ޚަބަރު

ރޯވެ އަޑިއަށްދިޔަ ދޯނިން ގެއްލުނު މީހާ ކަނޑުއަޑީގައި މަރުވެފައިއޮއްވައި ފެނިއްޖެ


ރޯވެ އަޑިއަށްދިޔަ ދޯނިން ގެއްލުނު މީހާގެ ހަށިގަނޑު ކަނޑުގެ 48 މީޓަރު އަޑީގައި މަރުވެފައިއޮއްވާ ފެނިއްޖެއެވެ.

އެމްއެންޑީއެފުން ވިދާޅުވީ ބިދޭސީ މީހާ ކޯސްޓްގާޑްގެ ޑައިވަރުންނަށް ފެނިގެން ލ. ގަން ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.

ގަންރީޖަނަލް ހޮސްޕިޓަލްގެ މެނޭޖިންގ ޑައިރެކްޓަރ ޢަލީ ނަޝީދު ވިދާޅުވީ، އެމީހާ ހޮސްޕިޓަލަށް ގެނައިރުވެސް މަރުވެފައިވާ ކަމަށެވެ. އަދި އޭނާ މަރުވެފައި ވަނީ ގެނބިގެން ކަމަށާއި، ހޮސްޕިޓަލަށް ގެނެވިފައިވަނީ މަރުވިތާ 4 ވަރަކަށް ގަޑިއިރު ފަހުން ކަމުގައިވެސް ޑޮކްޓަރުން މައުލޫމާތު ދެއްވާފައިވާ ކަމުގައި އަލީ ނަޝީދު ވިދާޅުވިއެވެ.

ލ.ގަމުގެ ހުޅަނގުން 3 ނޯޓިކަލްމޭލު ބޭރުގައި އޮއްވައި، އަލިފާން ރޯވެ އަޑިއަށް ގޮސްފައި ވަނީ "ވިންދު" ނަމަކަށް ކިޔާ މުދާ އުފުލާ ދޯންޏެކެވެ, މިދޯނީގައި ތިބި 10 މީހުންގެ ތެރެއިން ދޯނީގައި މަސައްކަތްކުރާ ބިދޭސީ މީހާނޫން އެންމެން ވަނީ ސަލާމަތްވެފައެވެ.

ރޯވެ އަޑިއަށްދިޔަ މި ދޯންޏަކީ އެޕޯލޯ ކުންފުނީގެ މުދާ އުފުލާ ދޯންޏެކެވެ. އަޑިއަށްދިޔަ ދޯންޏާއި ދޯނީގެ ބައިތަކާއި ދޯނީގައި ހުރި ބައެއް ތަކެތި ދެފެން ދޭތެރޭގައި އޮވެ އޮޔާދާތީ އެސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން އެކަމަށް ސަމާލުވުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސްކުރައްވާފައެވެ.