ޚަބަރު

ކޯވިޑް-19 : މިމަހުގެ މިހާތަނަށް އެންމެ މަދުން ޕޮޒިޓިވްވީ މިއަދު


މިމަސް ފެށުނުފަހުން ރާއްޖެއިން އެންމެ މަދުން ކޯވިޑް-19އަށް މީހުން ޕޮޒިޓިވްވި ދުވަހަކަށް މިއަދު ވެއްޖެއެވެ. މިއަދު ރާއްޖެއިން ޕޮޒިޓިވްވީ 66 މީހުންނެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީން ވިދާޅުވީ މިއަދު ޕޮޒިޓިވްވި އެންމެންނަކީވެސް މާލެ ސަރަހައްދުން ޕޮޒިޓިވްވި މީހުންކަމަށެވެ. މިއާއެކު ރާއްޖެއިން މިބަލި ޖެހުނު މީހުންގެ ޢަދަދު މިވަނީ ޖުމުލަ 5223އަށް އިތުރުވެފައެވެ.

މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 52 ދިވެހިންނާއި، ބަންގްލަދޭޝްގެ 12 މީހެއްގެ އިތުރުން އިންޑިއާގެ 2 މީހުންނެވެ.

މިދިޔަ ޖުލައި މަހުގެ 21 ވަނަ ދުވަހުން ފެށިގެން ރާއްޖޭގައި ބަލިޖެހޭ މީހުންގެ ޢަދަދު އިތުރުވާން ފަށާފައިވެއެވެ. ވޭތުވެދިޔަ 2 ހަފްތާ ފާހަގަކުރެވެނީ އެންމެ ގިނައިން މިބައްޔަށް މީހުން ޕޮޒިޓިވްވެފައިވާ ދުވަސްތަކުގެ ގޮތުގައެވެ.

މިމުއްދަތުގެ ތެރޭގައި ގިނައީ ކޭސްތައް 100 އިން މަތީގައި ޕޮޒިޓިވްވި މީހުންގެ ޢަދަދުތައް ހުރި ދުވަސްތަކެވެ. އެންމެ ގިނައިން ޕޮޒިޓިވީ މިމަހުގެ 2ވަނަ ދުވަހުގައެވެ. އެދުވަހުވަނީ 215 މީހުން ޕޮޒިޓިވްވެފައެވެ. އަދި ޕޮޒިޓިވްވި މީހުންގެ އަދަދު މިމަހު ސަތޭކައިން ދަށްވެފައިވަނީ މިމަހުގެ 6 ވަނަ ދުވަހާއި 7 ވަނަ ދުވަހުއެވެ. މިދެދުވަހުގެ ކޭސްތަކުގެ ޢަދަދު އުޅުނީ 80ގައެވެ.

މި އޮގަސްޓްމަހުގެ ތަފާސްހިސާބު

  • 1 އޮގަސްޓް - 156 ކޭސް
  • 2 އޮގަސްޓް - 215 ކޭސް
  • 3 އޮގަސްޓް - 129 ކޭސް
  • 4 އޮގަސްޓް - 153 ކޭސް
  • 5 އޮގަސްޓް - 148 ކޭސް
  • 6 އޮގަސްޓް - 86 ކޭސް
  • 7 އޮގަސްޓް - 89 ކޭސް
  • 8 އޮގަސްޓް - 129 ކޭސް
  • 9 އޮގަސްޓް - 143 ކޭސް
  • 10 އޮގަސްޓް - 116 ކޭސް
  • 11 އޮގަސްޓް - 66 ކޭސް

މިއަދު ކޯވިޑް-19އިން 14 މީހުންވަނީ ރަނގަޅުވެފައެވެ. މިއާއެކު މިހާރު ބަލިން ރަނގަޅުވި މީހުންގެ ޢަދަދަކީ 2849 އެވެ. މިބަލި ޖެހިގެން މިއަދު ދިވެއްސަކު ނިޔާވެފައިވާއިރު، މިއީ ރާއްޖެއިން މިބަލީގައި ނިޔާވި 20ވަނަ މީހާއެވެ.

ފަސް ހާސް ދުއިސައްތައަށްވުރެ ގިނަ މީހުން މިހާތަނަށް ރާއްޖެއިން ޕޮޒިޓިވްވެފައިވާއިރު، ގިނައީ ދިވެހިންނެވެ. މިހާތަނަށް 2855 ދިވެހިންވަނީ މިބައްޔަށް ޕޮޒިޓިވްވެފައެވެ. ޕޮޒިޓިވްވި ބިދޭސީންގެ ޢަަދަދަކީ 2368އެވެ.

ރާއްޖެއިން ކޯވިޑް-19 ފެނުނުތާ 153 ދުވަސްވީއިރު، މިހާރު އެންމެ ގިނައިން މިބަލިޖެހިފައިވަނީ ޢުމުރުން 21 އަހަރާއި 30 އަހަރާ ދެމެދުގެ އުމުރުފުރާގެ މީހުންނަށެވެ. ނަމަވެސް ބަލިޖެހިގެން ފަރުވާދޭ ޢުމުރުން ދުވަސްވީ މީހުންގެ ޢަދަދު އިތުރުވަމުންދާކަމަށް ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުންވަނީ ހާމަކުރައްވާފައެވެ.

ބައްޔަށް ޕޮޒިޓިވްވެ އައިސޮލޭޝަންގެ އިތުރުން ހޮސްޕިޓަލްތަކުގައި އެކްޓިވް ކޭސްތަކުގެ ގޮތުގައި 2354 މީހުން އެބަތިއްބެވެ. ބަލިޖެހިފައިވާ މީހުންގެ ތެރެއިން އެޑްމިޓްކޮށްގެން ފަރުވާދޭ މީހުންގެ ޢަދަދުވެސް މިހާރުމިވަނީ އިތުރުވެފައެވެ. މިހާރުވެސް ދަރުމަވަންތަ ހޮސްޕިޓަލާއި ހުޅުމާލެ މެޑިކަލް ފެސިލިޓީގެ އިތުރުން ރާއްޖޭގެ ބައެއް ސަރަޙައްދުތަކުގައި ހުރި ކޯވިޑް-19އަށް ފަރުވާދޭ ތަންތަނުގައި 148 މީހަކަށް އެޑްމިޓްކޮށްގެން ދަނީ ފަރުވާދެމުންނެވެ.

މިބަލި ދެނެގަތުމަށް ވޭތުވެދިޔަ 24 ގަޑިއިރުތެރޭގައި 1149 ސާމްޕަލް ވަނީ ނަގާފައެވެ. އަދި މިހާތަނަށް މިބަލި ދެނެގަތުމަށް ރާއްޖޭގެ އެކި ސަރަހައްދުތަލުން ނެގި ސާމްޕަލްތަކުގެ ޢަދަދުވަނީ 90704އަށް އަރާފައެވެ.