ޚަބަރު

ކޯވިޑް ފެސިލިޓީތަކުގައި މެޑިކަލް އިކުއިޕްމަންޓްތައް އިންސްޓޯލްކޮށް ނިންމާލައިފި


ރާއްޖޭގެ ހަތް ސަރަޙައްދެއްގައި ޤާއިމުކޮށްފައިވާ ކޯވިޑް ފެސިލިޓީތަކަށް ފޮނުވާފައިވާ މެޑިކަލް އިކުއިޕްމަންޓްތައް އިންސްޓޯލްކޮށް ނިމިފައިވާ ކަމަށް އެސްޓީއޯއިން ވިދާޅުވެއްޖެއެވެ.

އެސްޓީއޯއިން ކުރި ޓުވީޓެއްގައި ވިދާޅުވީ މިމަޝްރޫޢުގެ ދަށުން އ.އިހަވަންދޫއާއި، ށ.ފުނަދޫއާއި، ބ،އޭދަފުއްޓާއި، ލ.ގަމާއި، ގއ.އަތޮޅާއި، ފުވައްމުލަކާއި، އައްޑޫސިޓީގައި އިކުއިޕްމަންޓް އިންސްޓޯލްކޮށްނިމިފައިވާ ކަމަށެވެ.

އިކުއިޕްމަންޓް އިންސްޓޯލްކޮށްފައިވަނީ:

ހއ.އިހަވަންދޫ ހެލްތު ސެންޓަރު
ށ.ފުނަދޫ އަތޮޅު ހޮސްޕިޓަލް
ބ.އޭދަފުށީ އަތޮޅު ހޮސްޕިޓަލް
ލ.ގަމު ރީޖަނަލް ހޮސްޕިޓަލް
ގއ.އަތޮޅު ހޮސްޕިޓަލް
ފުވައްމުލަކު އަތޮޅު ހޮސްޕިޓަލް
އައްޑޫ ސިޓީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލް

ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ކޯވިޑަށް ފަރުވާދެވޭނެ ފެންވަރަށް ސިއްޙީ ޚިދުމަތްދޭ ތަންތަން ތަރައްޤީކުރުމަކީ ސަރުކާރުގެ އަމާޒެކެވެ. އެގޮތުން މާލޭގެ އިތުރުން ރާއްޖޭގެ ހަތް ސަރަޙައްދެއްގައި މިހާރު ކޯވިޑަށް ފަރުވާދެވޭނެ އިންތިޒާމުވަނީ ހަމަޖައްސާފައެވެ. މިތަންތަނުގެ ޢަމަލީ މަސައްކަތްނިމި މިދިޔަ މަހުގެ 25 ވަނަ ދުވަހުވަނީ ރަސްމީކޮށް ހުޅުވާފައެވެ. އަދި މިތަންތަނަށް ގެންގޮސްފައިވާ ބައެއް ސިއްޙީ ވަޞީލަތްތައް ބޭނުންކުރެވޭނެހެން އިންސްޓޯލްކޮށް ނިމިފައިވާކަމަށް އެމަސައްކަތްކުރާ އެސްޓީއޯއިންވަނީ ހާމަކުރައްވާފައެވެ.

އަތޮޅުތެރޭގައި މިބައްޔަށް ފަރުވާ ދެވޭނެ ވަޞީލަތް މިހާރު ޤާއިމުކޮށްފައިވާއިރު އަތޮޅުތެރޭގެ ރަށްރަށުގައި މިބައްޔަށްވަނީ މީހުން ޕޮޒިޓިވްވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ މާލެއިން ރަށްރަށަށް ގޮސް ހޯމް ކަރަންޓީންގައި ތިބި މީހުންނާއި މުދާ އުފުލާ ބޯޓުތަކުގައި މަސައްކަތްކުރާ ބައެއް މީހުންނެވެ. ރަށްރަށުގައި ކޯވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމަށްޓަކާ މިހާރު މާލެއިން ރަށްރަށަށް މީހުން ދިޔުމުގެ އުސޫލު އެޗްޕީއޭއިންވަނީ ހަރުކަށިކޮށްފައެވެ.