ޚަބަރު

41 އަހަރަށްފަހު އެމެރިކާގެ ވަޒީރެއް ތައިވާނަށް ވަޑައިގަތުމުން ޗައިނާގެ ނުރުހުން


އެމެރިކާގެ ޞިއްޙަތާބެހޭ ވަޒީރު އެލެކްސް އޭޒަރު ތައިވާނަށް ރަސްމީ ދަތުރެއް ކުރެއްވުމުން ޗައިނާއިން ނުރުހުން ފައުޅުކޮށްފިއެވެ.

އެމެރިކާގެ ޞިއްޙަތާބެހޭ ވަޒީރު އެލެކްސް އޭޒަރުވަނީ ތައިވާނުގެ ޓައިޕޭއަށް ތިން ދުވަހުގެ ޒިޔާރަތެއް ކުރައްވައިފައެވެ. އެނާއަކީ 1979ވަނަ އަހަރުގެ ފަހުން ތައިވާނަށް ވަޑައިގެންނެވި އެންމެ އިސް ބޭފުޅާއެވެ. ތައިވާނަށް އޭނާ ވަޑައިގެންފައިވަނީ ކޯވިޑް-19ގެ ސަބަބުން އެމެރިކާއާއި ޗައިނާއާ ދެމެދު އޮންނަ ގުޅުން ނުތަނަވަސްވުމުގެ އިތުރުން ވިޔަފާރިއާއި ސަލާމަތާއި އަސްކަރީ ގިނަ މައްސަލަތަކެއްގައި ދެ ޤައުމުން ދެބަސްވެފައިވާ ދަނޑިވަޅެއްގައެވެ.

ޗައިނާއިން އަބަދުވެސް ބުނަނީ ތައިވާނަކީ އެ ޤައުމުގެ ބައެއްކަމަށެވެ. އަދި އެހެން ޤައުމުތަކުން ތައިވާނާއެކު ވަކިވަކި ގުޅުންތައް ނުބޭއްވޭނެކަމަށްވެސް ޗައިނާއިން ބުނެއެވެ. އެމެރިކާގެ ވަޒީރެއް ތައިވާނަށް ކުރައްވާ ދަތުރާމެދު ހިތްހަމަނުޖެހުން ފައުޅުކޮށް ޗައިނާއިންވަނީ އެ ދަތުރު ކުރިއަށްނުގެންދިޔުމަށް ގޮވާލައިފައެވެ. އަދި އެ ދަތުރުގެ ސަބަބުން ސަރަޙައްދީ ހަމަޖެހުމާއި އަމާންކަމަށް ނުރައްކާވާނެކަމަށް ޗައިނާއިންވަނީ ބުނެފައެވެ.

އޭޒަރުގެ ދަތުރުގައި ތައިވާނުގެ ރައީސް ސައި އިންވެންއާވަނީ ބައްދަލުކުރައްވައިފައެވެ. އެ ބައްދަލުވުމުގައި ކޯވިޑް-19އާ ދެކޮޅަށް ތައިވާނުން ހޯދާފައިވާ ކާމިޔާބުތައް ފާހަގަކޮށް އޭޒަރުވަނީ ތައިވާނަށް ތަޢުރީފުކުރައްވައިފައެވެ. އަދި އޭނާވަނީ ތައިވާނުން ހިފަހައްޓަމުންދާ ދިމިޤުރާޠީ ހަމަތަކަށް ތަޢުރީފުކުރައްވައިފައެވެ. އޭނާ ވިދާޅުވީ ތައިވާނާއެކު އޮންނަ ގުޅުން އެމެރިކާއިން ދަމަހައްޓަން ބޭނުންވާކަމަށްވެސް ވިދާޅުވެފައެވެ.

ތައިވާނަކީ ވަކި ޤައުމެއްގެ ގޮތުގައި ޗައިނާއާއި އދން ބަލައިގަންނަ ޤައުމެއް ނޫނެވެ. އެހެންކަމުން ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ، ޑަބުލިއުއެޗުއޯފަދަ ބައިނަލްއަޤުވާމީ ޖަމާޢަތްތަކުގެ މެންބަރުކަން ތައިވާނަށް ދީފައެއް ނުވެއެވެ. އެމެރިކާއިން މަސައްކަތްކުރަނީ ޗައިނާއާ ދެކޮޅަށް ޑަބުލިއުއެޗުއޯގެ މެންބަރުކަން ތައިވާނަށް ދިނުމަށެވެ.