ދުނިޔޭގެ ވިޔަފާރި

އަރަމްކޯގެ ފައިދާ 73 އިންސައްތަ ދަށަށް!


ދުނިޔޭގެ އެންމެ ބޮޑު ތެޔޮ ކުންފުނި، ސައުދީ އަރަބިއްޔާގެ އަރަމްކޯއަށް މިދިޔަ ކުއާޓަރުގައި ލިބުނު ފައިދާ 73 ޕަސަންޓް ދަށަށް ހިންގައްޖެއެވެ.

އަރަމްކޯއިން އާއްމުކޮށްފައިވާ މަޢުލޫމާތުތަކަށް ބަލާލާއިރު، މިދިޔަ ކުއާޓަރުގައި އެކުންފުންޏަށް ލިބިފައިވަނީ 6.6 ބިލިއަން ޑޮލަރުގެ އާމްދަނީއެކެވެ. މިއީ މިދިޔަ އަހަރުގެ 2 ވަނަ ކުއާޓަރުގައި އެކުންފުންނަށް ލިބުނު 24.7 ބިލިއަން ޑޮލަރުގެ އާމްދަނީއާ އަޅާބަލާއިރު 73.4 އިންސައްތައިގެ ދަށްވުމެކެވެ.

އަރަމްކޯގެ އާމްދަނީ ދަށްވިޔަސް، ޑިވިޑެންޑްގެ ގޮތުގައި ހިއްސާދާރުންނަށް 75 ބިލިއަން ޑޮލަރު ވަނީ ކަނޑައަޅާފައެވެ. ސައުދީ ސަރުކާރުން އަރަމްކޯގެ 98 އިންސައްތަ ހިއްސާ ކޮންޓްރޯލްކުރާއިރު، ޑިވިޑެންގެ ފައިސާ އެއްކޮށް ކަހަލަ ގޮތަކަށް ދާނީ ސަޢުދީ ސަރުކާރަށެވެ.

އަރަމްކޯއިން ޑިވެންޑް ފައިސާ ދެއްކުމަށް ނިންމާފައިވާއިރު، ކޯވިޑްއާ ގުޅިގެން ލިބެމުންދާ ގެއްލުމުގެ ސަބަބުން ބޮޑެތި ތެޔޮ ކުންފުނިތައްކަމަށްވާ ބީޕީއާއި ރޯޔަލް ޝެލްގެ ޑިވިޑެން ވަނީ ނުބަހާ ގޮތަށް ނިންމާފައެވެ.

ސައުދީ އަރަބިއްޔާގެ އަރަމްކޯއަކީ އެމެރިކާގެ އެޕަލް ކުންފުންޏަށްފަހު ދުނިޔޭގެ އެންމެ އަގުހުރި ކުންފުންޏެވެ. އެޕަލްގެ ކުންފުނީގެ އަގު 1.9 ޓްރިލިއަން ޑޮލަރުގައި އުޅޭއިރު، އަރަމްކޯގެ އަގަކީ 1.76 ޓްރިލިއަން ޑޮލަރެވެ.