ޚަބަރު

ޗައިނާ އެއިޑްގެ ދަށުން 5 ރަށެއްގައި ސާފު ބޯފެން ފޯރުކޮށްދޭ ނިޒާމު ޤާއިމުކުރަނީ


ޗައިނާ-އެއިޑްގެ ދަށުން 5 ރަށެއްގައި ސާފު ބޯފެން ފޯރުކޮށްދޭ ނިޒާމު ޤާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. 5 ރަށެއްގައި މައިކްރޯ-ގްރިޑް ސީވޯޓަރ ޑީސެލިނޭޝަން މަޝްރޫޢުތަކުގައި ސޮއިކުރެއްވުމަށްފަހު މިކަން ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖެންގް ލީޖޮންގް ވަނީ ޓުވީޓަރ މެދުވެރިކޮށް ހާމަކުރައްވާފައެވެ.

މި އެއްބަސްވުމުގެ ދަށުން ސާފު ބޯފެން ފޯރުކޮށްދޭ ނިޒާމު ޤާއިމުކުރުމަށް ހަމަޖެހިފައިވަނީ، ގއ. ދާންދޫ، ކ. ކާށިދޫ، ޅ. އޮޅުވެލިފުށި، ރ. އަލިފުށި އަދި ހއ. ކެލާގައެވެ. މި ފަސް ރަށުގައި ސާފު ބޯފެން ފޯރުކޮށްދޭ ނިޒާމު ޤާއިމުކުރުމަށް އެއްބަސްވެފައިވަނީ 11.8 މިލިއަން ޑޮލަރަށް ކަމަށް ޗައިނާ ސަފީރު ވިދާޅުވިއެވެ. ޗައިނާ ސަފީރު ވަނީ ދިވެހިރައްޔިތުންގެ އަސާސީ ޚިދުމަތްތައް ކަށަވަރުކޮށްދިނުމަށް ޗައިނާއިން އަބަދުވެސް އެހީތެރިވެ ދިނުމުގައި ދެމި އޮންނާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

ޗައިނާ ސަފީރުގެ ޓުވީޓް

ޗައިނާ އެމްބަސީން މިދިޔަ އަހަރުގެ ތެރޭގައި ވަނީ ރާއްޖޭގެ 5 ސަރަހައްދެއްގައި ސާފު ބޯފެން ފޯރުކޮށްދޭ ނިޒާމު ޤާއިމުކުރުމަށް މަޝްވަރާކުރަމުންދާކަން ހާމަކުރައްވާފައެވެ. 100 ކިއުބިކް މީޓަރުގެ ފެން ރައްކާކުރެވޭ މިއިން ކޮންމެ ޕްލާންޓަކުންވެސް 2500 މީހުންގެ އާބާދީއަކަށް ސާފު ފެން ފޯރުކޮށްދެވޭނެ ކަމަށް ޗައިނާ ސަފީރު އޭރު ވަނީ ވިދާޅުވެފައެވެ.

ޗައިނާއިން ރާއްޖޭގައި މިހާރުވެސް 4 ޕްރޮޖެކްޓެއް ހިންގަމުން އެބަދެއެވެ. އޭގެ ތެރޭގައި ސިނަމާލެ ބްރިޖްގެ މެއިންޓަނަންސްގެ މަސައްކަތާއި، ހިޔާ ހައުސިންގް ޔުނިޓްތަކުގެ މަސައްކަތްތަކުގެ އިތުރުން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް އަޕްގްރޭޑްކުރުމުގެ މަސައްކަތްވެސް ހިމެނެއެވެ.