ޚަބަރު

އިންސްޕެކްޝަން ނިންމާލިއިރު ހުޅުވުމުގެ ހުއްދަ ނުދެނީ 7 ތަނަކަށް


ޢާއްމު ޚިދުމަތްދޭ ތަންތަން މޮނީޓަރކުރުމަށް ކޯވިޑް-19އާއި ގުޅިގެން ކުރިއަށްގެންދިޔަ ދެވަނަ އިންސްޕެކްޝަންތައް ނިންމާލައިފިއެވެ.

މި އިންސްޕެކްޝަން ނިންމާލާފައި ވާއިރު ޖުމްލަ 258 ގަވާއިދާއި ޚިލާފުވެގެން ބަންދުކޮށްފައި ވާއިރު މީގެ ތެރެއިން 7 ތަނެއް ހުޅުވުމުގެ ހުއްދައެއް ދީފައިނުވާކަމަށް އެޗްއީއޯސީން ވިދާޅުވެއެވެ.

ކޯވިޑް-19އާއި ގުޅިގެން ގްރޭޓަރ މާލެ ސަރަޙައްދުގައި ޢާއްމު ޚިދުމަތްދޭ ތަންތަން ހުރީ މިންގަނޑާއި އެއްގޮތަށްތޯ ބެލުމަށް ކުރިއަށްގެންދިޔަ އިންސްޕެކްޝަންތައް ނިންމާލާފައި ވާއިރު މިހާތަނަށް ޖުމްލަ 1545 ތަނެއް ބަލައި އިންސްޕެކްޓްކޮށްފައިވާކަމަށް އެޗްއީއޯސީން ވިދާޅުވިއެވެ. އަދި މީގެތެރެއިން 258 ތަނެއް ގަވާއިދާ ޚިލާފަށް ހުރުމުން ބަންދުކޮށްފައިވާކަމަށްވެސް އެޗްއީއޯސީން ވިދާޅުވެއެވެ.

އެޗްއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓްރީ އޮފް ހެލްތުގެ ޑިރެކްޓަރ އަޙްމަދު ނާސިރު ވިދާޅުވީ އިންސޕެކްޝަންގައި ބަންދުކުރި ތަންތަނުގެ ތެރެއިން މިހާތަނަށް ނުހުޅުވި ހުރީ 7 ތަނެއް ކަމަށެވެ. އޭގެތެރޭގައި ހިމެނެނީ 2 ސެލޫނާކާއި 2 ފިހާރައަކާއި ކާބޯތަކެތީގެ ޚިދުމަތްދޭ 3 ތަނެއްކަމަށް އޭނާ ވިދާޅުވިއެވެ. އޭގެތެރެއިން އެއް ސެލޫން ފިޔަވާ ދެންހުރިތަންތަން ހުޅުވުމަށް އެތަންތަނުގެ ވެރިފަރާތްތަކުން އެޗްޕީއޭއަށް ހުށަނާޅާކަމަށް އަޙުމަދު ނާސިރު ވިދާޅުވިއެވެ.

އަދި އެއް ސެލޫނެއް ހުޅުވުމަށް ހުއްދަ ދީފައިވަނީ އަދިވެސް އެޗްޕީއޭގެ މިންގަނޑަށް ނުފެތޭތީކަމަށް އޭނާ ވިދާޅުވިއެވެ.

ޢާއްމު ޚިދުމަތްދޭ ތަންތަނުން އެޗްޕީއޭގެ މިންގަނޑަށް ޢަމަލުކުރާ މިންވަރު ބެލުމަށް ކުރިއަށް ގެންދިޔަ މި އިންސްޕެކްޝަންގައި ގިނަ މައްސަލަތަކެއް ހުރިކަން ފާހަގަކުރެވިފައިވާކަމަށް އެޗްއީއޯސީން ފާހަގަކުރައްވައެވެ. އެގޮތުން ގިނަ ތަންތަނުގައި ޚިދުމަތްދޭ މީހުންނާއި ޚިދުމަތް ހޯދަން އަންނަ ފަރާތްތަކުން ޢަމަލުކުރަން އަންގާފައިވާގޮތާއި ޚިލާފަށް ސްޓާފުންނާއި ޚިދުމަތް ހޯދާ މީހުންވެސް ޢަމަލުކުރާކަން ފާހަގަކުރެވޭކަމަށް މިއިންސްޕެކްޝަންގައި ވަނީ ފާހަގަކޮށްފައެވެ.

އަދި މީހުން ވަންނަން ކަނޑައަޅާފައިވާ މިންވަރު ބައެއް ތަންތަނުގައި ފެންނަން ނުހުންނައިރު ގިނަ ތަންތަނުގައި ވަނުމަށް ކަނޑައާޅާފައިވާ މީހުންނަށްވުރެ ގިނަ މީހުން ވަދެ ޚިދުމަތް ހޯދާކަން ފާހަގަކުރެވޭކަމަށް އެޗްއީއޯސީން ވިދާޅުވެއެވެ. މިކަން އެންމެ ބޮޑަށް ފާހަގަވެފައިވަނީ ފިހާރަތަކާއި ސެލޫންތަކުގައިކަމަށްވެސް އެސެންޓަރުން ވިދާޅުވެއެވެ. މީގެ އިތުރުން ގިނަ ތަންތަނުގައި ގައިދުރުކަން ކަށަވަރުކުރުމަށް ހުންނަންޖެހޭ ދުރުމިން ނެތުމުގެ ސަބަބުންވެސް ބަންދުކުރަންޖެހުނުކަމަށް އެޗްއީއޯސީން ވިދާޅުވެއެވެ.


ކޯވިޑާއި ގުޅިގެން އެންމެ ފުރަތަމަ އިންސްޕެކްޝަނެއް ކުރިއަށްގެންދިޔައީ ޖުލައިމަހުގެ 12 ވަނަ ދުވަހުގައެވެ. ފުރަތަމަ ބުރުގައި 1390 ތަނެއް ވަނީ ބަލާ ޗެކްކޮށްފައެވެ. އެފަހަރު ފިޔަވަޅު އަޅާފައެއް ނުވެއެވެ. ޖުލައިމަހުގެ 29 ވަނަ ދުވަހުން ފެށިގެން މިމަހުގެ 8 ވަނަ ދުވަހާއި ހަމައަށް ކުރިއަށް ގެންދިޔަ އިންސްޕެކްޝަންގެ ދެވަނަ ބުރު ކުރިއަށް ގެންދިޔައީ އެޗްޕީއޭ އާއި މާލެ ސިޓީ ކައުންސިލާއި ފުލުހުންނާއި އެޗްޑީސީ ގުޅިގެންނެވެ. މިއިންސްޕެކްޝަންގައި މާލެއާއި ހުޅުމާލެ އާއި ވިލިމާލޭގެ އިތުރުން ހުޅުލެއާއި ތިލަފުށީގައިވެސް ޢާއްމު ޚިދުމަތްދޭ ތަންތަން ވަނީ ބަލައި ޗެކްކޮށްފައެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް ފުލުހުން މިއިންސްޕެކްޝަން ކުރިއަށްގެންދާނެކަމަށާއި އިންސްޕެކްޝަން ފުޅާކުރުމަށް ނިންމާފައިވާކަމަށް އެޗްއީއޯސީން ވިދާޅުވެއެވެ.