ކުޅިވަރު

މައިލޯ ކިޑްސް ފެސްޓިވަލްގައި މިފަހަރު 27 ސްކޫލަކުން ބައިވެރިވޭ


މައިލޯ ކިޑްސް ފުޓްބޯލް
ފެސްޓިވަލްގައި މިއަހަރު ހަތާވީސް ސްކޫލަކުން ބައިވެރިވެފައިވާކަމަށް ފެސްޓިވަލް
އިންތިޒާމް ކުރާ މޯލްޑިވްސް ސޮކާރ ވެޓްރެންސް އެސޯސިއެޝަނުން ބުނެފިއެވެ.

 މިފެސްޓިވަލް އިންތިޒާމް ކުރުމުގައި އެންމެ އިސްކޮށް އުޅޭ އެއް ފަރާތްކަމުގައިވާ
އަލީ ޝަމީމް ބުނީ މިއީ ކުޑަކުދިނަން ރާއްޖޭގައި އޮންނަ މުބާރާތްތައް ނުވަތަ
ކުޅުމުގެ ފުރުސަތު ލިބުމުގައި ދަތިތަކެއް ހުރުމުންނާ، ޕްރީ ސްކޫލާއި، ގްރޭޑް އެކެއްގެ ވީހާވެސް ގިނަ ކުދިނަށް ކުޅުމުގެ ފުރުސަތު ހޯދައިދިނުމުގެ ގޮތުން ބާއްވާ
ފެސްޓިވަލެއްކަމަށެވެ. މިއަހަރުގެ މިފެސްޓިވަލްގައި 27 ސްކޫލަކުން ބައިވެރިވެފައިވާއިރު، 228 މެޗް ކުޅޭނެއެވެ. އަދި މުޅި
ޖުމްލަ މިފެސްޓިވަލްގައި 504 ކުދިން ބައިވެރިވާނެއެވެ. އަލީ ޝަމީމް ބުނީ
މިފެސްޓިވަލް ބަހާލާފައިވަނީ ދެ ކެޓަގަރީއަށްކަމަށެވެ. އެއީ ޕްރީ ސްކޫލް ކުދިންގެ
ކެޓަގަރީއާއި ގްރޭޑް އެކެއްގެ ކުދިންގެ ކެޓެގަރީއެވެ. މިއިން ކޮންމެ
ކެޓަގަރީއެއްގައި ސާދަ ސްކޫލަކުން ބައިވެރިވެފައިވާކަމަށް އަލީ ޝަމީމް ބުންޏެވެ. މި ސާދަ ޓީމް ތިން ގްރޫޕަކަށް
ބަހާލާފައިވާއިރު، އެއީ ފަސް ޓީމްގެ ދެ ގުރޫޕާއި ހަތަރު ޓީމްގެ އެއް ގުރޫޕެވެ.



"  މީގަ ކުޅެން ހަމަޖެހިފައިވަނީ ފުރަތަމަ އެއް ބުރު ކުޅެފަ، އޭގެތެރެއިން ނުވަ
ޓީމެއް މިދަނީ ދެވަނަ ބުރަށް. ދެނަވަ ބުރު ކުޅެފަ އޭގެތެރެއިން ހަ ޓީމެއް
މިދަނީ ތިންވަނަ ބުރަށް. ތިންވަނަ ބުރުން ހަތަރު ޓީމް ދަނީ ސެމީ ފައިނަލަށް. އަދި
ކުރޮސްކޮށް ކުޅެގެން އެތަނުން ދެ ޓީމް ފައިނަލަށް ދާނީ. މީ ދެ ކެޓަގަރީގަވެސް
ކުޅުމަށް ހަމަޖެހިފައިވާ ގޮތަކީ. މީގަ ދެން އަންނަ ތަފާތަކީ ފުރަތަމަ ބުރުން ކަޓާ ފަސް ޓީމް، ސާދަ ޓީމްގެ ތެރެއިން ފަސް ޓީމް ދަނީ ޕްލޭ ކޮމްޕެޓިޝަންއަށް. ޕްލޭ
ކޮމްޕެޓިޝަންގައި މީގެ ކޮންމެ ޓީމެއް ހަތަރު މެޗް ކުޅޭނެ. އޭގެތެރެއިން އެއް
ޓީމް ދާނީ ސީދާ ފައިނަލަށް. އަނެއްކާވެސް ދަވަނަ ބުރަށް އަންނަ ނުވަ ޓީމްގެ
ތެެރެއިން ތިން ޓީމް ކެޓުމަށްފަހު، އަނެއް ތިން ޓީމް ތިން ޓީމާ ކުޅުމަށްފަހު
އެންމެ މޮޅު ޓީމް ދަނީ ޕްލޭ ކޮމްޕެޓިޝަންގެ ފައިނަލަށް." އަލީ ޝަމީން ބުންޏެވެ.

މިމަހުގެ ނުވަޔަކުން ބާރައަށް
ކުރިއަށްގެންދާ މިފެސްޓިވަލްގެ ހުރިހާ ކަންތައްތަކެއް މިހާރު ގާތްގަނޑަކަށް
ނިމިފައިވާކަމަށާ މިހާރު ތައްޔާރުވަމުންދަނީ މިފެސްޓިވަލްގެ ޑުރޯ ސެރަމަނީއަށްކަމަށް އަލީ ޝަމީމް ބުންޏެވެ. މައިލޯއިން ސްޕޮންސާރކޮށްގެން ކުރިއަށްގެންދާ މިފެސްޓިވަލަކީ ޔޫތް މިނިސްޓްރީއާއި އެޑިއުކޭޝަން މިނިސްޓްރީއާއި، އެފްއޭއެމްއާއި، ދިވެހި ސިފައިންނާއި، މޯލްޑިވްސް ޕޮލިސް ސާވިސް
އަދި އެސްޓާރސްގެ އެހީތެރިކަމާއެކު ކުރިއަށްގެންދާ ފެސްޓިވަލެއްކަމަށްވެސް އަލީ
ޝަމީމް މަޢުލުމާތުދިނެވެ.