ހދ.ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މުޙައްމަދު މަޢުޞޫމް އިސްތިއުފާދެއްވައިފިއެވެ.
މުޙައްމަދު މަޢުޞޫމް އިސްތއުފާ ދެއްވާފައިވަނީ އެކި މައްސަލަތައް ނިންމުމުގައި ފައިސާ ނަގައި އޭނާގެ އެކައުންޓަށް މިލިއަނަކަށްވުރެ ގިނަ ފައިސާ ވަދެފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި ޖޭއެސްސީން ނިންމާފައިވާ ގޮތަށް އޭނާ މަޤާމުން ވަކިކުރުމަށް މަޖިލީހުންގެ ޖުޑިޝަރީ ކޮމިޓީން ނިންމާ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ހުށައަޅަން ތައްޔާރުވެފައި ވަނިކޮށެވެ.
މިއަދުގެ ޖަލްސާގައި މައުސޫމް މަޤާމުން ވަކިކުރުމާއިމެދު ގޮތެއް ނިންމަން ކޮމިޓީ ރިޕޯޓް ހުށައެޅުމުގެ ފުރުސަތު މުޤައްރިރަށް އެރުވުމުގެ ކުރިން މަޖިލީހުގެ ރައީސް ވިދާޅުވީ ހދ.ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މުޙައްމަދު މަޢުޞޫމް އިސްތިއުފާ ދެއްވިކަން ޖޭއެސްސީން މަޖިލީހަށް އަންގާފައިވާކަމަށެވެ.
ހދ.ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މުޙައްމަދު މަޢުޞޫމް މަޤާމުން ވަކިކޮށްދިނުމަށް އެދި ޖޭއެސްސީން މަޖިލީހަށް ފޮނުއްވި މައްސަލާގައި ބުނެފައިވަނީ މަޢުޞޫމް ރިޝްވަތު ނަގާކަމަށް ހުށައެޅި މައްސަލަ ބެލިބެލުމުގައި ވަޒީފާގެ އިތުރުން އެއްވެސް އާމްދަނީއެއް ލިބިފައިނުވާކަމަށް ހާމަކުރިނަމަވެސް 3 އަހަރާއި 8 މަސްދުވަހުގެ ތެރޭގައި މައުސޫމްގެ އެކައުންޓަށް 1.4 މިލިއަން ރުފިޔާ ވަދެފައިވާކަމަށެވެ. އަދި މިފައިސާ އިސް މެޖިސްޓްރޭޓަށް ލިބުނު ގޮތެއް ސާފުކޮށްދެވިފައިނުވާކަމަށްވެސް ޖޭއެސްސީގެ ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.
ހއ.ހިރިމަރަދޫ މެޖިސްޓްރޭޓް ކޯޓުގެ ޤަޟިއްޔާއެއް ނިންމުމުގައި އިސް މެޖިސްޓްރޭޓް މުޙައްމަދު މަޢުޞޫމް ރިޝްވަތުގެ ގޮތުގައި ފައިސާ ނަގާފައިވާކަމާއި، އަދި ކުޅުދުށްފުށީ ކޯޓްގެ މުވައްޒަފަކަށް ޖިންސީ ފުރައްސާރަކުރި މައްސަލާގައި ފަނޑިޔާރެއްގެ ކިބައިގައި މަސައްކަތު މާހައުލުގައި ހުރެގެން ނުވާނެ ކަންކަން ތަހުގީގަށް އިސްމެޖިސްޓްރޭޓްގެ ވާހަކައިންނާއި ހެކިންގެ ހެކިބަހުން ސާބިތުވާކަމަށްވެސް ޖޭއެސްސީގެ ރިޕޯޓްގައިވެއެވެ.