ޚަބަރު

26 އަހަރަށްފަހު ޔޫއެންޕީގެ އެންމެ އިސްވެރިޔާގެ މަޤާމުން ރަނިލް އިސްތިޢުފާ ދެއްވައިފި


ސްރީ ލަންކާގެ ޔުނައިޓެޑް ނޭޝަނަލް ޕާޓީ، ޔޫއެންޕީގެ އިސްވެރިޔާގެ މަޤާމުން އެ ޤައުމުގެ ކުރީގެ ބޮޑުވަޒީރު ރަނިލް ވިކުރަމަސިންހަ އިސްތިޢުފާ ދެއްވައިފިއެވެ. އޭނާ އިސްތިޢުފާ ދެއްވާފައިވަނީ އޮގަސްޓު މަހުގެ 5ވަނަ ދުވަހު ބޭއްވި ސްރީ ލަންކާގެ ޢާންމު އިންތިޚާބުގައި އެ ޕާޓީއަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހިފައިވާ ދަނޑިވަޅެއްގައެވެ.

ސްރީ ލަންކާގެ ޢާންމު އިންތިޚާބުގައި އެ ޤައުމުގެ އެންމެ ދުވަސްވީ ޕާޓީކަމަށްވާ ޔޫއެންޕީއަށް ލިބިފައިވަނީ ވޯޓުގެ އެންމެ 3 އިންސައްތައެވެ. އޭގެ އިތުރުން 42 އަހަރަށްފަހު ރަނިލްއަށްވަނީ ސްރީ ލަންކާގެ ޤާނޫނުހަދާ މަޖިލީހުގެ ގޮނޑިވެސް ގެއްލިފައެވެ.

1994ވަނަ އަހަރުން ފެށިގެން ޔޫއެންޕީގެ އެންމެ އިސްވެރިޔާގެ މަޤާމު ފުރުއްވަމުންގެންދެވީ ރަނިލްއެވެ. ނަމަވެސް އޭނާއާ ޚިޔާލު ތަފާތުވެ، ޕާޓީގެ އިސް ސަފުގައި ޙަރަކާތްތެރިވެވަޑައިގަންނަވާ ގިނަ ބޭފުޅުންވަނީ ޕާޓީން ވަކިވެވަޑައިގެންފައެވެ. އެ ބޭފުޅުންގެ ތެރޭގައި ޢާންމުންގެ މެދުގައި މަޤުބޫލު ސަޖިތު ޕުރެމަދާސަ ހިމެނިވަޑައިގަންނަވައެވެ.

ރަނިލް އިސްތިޢުފާ ދެއްވުމުން ޕާޓީގެ އެންމެ އިސް މަޤާމަށް ހަތަރު ބޭފުޅަކުވަނީ ޝައުގުވެރިކަން ފައުޅުކުރައްވައިފައެވެ. އޭގެ ތެރޭގައި ޕާޓީގެ ޖެނެރަލް ސެކެޓްރީ އަކީލާ ވިރާކު ކަރިޔަވަސަމްވެސް ހިމެނިވަޑައިގަންނަވައެވެ.

ސްރީ ލަންކާގެ ޤާނޫނުހަދާ މަޖިލީހަށް އުމުރުފުޅުން 70 އަހަރުގެ ރަނިލް އެންމެ ފުރަތަމަ އިންތިޚާބުވެވަޑައިގެންފައިވަނީ 1977ވަނަ އަހަރުއެވެ. އޭގެ ފަހުން ފާއިތުވި 42 އަހަރުގެ ތެރޭގައި ބޭއްވި ހުރިހާ އިންތިޚާބެއްގައި ވާދަކުރައްވާ ރަނިލްވަނީ ޤާނޫނުހަދާ މަޖިލީހުގެ ގޮނޑިއެއް ކާމިޔާބުކުރައްވައިފައެވެ. އެގޮތުން އެނާވަނީ ޖެހިޖެހިގެން އަށް ދަޢުރު މަޖިލީހުގައި ފުރުއްވައިފައެވެ. އޭނާ އެންމެ ފަހުން ޤާނޫނުހަދާ މަޖިލީހަށް އިންތިޚާބުވެވަޑައިގެންފައިވަނީ 2015ވަނަ އަހަރުއެވެ. އެ ފަހަރު އޭނާ އިންތިޚާބުވެވަޑައިގެންފައިވަނީ ރެކޯޑު ޢަދަދަކަށް ވޯޓު ހޯއްދަވައިގެންނެވެ.

ސްރީ ލަންކާގެ ސިޔާސީ މަޝްރަހުގައި މިހާރު ޙަރަކާތްތެރިވާ ބޭފުޅުންގެ ތެރެއިން އެންމެ ތަޖުރިބާކާރު ބޭފުޅާކަމަށްވާ ރަނިލްވަނީ ތިން ފަހަރެއްގެ މަތިން އެ ޤައުމުގެ ބޮޑުވަޒީރުކަމުގެ މަޤާމުވެސް ފުރުއްވައިފައެވެ. އެގޮތުން ބޮޑުވަޒީރުގެ މަޤާމާ ރަނިލް އެންމެ ފުރަތަމަ ޙަވާލުވެވަޑައިގެންފައިވަނީ 1993ވަނަ އަހަރުއެވެ. އަދި އެންމެ ފަހުން ބޮޑުވަޒީރުގެ މަޤާމުން ދުރުވެވަޑައިގެންފައިވަނީ 2019ވަނަ އަހަރުއެވެ.