ޚަބަރު

ރައީސް ޔާމީންގެ ދައުރުގައި، ދައުލަތް ދަރާފައިވާ މިންވަރު ބަލަން ދެދައުރުގެ މާލީ ވަޒީރުންން މަޖިލީހަށް


2013ވަނަ އަހަރުން ފެށިގެން 2018ވަނަ އަހަރުގެ ނިޔަލަށް ދައުލަތް ދަރަނިވެފައިވާ މިންވަރު އޮޅުންފިލުވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ހުށަހަޅުއްވާފައިވާ މައްސަލާގައި ކުރީގެ މާލީ ވަޒީރުކަން ކުރެއްވި ދެ ވަޒީރަކާއި މިހާރުގެ ވަޒީރުގެ އިތުރުން އެމްއެމްއޭގެ ގަވަރަނަރާއި އޮޑިޓަރ ޖެނަރަލް ރައްޔިތުންގެ މަޖިލީހުގެ މުޅި ކޮމިޓީއަށް ހާޒިރުކުރުމަށް ފާސްކޮށްފިއެވެ.

މުޅި މަޖިލީހުގެ ކޮމިޓީއަށް މި 5 ބޭފުޅުން ހާޒިރުކުރަން ފާސްކުރީ މިއަދުއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ހުށަހަޅުއްވާފައިވާ މައްސަލައަކީ، ދައުލަތުގެ ދަރަނި ބެލެހެއްޓުމުގެ މަސައްކަތްތައް، އެކަމާގުޅޭ ޤާނޫނާ އެއްގޮތަށް ނުހިނގާކަމަށް ވިދާޅުވެ އެކަމުގައި ޢަމަލުކުރާނެ ގޮތުގެ އިރުޝާދަކަށް އެދި ހުށަހަޅުއްވާ މައްސަލައެކެވެ. ރައީސް މުޙައްމަަދު ނަޝީދު ހުށަހެޅި މައްސަލަ، މުޅި މަޖިލިސް ހިމެނޭ ކޮމިޓީން ވަނީ ބަލަން ނިންމާފައެވެ. އަދި އެމައްސަލައާ ގުޅޭ މަޢުލޫމާތު ހޯދުމަށް، ރައީސް ޢަބްދުﷲ ޔާމީނުގެ ވެރިކަމުގައި މާލީ ވަޒީރުކަން ކުރެއްވި އަދި ކުރީގެ ނައިބު ރައީސް ޢަބްދުﷲ ޖިހާދާއި، ހަމަ އެދައުރުގައި މާލީވަޒީރުކަން ކުރެއްވި އަޙްމަދު މުނައްވަރު މަޖިލީހުގެ ކޮމިޓީއަށް ޙާޒިރުކުރަން ވަނީ ނިންމާފައެވެ. އަދި މިހާރުގެ މާލީ ވަޒީރު އިބްރާހީމް އަމީރާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ މިހާރުގެ ގަވަރަނަރު ޢަލީ ޙާޝިމާއި އޮޑިޓަރ ޖެނެރަލްގެ ޙަސަން ‏‏ޒިޔާތު‏‎ މާދަމާ އޮންނަ މުޅި މަޖިލިސް ކޮމިޓީއަށް ހާޒިރުކުރުމަށް ވަނީ ފާސްކޮށްފައެވެ.

މިމައްސަލަ ހުށައެޅުއްވުމަށްފަހު ރައީސް ނަޝީދު ވަނީ 2013 ވަނަ އަހަރާއި 2018 ވަނަ އަހަރާދެމެދު ނެގި ބައެއް ލޯނުތަކާއި ގެރެންޓީތަކުގެ މައުލޫމާތު ޤާނޫނުގައިވާ ގޮތަށް ރައްޔިތުންގެ މަޖިލީހާ ހިއްސާ ކޮށްފައި ނުވާކަމަށް ވިދާޅުވެފައެވެ.

އެހެންނަމަވެސް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މުޤައްރިރު ކިނބިދޫ ދާއިރާ މެންބަރު މުޙައްމަދު ނާޝިޒުވަނީ މިވާހަކަފުޅުތައް ދޮގުކުރައްވާފައެވެ. ނާޝިޒު ވިދާޅުވީ، ސިނަމާލެ ބްރިޖާގުޅޭ ލޯންގެ މައުލޫމާތާއި، ސަނީ ސައިޑް ބޮންޑްގެ މައުލޫމާތާއި އަބޫދާބީ ބޮންޑުގެ މައުލޫމާތުގެ އިތުރުން ސޭލާން ޕަބްލިކް ބެންކަށް ދައުލަތުން ދީފައިވާ ގެރެންޓީގެ މައުލޫމާތު 2018ވަނަ އަހަރާއި 2019ވަނަ އަހަރުގެ ތެރޭގައި މަޖިލީހަށް ލިބިފައިވާކަމަށެވެ.

"މިދިޔަ އަހަރުގެ ޑިސެމްބަރު 25ގައި މަޖިލީހަށް ލިބިފައިވާ މައުލޫމާތުގެ ތެރޭގައި އެވިދާޅުވި ސަނީސައިޑް ބޮންޑާއި ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖްގެ މައުލޫމާތު މަޖިލީހަށް ލިބިފައި ހުރިކަން އަޅުގަނޑަށް ޔަގީންވޭ. މަޖިލީހުގެ ޤާނޫނާއި ޤާވާޢިދުތަކުގެ ދަށުން ކޮމިޓީއަކަށް ނުވަތަ މަޖިލީހަށް ހުށައަޅަންޖެހޭ އެއްވެސް ލިއުމެއް ހުށައަޅާފަ ނުވާނަމަ ކޮމެޓީއަށް މިއަލޫމާތު މިއަންނަ ހަފަތާގަ ގެނައުމަށް އަޅުގަނޑުވާނީ ކޮމިޓީގެ ސެކްރެޓޭރިއޭޓަށް ދަންނަވާފައި. އެހީސާބުން ސީދާ ޖަވާބެއްދެވޭނެ" ނާޝިޒު ވިދާޅުވިއެވެ.

އެކި މުޢައްސަސާތަކުން މަޖިލީހަށް ހުށަހަޅަން ޖެހޭ ލިޔެކިޔުންތައް ހުށަހަޅާފައި ނުވާނަމަ އެކަން ރިޔާސަތާއި ކަމާ ގުޅުންހުރި ކޮމެޓީތަކުގެ ސަމާލުކަމަށް ގެނައުމަކީ މަޖިލީހުގެ އިދާރާގެ ޒިންމާއެއްކަމަށް އޭނާ ވިދާޅުވިއެވެ.

މިކަމާގުޅޭގޮތުން މަޖިލީހުގެ އަމީންޢާންމު ވިދާޅުވީ 3 ލޯނަކާއި ލޯން ގެރެންޓީއެއްގެ މައްސަލައިގެ މަޢުލޫމާތު ފިނޭންސް މިނިސްޓްރީން މަޖިލީހަށް ހުށައަޅާފައި ނުވާކަން ފާހަގަކުރެވޭކަމަށެވެ. އަދި 2019ވަނަ އަހަރުގެ ނިޔަލަށް މަޖިލީހަށް ލިބިފައިވާ ސިޓީތަކާއި ލިޔުންތައް ބެލިއިރު އެމައުލޫމާތު ލިބިފައިވާކަމަށް އެންގެން ނެތްކަމަށްވެސް އަމީންޢާއްމު ވިދާޅުވިއެވެ.