ޚަބަރު

ޕީއެސްއައިޕީގެ 283 މަޝްރޫޢެއްގެ މަސައްކަތް މިހާރުވެސް ކުރިއަށްދޭ - ޕްލޭނިންގ މިނިސްޓްރީ


މިދިޔަ އަހަރުގެ މާޗްމަހުން ފެށިގެން މިއަހަރުގެ މިހާތަނަށް ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮޖެކްޓް (ޕީއެސްއައިޕީ)ގެ ދަށުން 283 މަޝްރޫޢެއް ހިންގަމުން އަންނަކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުންވަނީ ރާއްޖޭގައި މިވަގުތު ކުރިއަށްގެންދާ ޢުމަރާނީ ތަރައްޤީގެ މަޝްރޫޢުތަކާގުޅޭ އެންމެ ފަހުގެ ތަފްސީލްތަކާއި ކޯވިޑް-19އާ ގުޅިގެން މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ގުޅޭ މަޢުލޫމާތުދެއްވާފައެވެ.

އެ މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް އަންވަރު ޢަލީ ވިދާޅުވީ މިއަހަރަށް ޕީއެސްއައިޕީން ކަނޑައެޅި ބަޖެޓުގައި ހިމަނާފައިވާ މަޝްރުޢުތަކުގެ ގެތެރެއިން ސޮއިކޮށްފައިވާ އެއްވެސް މަޝްރޫޢެއްގެ މަސައްކަތް ހުއްޓާނުލާނެކަމުގެ ޔަގީންކަން ދެއްވާކަމަށެވެ. މިދިޔަ އަހަރުގެ މާޗްމަހުން ފަށައިގެން މިއަހަރުގެ މިހާތަނަށް ޢުމްރާނީ ތަރައްޤީގެ 283 މަޝްރުޢު ފަށާފައިވާކަމަށް އޭނާ ވިދާޅުވިއެވެ. މީގެތެރޭގައި އެންމެ ގިނައިން ހިމެނެނީ ރަށްރަށުގައި ފެނާއި ނަރުދަމާގެ މަޝްރޫޢުތަށް ހިންގުމެވެ. އަދި ބަނދަރު ހެދުމާއި، 7 ރަށެއްގައި ހައުސިންގ ޕްރޮޖެކްޓް ހިންގުންވެސް ހިމެނެއެވެ.

ކޯވިޑް-19ގެ ޙާލަތާ ގުޅިގެން ދަޢުލަތުގެ ޢާމްދަނީއަށް ދަތިވެފައިވާތީ ޕީއެސްއައިޕީގެ މަޝްރުޢޫތައް މުރާޖަޢާކުރުމުގެ މަސައްކަތް ފިނޭންސް މިނިސްޓްރީއާއި އިކޮނޮމިކް މިނިސްޓްރީ ގުޅިގެންދަނީ ކުރިއަށެވެ.

ޕީއެސްއައިޕީ މަޝްރޫޢުތައް ކުރިއަށްގެންދިއުމަށް 10 ބިލިއަނަށްވުރެ ގިނަ ރުފިޔާގެ ބަޖެޓެއްވަނީ ކަނޑައަޅާފައެވެ. އަންވަރު ވިދާޅުވީ މިއަހަރަށް ކަނޑައެޅި ބަޖެޓުގައި ހިމެނޭ މަޝްރޫޢުތަކުގެ ބޮޑުބައެއް މިހާރުވަނީ ކޮންޓެކްޓަރުންނާ ޙަވާލުކޮށް، ޢަމަލީ މަސައްކަތްވެސް ފަށާފައިކަމަށެވެ.

"10ބިލިއަން ރުފިޔާ ޕީއެސްއައިޕީއަށް ކަނޑައަޅާފައިވައިރު ، 8 ބިލިއަން ރުފިޔާގެ މަސައްކަތް މިހާރުވަނީ ކޮންޓެކްޓަރުންނާ ހަވާލުކޮށްފައި. އަދި މިއަހަރުގެ ޖޫންގެ ނިއަލަށް މަޝްރުޢުތަކަށްވާ ފައިސާގެ 1 ބިލިއަން ރުފިޔާވަނީ ކޮންޓެކްޓަރުންނަށް ދައްކާފައި." އަންވަރު ވިދާޅުވިއެވެ.

އަންވަރު ވިދާޅުވީ މި ހުރިހާ މަޝްރުޢޫތަކަކީވެސް މިއަހަރު ފަހުކޮޅަށް ނިންމުމަށް ޙަވާލުކޮށްފައިވާ މަޝްރޫޢުތައް ކަމަށެވެ. ނަމަވެސް ކޯވިޑް-19އާ އި ގުޅިގެން މަސައްކަތްތަށް ކުރިއަށްގެންދިއުމަށް ދިމާވި ދަތިތަކާއިއެކު، މި ޕްރޮޖެކްޓްތައް މުޅިން ނިންމާލެވޭނެކަމަށް މިހާރު ލަފާކުރަނީ އަންނަ އަހަރުގެ ފުރަތަމަ 3 މަސްދުވަހުގެތެރޭގައިކަމަށް އޭނާ ވިދާޅުވިއެވެ.

"ގިނަ ޕްރޮޖެކްޓްތައް ފެށިއިރު ބޭނުންވާ މެޓީރިއަލްގެ ސްޓޮކްތައް ރާއްޖޭގައި ހުރި. ނަމަވެސް މިހާރު ދިމާވާ މައްސަލައަކީ ކޮންޓްރެކްޓަރުންނަށް ދިމާވަ މާލީ ދަތިތަކާއި، ތަކެތި ރަށްރަށަށް ސަޕްލައިކުރުމާއި މޮބިލައިޒްވުމުގައި ދިމާވާ ދައިތަށް." އަންވަރު ވިދާޅުވިއެވެ.

ޕްލޭނިންގ މިނިސްޓްރީން ވިދާޅުވީ މިއަހަރު ކުރިއަށްގެންދިއުމަށް ބަޖެޓުގައި ހިމެނި ބައެއް ޕްރޮޖެކްޓްގެ ޢަމަލީ މަސައްކަތްތައް ޙަވާލުނުކުރެވުނު ނަމަވެސް، ބިޑްތައް ތައްޔާރުކުރުމާއި، ބިޑަށް ހުޅުވާލި މަޝްރުޢޫތަކުގެ ޑޮކިއުމަންޓްތަށް އިވެލުއޭޓްކުރުންފަދަ އިދާރީ މަސައްކަތްތައް މިހާރުވެސް ކުރިއަށްދާކަމަށެވެ.