ޚަބަރު

"ގްރީން ލައިފް އިނީޝިއޭޓިވް"ގެ ދަށުން ދެ ގެއެއްގައި ސޯލާ ޕެނަލް ހަރުކޮށްފި


ކަރަންޓަށް ކުރާ ހޭދަ ކުޑަކޮށް، ތިމާވެއްޓާއި ރައްޓެހި ހަކަތަ އުފެއްދުމަށް ސްޓެލްކޯއިން އެ ކުންފުނީގެ ކަސްޓަމަރުންނާއި ގުޅިގެން ޚާއްސަ ޕްރޮގްރާމެއް ފަށައިފިއެވެ.

ސްޓެލްކޯއިން ކުރިއަށްގެންދާ "ގްރީން އިނީޝިއޭޓިވް" ޕްރޮގްރާމްގެ ދަށުން އެކުންފުނިން ސޯލާ ޕެނަލްތައް ވަނީ ވިއްކަން ފަށާފައެވެ. އަދި މިމަޝްރޫއުގެ ފުރަތަމަ ބުރުގެ ދަށުން ސޯލާ ޕެނަލްތައް ހަރުކޮށް ކާމިޔާބުކަމާއެކު ކަސްޓަމަރުން ބޭނުންކުރަން ފަށާފައިވާ ކަމަށް ސްޓެލްކޯއިން ބުނެއެވެ.

ސްޓެލްކޯއިންވަނީ އެކުންފުނީގެ ކަސްޓަމަރުންނަށް، ކުންފުނި މެދުވެރިކޮށް އަވިން ހަކަތަ އުފައްދާ ނިޒާމު ޤާއިމުކުރުމުގެ ފުރުސަތު ފަހިކޮށްދީފައެވެ.

ޕީއެސްއެމްއާއި ވާހަކަދައްކަވަމުން ސްޓެލްކޯގެ ސީނިއަރ މެނޭޖަރ އަޙްމަދު އިބްރާޙިމް ވިދާޅުވީ މި ޕްރޮޖެކްޓްގެ ދަށުން މިހާތަނަށް މިކަމަށް އެދުނު ދެ ގެއެއްގައި އަވިން ހަކަތައުފައްދާ ނިޒާމު (ސޯލާ ޕެނަލް) ހަރުކުރުމުގެ މަސައްކަތް ނިންމާ ބޭނުންކުރަން ފަށާފައިވާކަމަށެވެ. މި ޕްރޮޖެކްޓްގެ ދަށުން މިހާތަނަށް ސޯލާ ޕެނަލް ގުޅާފައި ވަނީ އާއްމުން ދިރިއުޅޭ ދެ ގެއެއްގައެވެ. އެއީ ސްޓެލްކޯއިން ޚިދުމަތް ހޯދަމުން އަންނަ މާލޭގެ ކަސްޓަމަރަކާއި ހުޅުމާލޭގެ ކަސްޓަމަރެއްގެ ގޭގައެވެ.

ގޭގޭގައި ސޯލާ ޕެނަލް ހަރުކުރުމަށް ވެދޭ އެހީގެދަށުން ޕެނަލް ބްލޮކްސް ބެހެއްޓުމާއި، ޓްރާންސްފޯމަރާއި ކަރަންޓު ގްރިޑް ގުޅާދިނުން ހިމެނޭކަމަށެވެ. އެގޮތުން މިބުރުގައި 2 ގެއަށްވެސް ގުޅާފައިވަނީ ޕީކްގައި 1.32 ކިލޯވޮޓްގެ ކަރަންޓު އުފެދޭނެ ސިސްޓަމެކެވެ. މި ސިސްޓަމްތައް ޓެސްޓްކޮށް ބޭނުންކުރަން ފަށާފައިވާއިރު، 2000 ރުފިޔާ ކަރަންޓު ބިލަށް އަރާ ގެއަކުން 650 ރުފިޔާ މަހަކު ބިލުން އުނިވެގެންދާނެ ކަމަށް ސްޓެލްކޯއިން ބުނެއެވެ.

އަޙްމަދު އިބްރާޙިމް ވިދާޅުވީ ކުންފުނީގެ "ގްރީން ލައިފް އިނީޝިއޭޓިވް" ޕްރޮގްރާމްގެ ދަށުން ހިންގާ މި ޕްރޮޖެކްޓްގައި، ސޯލާ ޕެނަލްއިން އުފައްދާ ހަކަތަ ގެއަށް ބޭނުންކޮށް އިތުރުވާނަމަ ސްޓެލްކޯގެ ގްރިޑަށް ނަގާނެކަމަށާއި ބޭނުންވާ މިންވަރަށް އިރުގެ އަލި ނުލިބޭނަމަ އެގެއަށް ބޭނުންވާ ހަކަތަ ސްޓެލްކޯއިން ފޯރުކޮށްދޭނެކަމަށެވެ.

ސްޓެލްކޯއިން ސޯލާޕެނަލް ވިއްކައިގެން ކުރިއަށްގެންދާ މި ޕްރޮޖެކްޓަކީ އާއްމުން ތިމާވެއްޓާއި ރައްޓެހި ގޮތްތަކަށް ހޭލުންތެރިކުރުމަށް ކުރިއަށްގެންދާ ޕްރޮގެރާމެކެވެ. ސްޓެލްކޯއިންވަނީ އެ ކުންފުނީގެ ހުރިހާ ކަސްޓަމަރުންނަށްވެސް މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައެވެ. އެގޮތުން މިހާރުވެސް އިތުރު ގެއެއްގައި ޕެނަލް ހަރުކުރުމަށް ނިންމާފައިވާކަމަށާއި، އަދި އިތުރު 6 ގޭގައި ޕެނަލް ހަރުކުރުމާއި ގުޅޭގޮތުން ކުންފުންޏާއިއެކު ވާހަކަދައްކަވަމުން ދާކަމަށެވެ. އަދި 4 ވިޔަފާރިއަކުން ވެސް ސްޓެލްކޯއާއިއެކު މަޝްވަރާކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

މާލޭގެ އިތުރަށް މާލޭ ސަރަޙައްދުގެ ގިނަ ރަށްތަކަކަށް ސްޓެލްކޯއިން ދަނީ ކަރަންޓުގެ ޚިދުމަތްދެމުންނެވެ. މިރަށްތަކަށްވެސްވަނީ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައެވެ.