ޚަބަރު

ރައީސް ޔާމީން ދައުލަތައް ދައްކަންޖެހޭ ފަސް މިލިއަން ޑޮލަރު ހޯދުމަށް މީރާއަށް އަންގައިފި


މަނީ ލޯންޑްރިންގގެ ކުށް ސާބިތުގެ ކުރީގެ ރައީސް އަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ މައްޗަށް ކުރިމިނަލް ކޯޓުން ކުރި ހުކުމާ އެއްގޮތަށް ދަޢުލަތަށް ދައްކަންޖެހޭ ފަސް މިލިއަން ޑޮލަރު ކަނޑައަޅާފައިވާ މުއްދަތުގައި ދައްކާފައިނުވާތީ އެ ފައިސާ ހޯދުމަށް ބަންޑާރަނައިބު މީރާއަށް އަންގަވައިފިއެވެ.

މަނީ ލޯންޑްރިންގގެ ޢަމަލެއް ހިންގުމުގެ ކުށުން، ސާބިތުވެ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ކުށްވެރިވެއްޖެ ކަމަށް ކަނޑައަޅައި، އެ ކުށުގެ ޢުޤޫބާތެއްގެ ގޮތުން 5 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމާއެކު 5,000،000.00 (ފަސްމިލިއަން) ޔޫއެސް ޑޮލަރުން ޖޫރިމަނާކޮށް، އެ ފައިސާ މަދުވެގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދެއްކުމަށް 28 ނޮވެންބަރު 2019 ގައި ކްރިމިނަލް ކޯޓުން ވަނީ ރައީސް ޔާމީންގެ މައްޗަށް ޙުކުމް ކޮށްފައެވެ. ބަންޑާރަ ނައިބުގެ އޮފީހުން ވިދާޅުވީ ހަމަސް ދުވަހުގެ ތެރޭގައި ފަސް މިލިއަން ޑޮލަރު ދެއްކުމަށް ރައީސް ޔާމީންގެ މައްޗަށް ޙުކުމް ކޮށްފައިވީނަމަވެސް އެ މުއްދަތުގެ ތެރޭގައި އެ ފައިސާ ދައްކާފައި ނުވާކަމަށެވެ. އެހެންކަމުން ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ ދަށުން އެ ފައިސާ ހޯދުމަށްޓަކައި، އެ މައްސަލައިގެ އެންމެހައި ލިޔެކިޔުންތައް އިއްޔެ މީރާއަށް ފޮނުވާފައިވާކަމަށް ބަންޑާރަނައިބުގެ އޮފީހުން ވިދާޅުވެއެވެ.

ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި، ދަޢުވާލިބޭ މީހާގެ މައްޗަށް ކުށް ސާބިތުވެގެން ކޯޓުން އޭނާގެ މައްޗަށް ކުރި ޙުކުމުގައިވާ އަދަބަކީ ޖޫރިމަނާކުރުން ކަމުގައިވާނަމަ، އެ ޙުކުމުގައި ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި މީރާއަށް އެ މީހަކު އެ ޖޫރިމަނާ ދައްކަންވާނެ ކަމަށް ބަޔާންކޮށްފައިވެއެވެ. އަދި، އެ ޖޫރިމަނާ ނުދައްކައިފިނަމަ، ދައުލަތަށް ދައްކަންޖެހޭ ފައިސާ ނުދެއްކުމުން އެ ފައިސާ ހޯދުމަށް ދައުލަތުގެ ކަމާބެހޭ ފަރާތުން ޢަމަލުކުރާ އުޞޫލުން އެ ފައިސާ ދައުލަތަށް ނަގަންވާނެ ކަމަށް ބަޔާންކޮށްފައިވެއެވެ.

ބަންޑާރަ ނައިބުގެ އޮފީހުން ވިދާޅުބީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ ދަށުން ޖިނާއީ މައްސަލައެއްގެ އަދަބެއްގެ ގޮތުގައި ދަޢުވާލިބޭ ފަރާތް ޖޫރިމަނާކޮށް ޙުކުމްކުރާ މައްސަލަތަކުގައި، އެ ފައިސާ ދައްކަން ކޯޓުން އަމުރުކޮށްފައިވާ މުއްދަތުގައި އެ ފައިސާ ދައްކާފައިނުވާނަމަ، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 50 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުޞޫލާ އެއްގޮތަށްދައްކަންޖެހޭ ފައިސާ ހޯދާ ޙުކުމް ތަންފީޒުކުރުމުގެ ގޮތުން ކުރަންޖެހޭ ކަންކަން ކުރުމަކީ މީރާގެ މަސްޢޫލިއްޔަތެއްކަމުން އެކަން އެ އިދާރާއަށް މިހާރު އަންގަވާފައިވާކަމަށެވެ.