ވިޔަފާރި

ބޭންކްތަކުން ދޫކުރާ ލޯން އިންޓްރެސްޓްރޭޓް ދަށްކުރަންޖެހޭ - ރައީސް


ރާއްޖޭގެ ތަރައްޤީއަށް
ބޭނުންވާ ބޮޑެތި މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށްޓަކައި، ރާއްޖޭގެ ބޭންކުތަކުން
ދޫކުރާ ލޯންތަކުގެ އިންޓަރެސްޓް ރޭޓް ފަހެއް ޕޮއިންޓް ފަހެއް އިންސައްތައަށް
ދަށްކުރަންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް
ވިދާޅުވެއްޖެއެވެ. މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫގައި މިއަދު ވާހަކަފުޅު
ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ދުނިޔޭގެ އެހެނިހެން ޤައުމުތަކެކޭވެސް
އެއްގޮތަށް ރާާއްޖޭގެ ބޭންކުތަކުން ވިޔަފާރިތަކަށް ދޫކުރާ ލޯންތަކުގެ އިންޓަރެސްޓް
ރޭޓް ފަހެއް ޕޮއިންޓް ފަހަކަށް ނުވަތަ ހަޔަކަށް ދަށްކުރަންޖެހޭކަމަށެވެ.

 ރާއްޖޭގެ
ބޭންކުތަކުން މިހާރު ދޫކުރާ ލޯން އިންޓަރެސްޓް 10 އިންސައްތައިގައި އުޅޭކަން
ފާހަގަކުރައްވާ އެމަނިކުފާނު ވިދާޅުވީ، މަރުކަޒީ ބޭންކު އެމްއެމްއޭގައި
ބޭންކުތަކުން ބަހައްޓާ ބޭންކު ރިޒާވް ފަންސަވީސް އިންސައްތައިން ވިހި
އިންސައްތައަށް އަދި މިހާރު ދިހަ އިންސައްތައަށް އެމަނިކުފާނު ދަށްކުރެއްވީ
ރައްޔިތުންނަށް އިތުރަށް ލޯނު ދެވޭނެ މަގު ފަހިކުރުމަށްޓަކައިކަމަށެވެ. ރައީސް ޔާމީން
ވިދާޅުވީ، މިހާރު ހަހާސްޑޮލަރާއި ހަތްހާސް
ޑޮލަރާއި ދެމެދުގައި ހުރި ޤައުމީ އުފެއްދުންތެރިކަމުގެ ނިސްބަތް ބޮލަކަށް ޖެހޭ
މިންވަރު ބާރަ ހާސް ޑޮލަރަށް އިތުރުކުރުމަށް ބޭނުންފުޅުވާކަމަށެވެ. އެހެންކަމުން
އެމަސައްކަތްކުރުމަށް ދަތިކަމެއްނެތި ޑޮލަރު ލިބެންޖެހޭކަމަށާއި، ބޭންކުތަކުން
ލޯނު ދޫކުރާއިރު ނަގަމުން ގެންދާ ލޯން އިންޓަރެސްޓް ފަހެއް ޕޮއިންޓް ފަހެއް
އިންސައްތައަށް ދަށްކުރަންޖެހޭކަމަށް ގަބޫލުފުޅުކުރައްވާކަމަށް ރައީސް ޔާމީން
ވިދާޅުވިއެވެ.



މިއީ
ވަކި ރަށަކަށް އަމާޒުނުކޮށް މުޅި ރާއްޖޭގެ އިޤްތިސާދު ރަނގަޅު ކުރުމަށާއި، ރާއްޖޭގެ
ހުރިހާ ރައްޔިތުންނަށް ހަމަޖެހުން ގެނައުމަށްޓަކައި ކުރަންޖެހޭ ކަންތައްތައްކަމަށް
ރައީސް ޔާމީން ވިދާޅުވިއެވެ. އެހެންކަމުން މިފަދަ ބިޔަ ބޮޑު އިތުރު ކަންތައްތަކެއް އަންނަ
އަހަރުގެ ބަޖެޓުގައި ހިމެނުމަށް މަސައްކަތްކުރައްވާކަން ރައީސް ފާހަގަކުރެއްވިއެވެ.