ޚަބަރު

އެންއައިސީއަށް ކުރިމަތިލެއްވި ބޭފުޅުންގެ ނަންތައް މަޖިލީހަށް ފޮނުވައިފި


ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ނަންތައް ރައީސުލްޖުމްހޫރިއްޔާ، ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ 3 މެންބަރުން އިސްތިޢުފާ ދެއްވާފައިވާތީ، ހުސްވެފައިވާ މަގާމުތަކަށް މެންބަރުން ޢައްޔަންކުރުމަށްޓަކައި، އިޢުލާނުކުރުމުން، އެކަމަށް އިޖާބަދެއްވި ހުރިހާ ބޭފުޅުންގެ ނަންތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާކަމަށް ރައީސް އޮފީހުން މިއަދު ވިދާޅުވިއެވެ.

މީގެ އިތުރުން މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންވަނީ އެ ކޮމިޝަނުގެ މެންބަރުކަމުގެ މަޤާމެއް ހުސްވެފައިވާތީ އެމަޤާމަށްވެސް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައެވެ.

އެންއައިސީގެ މެންބަރުކަމަށް އެދި ހުށަހަޅާ ފޯމު އޮގަސްޓް މަހުގެ 16، 17 އަދި 18 ވަނަ ދުވަހު ހެނދުނު 09:30 އިން މެންދުރުފަހު 12:30 އަށް ބަލައިގަތުމަށް ހަމަޖެހިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވިއެވެ.

ނެޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ރައީސްކަމުގައި ހުންނެވި އަހުމަދު ސުލައިމާން އެމަޤާމުން ވަކިކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް ލަފާދެއްވުމަށް ޖުލައި މަހުގެ 21 ވަނަ ދުވަހު މަޖިލީހުން ފާސްކުރެއްވުމާއި ގުޅިގެން އޭނާ ވަކިކުރަން ނިންމާފައިވާކަން އިއްޔެވަނީ އަންގާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމީ އެންއައިސީގެ ރައީސަކަށް ހުންނެވި ސުލައިމާނާއި އެ ކޮމިޝަނުގައި ދެން ތިއްބެވި މެމްބަރުން ވެސް ވަކިކުރުމަށެވެ. އެހެން ނަމަވެސް މަޖިލީހުގެ ތަޅުމުގައި އެގޮތަށް ފާސްކުރުމުގެ ކުރިން ދެންތިއްބެވި 3 މެމްބަރުންވެސް ވަނީ މެންބަރުކަމުން އިސްތިއުފާ ދެއްވައިފައެވެ.

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަކީ، ކަސްޓަމްސް ސަރވިސްއާއި، މޯލްޑިވްސް ޕޮލިސް ސަރވިސްއާއި، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއާއި، މޯލްޑިވްސް އިމިގްރޭޝަން ގެ މުވައްޒަފުން ކުރާ ޤާނޫނާއި ގަވާއިދާ ޚިލާފު ޢަމަލުތައް ބަލައި ތަޙްޤީޤުކުރުމާއި، އެފަދަ ޢަމަލެއްކަމަށް ތުހުމަތުކުރެވޭ ޢަމަލެއް އެއްވެސް ފަރާތަކުން ހިންގައިފިކަމަށް ނުވަތަ ހިންގަން އުޅޭކަމަށް ތުހުމަތުކޮށް މައްސަލައެއް ހުށަހަޅައިފިނަމަ، އެކަމެއް ބަލައި ތަޙްޤީޤުކުރުމަށް އުފައްދަވާފައިވާ މިނިވަން މުއައްސަސާއެކެވެ.