ޚަބަރު

ގޮވާމާއި ފަލަމަޑީގެ ބާވަތްތަކުގެ ގަސްތަކުން ކިނޮޅަހު ދަނޑުތައް ފުރާލައިފި


ކޯވިޑް-19 ވެފައިވަނީ އަޅުގަނޑުމެން ކޮންމެ ރައްޔިތެއްގެވެސް ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް ގެނުވާފައިވާ ބަލިމަޑުކަމަކަށެވެ. މިބަލީގެ ބާވަތުން އަޅުގަނޑުމެން ފަދަ އިމްޕޯޓަށް ބަރޯސާވާ ޤައުމަކުން އެންމެ ބޮޑަށް ކަންބޮޑުވަނީ ބަލީގެ ނުރައްކާ ބޮޑުވެ ކެއިންބުއިމަށް ބޭނުންވާ ބާވަތްތަކަށް ޖެހިދާނެކަމުގެ ބިރެވެ.

މިބަލިމަޑުކަމާގުޅިގެން ކާބޯތަކެއްޗަށް ނުޖެހޭނެކަމަށް ސަރުކާރުން ބުނެފައިވާއިރު ސަރުކާރުންވަނީ ދިވެހި ރައްޔިތުންނަށް ކާނާގެ ޔަޤީންކަން ހޯދައިދިނުމަށްޓަކައި ދަނޑު ގޮވާންކުރުމަށްޓަކައި ރާއްޖޭގެ 44 ރަށަކުން، 3 އަހަރުދުވަހަށް ހިލޭ ބިން ދޫކުރުމަށް ނިންމާފައިވާކަމަށް ހާމަކުރައްވާ އެކަންކަން ކައުންސިލްތަކާގުޅިގެން ފައްޓަވާފައެވެ.

ނަމަވެސް އޭގެ ކުރިންވެސް ރާއްޖޭގެ ދަނޑުވެރި ބައެއް ރަށްރަށުން ވަނީ ކޯވިޑް-19ގެބަލިމަޑުކަމުގެ ޚަބަރުތައް ފެތުރެން ފެށި ހިސާބުން ދަނޑުހެއްދުމުގެ މަސައްކަތް ކުރަން ފަށާފައެވެ. މީގެތެއިން މާޅޮސްމަޑުލު އުތުރުބުރީ ކިނޮޅަހަކީ މިކަމަށް އެންމެ ފުރަތަމަ އިސްނެގި ރަށްތަކުގެ ތެރެއިން ރަށެއްކަން ފާހަގަވަނީ އެރަށުގެ ހައްދާފައިވާ ދަޏުތަކުގެ މަންޒަރުތައް ފެންނަ މި ފޮޓޯތަކުންނެވެ.

މިއީ ކޯވިޑް-19އާ ގުޅިގެން ކިނޮޅަހު ރައްޔިތުންގެ ކާނާގެ ރައްކާތެރިކަމާއި އާމްދަނީ އިތުރުކުރުމައްޓަކައި އެރަށުގައި މީގެ ދޮޅުމަހެއްހާ ދުވަސްކުރިން މުޑުވައްކުރި ގޮވާމުގެ ބާވަތްތަކުގެ ގަސްތަކެވެ. ކިނޮޅަހުގެ ރައްޔިތުންގެ ތެރެއިން ދަނޑުހައްދަން ބިންދޫކުރަން ހުޅުވާލުމުން އެކަމަށް ކުރިމަތިލީ ފަރާތްތަކަށް އެރަށުންވަނީ 2 ލައްކަ އަކަފޫޓުގެ ދަނޑުބިން 6 މަހަށް ރައްޔިތުންނަށް ހިލޭ ދޫކޮށްފައެވެ. އާއިލާގައި މީހުންތިބި ނިސްބަތަށް ބަލައި ކޮންމެ މީހަކަށް 900 އަކަފޫޓުގެ ރޭޓުން އެކިވަރުގެ 25 ދަނޑު އެރަށުގައި ކަނޑާފައިވެއެވެ.

ކިނޮޅަހު ކައުންސިލްގެ ރައީސް އަޙްމަދު ހުސައިން ވިދާޅުވީ ބައެއް ދަނޑުތައް ނަގާފައިވަނީ ޢާއިލާތަށް ގުޅިގެންކަމަށާއި ހުރިހާ ދަނޑުތައްވެސް ފޯރިއާއެކު ޙައްދަމުންދާއިރު އެންމެ ގިނައިން ދަނޑުތަކުގައި އިންދަންވާނީ ގޮވާމާއި ފަލަމަޑީގެ ބާވަތްތައްކަމަށް ކަނޑައަޅާފައިވާކަމަށާއި ކޮންމެ ދަނޑެއްގެ ވެސް ތިންބައިކުޅަ ދެބަޔަށްވުރެވެސް ބޮޑު ސަރަހައްގެއްގައި އިންދަނީ ބިންބި ކަމަށް އޭނާ ވިދާޅުވިއެވެ.

"ގޮވާމާ ފަލަމަޑީގެ ބާވަތްތަކަށް ބޮޑަށް ޓާގެޓްކޮށްފައިވާނީ، ކޮންމެ ދަނޑެއްގެވެސް ވަކި އިންސައްތައަކަށް ބިންބި ނުވަތަ ޒުވާރި ފަދަ ތަކެތި ހައްދަންވާނެކަމަށް ނިންމާފައިވަނީ. ދެން ފަލަ މަޑީގެ ބާވަތަކުގެ ތެރެއިން ކައްޓަލަ ދަނޑިއަލުއިފަދަ އެއްޗެހި. އަދި ކަރާ، ބަރަބޯ އެހުރިހާ އެއްޗެއްވެސް، މިރުސް، ބަށި ކިއުކަންބާފަދަ ވަރަށް ގިނަ ބާވަތްތައް އެބަހުރި މާޝާﷲ ހައްދާފައި" ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

ކިނޮޅަހު ކައުންސިލުން ވިދާޅުވީ މިހާރު ހައްދާފައިވާ ތަކެތި ކަނޑައި ރައްޔިތުންނަށް ލިބޭ މަންފާތަކާއެކު ސަރުކާރުން ނިންމަވާފައިވާ އުސޫލުން ދެމެހެއްޓެނިވި ގޮތެއްގައި އެރަށުގައި ދަނޑުވެރިކަމުގެ މަސައްކަތްކުރުމަށް 3 އަހަރުގެ މުއްދަތަށް ބިންދޫކުރަން ފަށާނެކަމަށެވެ.

އާބާދީގައި 700އެއްހާ މީހުން ދިރިއުޅޭ ކިނޮޅަހަކީ އާބާދީ އާއި އަޅާބަލާއިރު ބިންބޮޑު ރަށަކަށްވުމުން ކުރިންވެސް އެރަށަކީ ރާއްޖޭގެ އެހެން ރަށްރަށެކޭ އެއްފަދައިން ހުޅަނގު މޫސުމުގައި ދަނޑުވެރިކަންކޮށް އިރުވައި މޫސުމުގައި މަސްވެރިކަންކުރަމުން އައި ރަށެކެވެ. ކޯވިޑް-19ގެ ސަބަބުން ލިބުނު ފިލާވަޅުގެ އަލީގައި އެރަށުން މިހާރު މިވަނީ ދަނޑުވެރިކަން މިހާރަށްވުރެވެސް ފުޅާކުރުމަށް ތަފާތު މަސައްކަތްއް ފަށައި އަދި ބައެއްކަންކަން ތަޖުރިބާކުރަންވެސް ފަށާފައެވެ.

ޒަމާނީ ދަނޑުވެރިކަން ރަށްރަށަށް އައުމުގެ ކުރިން ލުނބޮޔާ، ކަރާ އަދި މިރުހާ ބަރަބޯފަދަ ތަކެތި ކިނޮޅަހުގައި ފުޅާދާއިރާއެއްގައި ހައްދާފައިވާއިރު، އެރަށު ކައުންސިލްގެ ރައީސް އަޙްމަދު ހުޞައިން ވިދާޅުވީ މިފަހަރު ދަނޑުތައް ހައްދާއިރު އެންމެ ފާހަގަކުރެވެނީ އެކަމުގައި އެއްބަޔަކު ގުޅިގެން ކުރާ މަސައްކަތަކާއި މީގެ އެތަކެއް އަހަރުކުރިން ހައްދާފައިވާ ބިންބި ފަދަ ގޮވާމުގެ ބާވަތްތައް ހެދުމުގައި ރައްޔިތުން ދައްކާ ހިތްވަރުކަމަށެވެ.

"އަޅުގަނޑުމެން މިހާރު އުމުރުން ސާޅިހަކަށް އަހަރުވެފައިވާއިރު އަޅުގަނޑުމެން ކިރިޔަ ކިރިޔާ ހަނދާން ހުންނަނީ މިހާ ބޮޑުކޮށް ބިންބި ދަނޑެއް ހެއްދި ހަނދާން. އެހެންވީމަ ވަރަށް އުފާވޭ ހަޤީގަތުގައި ކުރީޒަމާނުގައި ބޮޑެތި ބިންބި ދަނޑުތައް ހެއްދި ތަޖުރިބާހުރި މީހުން ތިބެގެން އެމީހުންގެ ތަޖުރިބާ އާއި ބައިވެރިވުމާއެކު އެކަން މިއަދު އެގޮތަށް އެހާ ފުޅާކޮށް އަޅުގަނޑުމެންނަށް ކުރެވޭތީ" އަޙްމަދު ހުޞައިން ވިދާޅުވިއެވެ.

ކިނޮޅަހުންދަނީ ހަނޑޫފަދަ އެރަށުގައި ކުރިން ނުހައްދާ ބާވަތްތައްވެސް ހެއްދުމަށްޓަކައި މަސައްކަތްކުރަމުންނެވެ.

މީގެ އިތުރުން ދިވެހިރާއްޖޭގައި ދަނޑުވެރިކަމުގެ ސިނާއަތް ކުރިއެރުވުމުގެ މަޤްޞަދުގައި ސަރުކާރުން އުފައްދާފައިވާ ދަނޑުވެރިކަމުގެ ކުންފުނި "އެގްރޯ ނޭޝަނަލް ކޯޕަރޭޝަން"ގައި ވީހާވެސް ގިނަ ދަނޑުވެރިން ރަޖިސްޓްރީކުރުމުގެ މަސަކަތްވެސް އެރަށުން ވަނީ ފަށާފައެވެ.

އައި

ކިނޮޅހު ރައްޔިތުން ނަަށްް ސާބަސް މާޝާﷲ...