޠާރިޤް ދާދިފަހުން ކުރި ޓުވީޓަކުންވެސް ވަނީ މިކަން ހާމަވެފައެވެ. ސްޓޭޓް މިނިސްޓަރ ކުރެއްވި ޓުވީޓްގައި ވަނީ، ޔުނެސްކޯގެ ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ދިވެހިރާއްޖޭގެ ހިރިގަލު މިސްކިތްތައް ހިމެނުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރަމުންދާކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން ސީރިއަލް ނޮމިނޭޝަންގައި އައްޑޫސިޓީ ހުޅުމީދޫ ފަނޑިޔާރު މިސްކިތާއި ކޯގަންނު ގަބުރުސްތާނު ހިމެނުމުގެ މަސައްކަތް ކުރަމުންދާކަމަށް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިކަމުގެ އުންމީދު ވަރަށްބޮޑުކަމަށް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.

ސްޓޭޓް މިނިސްޓަރގެ ޓުވީޓް

ހުޅުމީދޫ ފަނޑިޔާރު މިސްކިތާއި ކޯގަންނު ގަބުރުސްތާނަކީ ރާއްޖޭގެ މުއްސަނދި ތާރީޚާއި ދިވެހީންގެ އިސްލާމީ ވަޙުދަތާއި، ދިވެހީންގެ ހުނަރުވެރިކަމާއި ފަންނުވެރިކަން ދައްކުވައިދޭ ތަރިކައެކެވެ. 10 މީހުންނަށް އެއްފަހަރާއި ނަމާދުކުރެވޭވަރުގެ ޖާގައިގެ ހުޅުމީދޫ ފަނޑިޔާރު މިސްކިތް ބިނާކޮށްފައިވާކަމަށް ބެލެވެނީ ސުލްތާން އިބްރާހިމް އިސްކަންދަރު 3 ގެ ރަސްކަމުގައި 1586ގައެވެ. 12 ސްކޮއަރ މީޓަރުގެ މި މިސްކިތުގައި މިހާރުވެސް ނަމާދުކުރާކަމަށް ރަށު ރައްޔިތުން ބުނެއެވެ. މި މިސްކިތް ބިނާކުރި އިރު ބިނާކުރީ ވަޅަކާއި ކުޑަވަރެއްގެ ފެންޑާމަކާއި، މިސްކިތަށް އަރަން މަގު ދައްކައިދޭ ގައުތައްވެސް އަދި އަދާޖެހެންދެންވެސް މިސްކިތުގައި އެބަހުރިއެވެ.

ރާއްޖޭގެ އެހެން ހިރިގަލު މިސްކިތްތައް ފަދައިން މި މިސްކިތްވެސް ބިނާކުރެވިފައިވަނީ ހިރިގަލުގެ މަތީގައެވެ. އެގޮތުން މި ސަރަހައްދުގައި ހިރިގަލުގައި ކަނޑާ ނަގާފައިވާ ކަވި ކުރެހުންތައް ފެނިގެންދެއެވެ. މީގެ އިތުރުން މާބޮޑު ޑިޒައިންތަކެއް ނެތް ނަމަވެސް ލަކުޑިން މިސްކިތުގެ މައިގަނޑު ބިނާކޮށްފައިވާކަން ފާހަގަކުރެވެއެވެ.

އައްޑޫ ސިޓީގެ ކޯގަންނު ސަރަހައްދުގައި ހުންނަ މި މިސްކިތް ޚާއްސަ ވާ އަނެއް ސަބަބަކީ މި މިސްކިތް ވަށައިގެން އޮންނަ ކޯގަންނު ގަބުރުސްތާނުގެ ސަބަބުންނެވެ. އެގޮތުން މި ގަބުރުސްތާނަކީ ރާއްޖޭގައި އެންމެ ގިނަދުވަސްވީ އެންމެ އާސާރީ ގަބުރުސްތާނެވެ. އެގޮތުން މި ގަބުރުސްތާނުގައި ހިރިގަލުން ހަދާފަައިވާ 500އަށް ވުރެ ގިނަ މަހާނަގާ ހުރިއިރު، މި ގަބުރުސްތާނުގެ މަހާނަގާތަކަކީވެސް އެހެން މަހާނަ ގައުތަކާއި ތަފާތު ގައުތަކެކެވެ. އެގޮތުން ޙާފިޒުންނާއި އިސްފަރާތްތަކުގެ މަހާނަ ގާތަކުން ހިރގަލުގެ މަސައްކަތްތެރިންގެ ޗާލު އަދި ކަވި އަތު މަސައްކަތްތެރިކަމުގެ މަންޒަރުތައް ފެނެއެވެ. މި ގަބުރުސްތާނުގައި އެކި ސައިޒުގެ މަހާނަ ގާތައް ހުރިއިރު އެންމެ ބޮޑު ގަލަކަށް ހުރީ 2.4 މީޓަރު ދިގު ގަލެކެވެ. މި ގަބުރުސްތާނުގައި 15 ޒިޔާރަތެއް ހުރިކަން ފަތްފުތްތަކުން ހާމަވެވެ.

މީގެ އިތުރުން މި ގަބުރުސްތާނު ސަރަހައްދުގައި 6 މިސްކިތެއް ހުރިކަންވެސް މި ފަތްފުއްތަކުން ހާމަވެއެވެ. އެހެންނަނަވެސް މިހާރު ފެންނަން ހުރީ މީގެ ތެރެއިން 4 މިސްކިތެކެވެ. މީގެ ތެރޭގައި ހިމެނެނީ، 1397މ ގައި ބިނާކުރިކަމަށް ބެލެވޭ ކޯގަނު މިސްކިތާއި، 1403މ ގައި ބިނާކުރިކަމަށް ބެލެވޭ ބޯދާ މިސްކިތް، 1417މ ގައި ބިނާކުރިކަމަށް ބެލެވޭ އަތަރަ މިސްކިތް އަދި 1586މ ގައި ބިނާކުރިކަމަށް ބެލެވޭ ފަނޑިޔާރު މިސްކިތެވެ.

ކޯގަންނު ސަރަހައްދު ވަކި ކުރަން ވަށާ ފާރެއް މި ސަރަހައްދު ތަރައްޤީކުރި އިރު ނުރާނާކަމަށް ބުނެވެއެވެ. އެހެންނަމަވެސް ރާއްޖޭގެ އެންމެ ފުރަތަމަ ރައީސުލްޖުމްހޫރިއްޔާ ސުމުއްވުލް އަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނުގެ ވެރިކަމުގައި މީލާދީން 1953 ގައި މި ސަރަހައްދުގެ ރައްކާތެރިކަމަށްޓަކައި މި ސަރަހައްދުގައި ވަށާ ފާރެއް ރޭނުއްވިއެވެ. މީގެ އިތުރުންވެސް މި މިސްކިތުގެ ރައްކާތެރިކަމައްޓަކައި މަރާމާތުކޮށް އަދި އާބާތުރަ ފިލުވުމަށް އެކި ރަސްކަމުގަޔާއި، ސަރުކާރުތަކުގައި މަސައްކަތް ކުރެވިފައިވެއެވެ. އެގޮތުން ފަނޑިޔާރު މިސްކިތުގެ ފުރާޅު ވަނީ އެކި ފަހަރު މަތިން ބަދަލުކުރެވިފައެވެ.

ހުޅުމީދޫ ފަނޑިޔާރު މިސްކިތް ޔުނެސްކޯގެ ދުނިޔޭގެ ވަގުތީ ތަރިކައިގެ ލިސްޓްގައި ހިމެނުމުން މި މިސްކިތް ވެގެންދާނީ، މި ލިސްޓްގައި ހިމެނޭ ރާއްޖޭގެ 7 ވަނަ ހިރިގަލު މިސްކިތަށެވެ.