ޚަބަރު

މާސް އިންސްޕެކްޝަން: އެންމެ ޙާލަތު ގޯހީ ބޯކޮށާ ތަންތަނުގައި


މާލެ ސަރަހައްދުގައި ކުރިއަށްގެންދިޔަ ދެވަނަ މާސް އިންސްޕެކްޝަނުގައި އެންމެ މައްސަލަތައް ގިނައީ ބޯކޮށާ ތަންތަނުގައިކަމަށް ހެލްތް އިމާޖެންސީ އޮޕަރޭޝަން ސެންޓަރުން ހާމަކުރައްވާއިފިއެވެ.

މި މާސް އިންސްޕެކްޝަންގައި މާލެ، ވިލިމާލެ، ހުޅުމާލެ، ހުޅުލެ އަދި ތިލަފުށި ހިމެނޭހެން 1545 ތަނެއް ވަނީ އިންސްޕެކްޓްކޮށްފައެވެ.

އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހެލްތު މިނިސްޓްރީގެ ޑިރެކްޓަރ އަދި މާސް އިންސްޕެކްޝަންގެ ފުޑް އިންސްޕެކްޓަރޭޓް އަހުމަދު ނާސިރު ވިދާޅުވީ މި އިންސްޕެކްޝަންގައި 1179 ތަނެއް އިންސްޕެކްޓްކޮށްފައި ވާއިރު 204 ތަނެއް ބަންދުކޮށްފައި ވާކަމަށެވެ.

ހުޅުމާލެއިން 296ތަން އިންސްޕެކްޓްކޮށްފައި ވާއިރު 48 ތަނެއް ވަނީ ބަންދުކޮށްފައެވެ. ވިލިމާލޭގެ 51 ތަނެއް އިންސްޕެކްޓްކޮށްފައި ވާއިރު 3 ތަނެއް ވަނީ ބަންދުކޮށްފައެވެ. ތިލަފުށީގެ 17 ތަނެއް ބަލައި ފާސްކޮށްފައި ވާއިރު 3 ތަނެއް ވަނީ ބަންދުކޮށްފައެވެ. އެހެންނަމަވެސް ހުޅުލެއިން އިސްޕެކްޓްކުރި ދެ ތަނުގައިވެސް ހުރިހާ ފިޔަވަޅުތަކެއް ފުރިހަމަކޮށްފައިވާކަމަށް އަހުމަދު ނާސިރު ވިދާޅުވިއެވެ.

މިދިޔަ މަހުގެ 29 ވަނަ ދުވަހުން މިމަހުގެ 8 ވަނަ ދުވަހަށް ދެމިގެން ދިޔަ މި އޮޕަރޭޝަންގައި 258 ތަނެއް ވަނީ ބަންދުކޮށްފައެވެ. މާލޭގައި އެންމެ ފުރަތަމަ ކުރިއަށްގެންދިޔަ އިންސްޕެކްޝަނާއި ޚިލާފަށް ދެވަނަ އިންސްޕެކްޝަންގައި ފިޔަވަޅު އެޅުމުގައި ހަރުދަނާ ފިޔަވަޅުތައް އަޅާފައިވާކަަމަށް ނަސީރު ވިދާޅުވިއެވެ. އަދި މީގެ 3 ވަނަ އިންސްޕެކްޝަނެއް ފުލުހުން ކުރިއަށް ގެންދިއުމަށް ނިންމާފައި ވާއިރު މިފަހަރު ފާހަގަކުރެވުނުކަންކަން އިތުރަށް ބަލާނެކަމަށް އަހުމަދު ނާސިރު ވިދާޅުވިއެވެ.

"މި އިންސްޕެކްޝަންގައި ދިޔައިރު މާސްކް ނާޅަންޏާ ފިޔަވަޅު އަޅާފައި ވާނީ. ފަހުން ބުނާނެ ޖީބުގައި މާސްކު އޮތޭ. އެކަމު މިކަމުގައި ބޭނުންވަނީ ޕްރެކްޓިކަލީ ދެއްކުން. އެކަން ނުފެނުމުން ފިޔަވަޅު އަޅާނީ. ތިން ވަނަ އިންސްޕެކްޝަންގައި މިކަންކަން އިތުރަށް ބަލާނަން" އަހުމަދު ނާސިރު ވިދާޅުވިއެވެ.

މާލެ ސަރަހައްދުގައި ކުރިއަށްގެންދިޔަ ދެވަނަ މާސް އިންސްޕެކްޝަންގައި އެންމެ މައްސަލަ ގިނައީ ބޯކޮށާ ތަންތަނުގައިކަމަށް އަހުމަދު ނަސީރު ވިދާޅުވިއެވެ. އެގޮތުން ބޯކޮށާތަންތަނަށް ވަނުމަށް ހުއްދަ ދީފައިވާ މިންވަރަށްވުރެ އިތުރަށް މީހުން ވަނުމާއި، ބޯކޮށައިދޭ މީހުން އަމަލުކުރާގޮތް އަދި ބޯކޮށުމަށް ބޭނުންކުރާ އާލާތްތަކަކީވެސް ގިނަ ތަންތަނުގައި ޤަވައިދާއި ޚިލާފަށް ހުރި ކަންކަންކަމަށް ނާސިރު ވިދާޅުވިއެވެ. މީގެ އުތުރުން މިފަދަ ތަންތަނުގައި އިންސްޕެކްޝަންގައި ބަލަން ކަނޑައެޅި މައްސަލަތައް ނޫން އިތުރު ގިނަ މައްސަލަތަކެއް އެބަހުރިކަމަށް ނާސިރު ވިދާޅުވިއެވެ. އެގޮތުން ބޯކޮށާ ތަންތަނުގައި ސާފު ފެން ނުލިބޭކަމަށް އޭނާ ވިދާޅުވިއެވެ.

"މާސް އިންސްޕެކްޝަންގައި އެންމެ މައްސަލަ ބޮޑީ ބޯކޮށާ ތަންތަނުގައި. އެގޮތުން ގިނަ މީހުން އެއްކޮށް ވަނުމާއި. ބޯކޮށާ މީހުން ގައިޑް ލައިންނަށް ބޯނުލެނބުމާއި، ބޯކޮށާ އާލާތްތަކުގެ މައްސަލަތައް ހިމެނޭ. މީގެ އިތުރުން އައު ކަންކަންވެސް ފާހަގަވި. އެގޮތުން ބޯކޮށާ ތަންތަނުގައި ސާފު ފެން ލިބުމުގައިވެސް ދަތިކަން އެބަ ހުރި" ނާސިރު ވިދާޅުވިއެވެ.

މާލެ ސަރަހައްދުގައި ކުރިއަށްގެންދިޔަ ދެވަނަ މާސް އިންސްޕެކްޝަންގައި އެންމެ މައްސަލަ ގިނައީ ބޯކޮށާ ތަންތަނުގައިކަމަށް ހާމަކޮށްފައިވާއިރު، މިފަހަރުގެ އިސްޕެކްޝަންގައި 112 ބޯކޮށާތަނެއް ވަނީ ބަލާފައެވެ. މީގެ ތެރެއިން 51 ތަނެއްގައި ފިޔަވަޅުތައް އަޅާފައި ނެތުމުން ބަންދުކޮށްފައި ވާއިރު 2 ތަނެއް އަދިވެސް ހުޅުވުމުގެ ހުއްދަ ދީފައެއް ނުވެއެވެ.