ކުޅިވަރު

މެންޗެސްޓާ ސިޓީގެ ޑިފެންޑަރު ގާސިއާ ގަންނަން ބާސެލޯނާއިން މަސައްކަތް ފަށައިފި


މެންޗެސްޓާ ސިޓީގެ ޒުވާން ޑިފެންޑަރު އެރިކް ގާސިއާ ގަތުމަށް ބާސެލޯނާއިން މަސައްކަތް ފަށައިފިއެވެ.

މި ގޮތުން ބާސެލޯނާއިން މިހާރު ވަނީ އޭނާ ގަތުމަށް 15 މިލިއަން ޕައުންޑް ދޭން ނިންމައިފައެވެ. ނަމަވެސް އިނގިރޭސި ނޫސްތަކުން ބުނާގޮތުގައި ގާސިއާގެ އަގަކީ މަދުވެގެން 30 މިލިއަން ޕައުންޑް ކަމަށް ސިޓީން ގަބޫލުކުރާ ކަމަށެވެ.

ބާސެލޯނާއިން ޑިފެންޑަރަކު ހޯދަން މަސައްކަތް ފެށީ އެ ޓީމުގެ ފްރާންސްގެ ޑިފެންޑަރު އުމްޓީޓީގެ ކުޅުމާމެދު ހިތްހަމަނުޖެހޭތީއެވެ. އޭނާ ވިއްކާލުމަށް ބާސެލޯނާއިން މަސައްކަތް ފެށި ނަމަވެސް މުސާރަ ބޮޑުވުމާއި ޓީމު ބަދަލު ކުރުމަށް ޓީޓީ ބޭނުންނުވާތީވެ މިކަން ކުރުމުގައި ބާސެލޯނާ އަށް ވަނީ ދަތިތަކާ ކުރިމަތިލާފައެވެ.

2017 ވަނަ އަހަރު ސިޓީއާ ގުޅުނު ގާސިއާ އެ ޓީމާއެކު ހަދާފައިވާ ކޮންޓްރެކްޓް ހަމަވާނީ 2021 ވަނަ އަހަރަށެވެ. މިހެންވެ އޭނާގެ ކޮންޓްރެކްޓާމެދު ސިޓީން ދަނީ ގޮތެއް ނިންމުމަށް ތައްޔާރުވަމުންނެވެ. ގާސިއާ އަކީ ބާސެލޯނާގެ ޔޫތު ޓީމުން ތަމްރީނުވި ޔޫތު ޓީމުގެ ކުރީގެ ކެޕްޓަނެވެ.