އިންސާނީ ވަގުފާރިއާއި ދެކޮޅަށް ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށާއި، މިކަމުގައި ޝާމިލްވާ އެންމެހާ މުއައްސަސާތައް ބާރުވެރިކުރުވުމަށް ޚާއްސަ ތަމްރީނު ވޯކްޝޮޕެއް ކުރިއަށްގެންގޮސްފިއެވެ. މިއީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ދަށުން ހިންގާ، މީހުން ވިލަރެސްކުރާ ކޮމިޓީއިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ވޯކްޝޮޕެކެވެ.
މި ތަމްރީނު ޕްރޮގްރާމު ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން، މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވަޒީރު ޑރ. ޢަލީ ޙައިދަރު އަޙުމަދު ވިދާޅުވީ، ހިއުމަން ޓްރެފިކިންގ ނުވަތަ އިންސާނީ ވަގުފާރިއަކީ ރާއްޖޭގެ އިތުރުން މުޅި ދުނިޔެއަށްވެސް ދިމާވެފައިވާ ވަރަށް ބޮޑު މައްސަލައެއްކަމަށެވެ.
"އިންސާނީ ވަގުފާރިއަކީ ހަމައެކަނި ޖިނާއީ މައްސަލައެއް ނޫން. އެއީ އަސާސީ އިންސާނީ ޙައްޤުތަކަށް އަރައިގަތުމެއް. އަދި މިނިވަންކަމާ ދެކޮޅަށް ކުރެވޭ ހަމަލާއެއްވެސް މެ. އަދި މި ކޮންފަރެންސް ބޭއްވޭ ވަގުތުގައިވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިންސާނުން ވިޔަފާރީގެ ގޮތުގައި ގަނެވިއްކުމުގެ ވިއުގަތައް ދަނީ އިތުރަށް ފުޅާވަމުން. އެ ފަރާތްތަކުން އާ ޓެކްނޮލޮޖީއާއި، އިޖްތިމާޢީ-އިޤްތިޞާދީ ނާޒުކުކަން ނަހަމަ ގޮތުގައި ބޭނުންކުރަމުންދޭ." ވަޒީރު ޑރ. ޢަލީ ޙައިދަރު އަޙުމަދު ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް (ރޓ) ޑރ. ޢަބްދުﷲ ފައިރޫޝް ވިދާޅުވީ، ހަމައެކަނި ސަރުކާރުން މަސައްކަތްކޮށްގެން އިންސާނީ ވަގުފާރީގެ މައްސަލައަށް ހައްލެއް ނުގެވޭނެކަމަށެވެ.
"ހިއުމަން ޓްރެފިކިންގެ ނިޒާމަކީ ޤާނޫނު ފުރިހަމަކޮށްދީފައިވާ ނިޒާމެއް ނޫން. އަދި ނިޒާމުގައި މިހާތަނަށް ކަނޑައަޅާފައިވަނީ ވިކްޓިމްސް ބެލެހެއްޓުމަކީ ހަމައެކަނި އެންޓި ޓްރެފިކިންގ އެންޑް ޕާސަންސް އޮފީހުގެ މަސްއޫލިއްޔަތެއްކަމަށް. އަޅުގަނޑު އެއްވެސް ހާލަތެއްގައި ނުދަންނަވަން މިއީ މި އޮފީހުގެ މަސްއޫލިއްޔަތެއް ނޫނޭ. އެކަމަކު މި މައްސަލަ އަޅުގަނޑުމެންނަށް ހައްލުކުރެވޭނީ ހުރިހާ އެންމެންގެވެސް އެއްބާރުލުމާއި އެހީތެރިކަމާއެކު." ސްޓޭޓް މިނިސްޓަރ ޑރ. ޢަބްދުﷲ ފައިރޫޝް ވިދާޅުވިއެވެ.
ކްރޮސް ރޯޑްސް މޯލްޑިވްސްގައި ދެ ދުވަހަށް ކުރިއަށްގެންދާ މި ތަމްރީނު ޕްރޮގްރާމުގެ މައިގަނޑު މަޤްޞަދަކީ، އިންސާނީ ވަގުފާރިއަކީ ކޮބައިކަމާއި، އިންސާނީ ވަގުފާރީގެ ޝިކާރައަކަށްވާ ފަރާތްތައް ދެނެގަތުމާއި، އެމީހުންނަށް އެހީތެރިވެވޭނެ ގޮތްތަކަކީ ކޮބައިކަން ދެނެގަތުމެވެ.
އިންސާނީ ވަގުފާރި ހުއްޓުވުމަށް ކުރެވިދާނެ ކަންކަމާމެދު މަޝްވަރާކޮށް މިކަމުގައި ޝާމިލްވާ އެންމެހާ މުއައްސަސާތައް ހޭލުންތެރިކޮށް، މިކަމާ ދެކޮޅަށް އަޅަމުންދާ ފިޔަވަޅުތައް އިތުރަށް ހަރުދަނާކުރުމަށް ކުރެވިދާނެ ކަންތައްތަކާއި ގުޅޭގޮތުން މަޝްވަރާކުރުމަކީވެސް މި ތަމްރީނު ޕްރޮގްރާމުގެ ބޭނުމެއްކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.
މީގެ އިތުރުން، މިފަދަ ތަމްރީނު ޕްރޮގްރާމްތަކުގެ ސަބަބުން، އިންސާނީ ވަގުފާރީގެ މައްސަލަތައް މަދުކުރެވި، މި މައްސަލައަށް ދާއިމީ ހައްލެއް ގެނެވިގެންދާނެކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ. އަދި ހަމަމިއާކު، ލާއިންސާނީ އަމަލުތައް މުޖުތަމައުގައި މަދުކުރުމަށް މި ތަމްރީނު ޕްރޮގްރާމުގެ ސަބަބުން މަގުފަހިވާނެކަމަށް އުއްމީދު ކުރައްވާކަމަށްވެސް ދާޚިލީ ސަލާމަތާބެހޭ ވުޒާރާއިން ވިދާޅުވެއެވެ.