ޚަބަރު

އާއިލާތަކަށް މިހާރުވެސް ފެސިލިޓީތަކުގެ ތިބި މީހުންނަށް ޒަރޫރީ ތަކެތި ފޮނުވޭނެ: އެޗްޕީއޭ


ކަރަންޓީން ފެސިލިޓީތަކުގައި ތިބޭ ފަރާތްތަކަށް ތަކެތި ފޮނުވުމަށް ބޭނުންވާ މީހުންނަށް އެ ފުރުސަތު މިހާރުވެސް ހުޅުވުފައިއޮތްކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން ވިދާޅުވެއްޖެއެވެ.

އެޗްޕީއޭއިން ވިދާޅުވީ ފެސިލިޓީތަކުގައި ތިބޭ އާއިލާގެ މީހުންނާއި ރަޙުމަތްތެރިންނަށް ތަކެތި ފޮނުވުމަށް ބޭނުންވާ ފަރާތްތަކުން ދަރުބާރުގޭގެ (މޫނިމާ ހިނގުމުގައި ހުންނަ ދޮރޯށިން) ތަކެތި ހަވާލުކުރުމުގެ ކަންކަން ކުރިއަށްގެންދެވޭނެ ކަމަށެވެ.

ދަރުބާރުގެއިން ތަކެތި ބަލައިގަންނަނީ ކޮންމެ ހަފްތާއެއްގެވެސް ހޮނިހިރު ދުވަހާއި ބުދަ ދުވަހުގެ ހެނދުނު، 11:00އިން މެންދުރުފަހު 3:00 އާއި ދެމެދުއެވެ.

އެޗްޕީއޭއިން ވިދާޅުވީ މިގޮތަށް ތަކެތި ފޮނުވާއިރުވެސް ފެސިލިޓީތަކުގައި ތިބޭ މީހުންނަށް ބޭނުންވާ އެއްމެ ޒަރޫރީ ތަކެތި ފޮނުވުމަށް އިލްތިމާސްކުރާ ކަމަށެވެ. މިގޮތަށް އާއިލާތަކުން ފޮނުވާ ތަކެތި ފެސިލިޓީތަކުގައި ތިބޭ ފަރާތްތަކާއި ހަވާލުކުރަނީ އެޗްޕީއޭގެ ފަރާތުންނެވެ.

ކޯވިޑް 19ގެ ސަބަބުން މިވަގުތު 1507 މީހުން ކަރަންޓީން އާއި އައިސޮލޭޝަން ފެސިލިޓީތަކުގައި އެބަތިއްބެވެ.

ރާއްޖޭގައި މިވަގުތު ކޯވިޑް 19ޖެހިގެން 2354 މީހުންނަށްދަނީ ފަރުވާދެމުންނެވެ.