ޚަބަރު

ކޯވިޑް-19 : އައްޑޫ ސިޓީން ޕޮޒިޓިވްވީ މީހުންގެ އަދަދު ތިނަކަށް


އައްޑޫ ސިޓީ ހިތަދޫގައި ފުރަބަންދު ކަރަންޓީނު ފުރިހަމަ ކުރި އިތުރު މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ. ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވީ އިއްޔެ ހެދި ޓެސްޓް ޕޮޒިޓިވްވީ 58 އަހަރުގެ ދިވެހި އަންހެނަކު ކަމަށެވެ.

އައްޑޫ ސިޓީ ހިތަދޫން ފުރަބަންދު ކަރަންޓީނު ފުރިހަމަ ކުރުމަށްފަހު ކޯވިޑަށް ޓެސްޓު ކުރި 38 އަހަރުގެ ބިދޭސީ ފިރިހެނަކުވެސްވަނީ ޕޮޒިޓިވްވެ އެރަށަށް އަރާފޭބުންވަނީ މަނާކޮށްފައެވެ.

ހިތަދޫގެ އިތުރުން އައްޑޫ ސިޓީގެ ފޭދޫގައި ހޯމް ކަރަންޓީނުގައި ހުރި ފުލުހަކު ވެސް ވަނީ ޕޮޒިޓިވް ވެފައެވެ. އައްޑޫސިޓީން ފެނުނު ކޭސްތަކާ ގުޅިގެން ކޮންޓެކްޓް ޓްރޭސިން މަސައްކަތް ފަށާފައިވާ ކަމަށް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން މައުލޫމާތު ދެއެވެ.

ޕޮޒިޓިވް ކޭސްތައް ފެނުމާގުޅިގެން އައްޑޫސިޓީ ހިތަދޫގެ ހުރިހައި ސްކޫލެއްގެ ކިޔެވުން އިއްޔެވަނީ ކުރިއަށް އޮތް 2 ދުވަހަށް މެދު ކަނޑާލަފައެވެެ.

އައްޑޫސިޓީ ހިތަދޫ މޮނިޓަރިން ހާލަތަށް ގެނެސްފައިވާއިރު، ހިތަދޫ ހިމެނެނީ ގުޅިފައިވާ ރަށްތަކުގެ ތެރޭގައެވެ. ނަމަވެސް ގުޅިފައިވާ މިރަށްތަކުން މަރަދޫ، މަރަދޫ-ފޭދު އަދި ފޭދޫ މޮނިޓަރިން ހާލަތަށް ގެނެސްފައި ނުވެއެވެ. އެހެން ކަމުން މިރަށްތަކުގެ ތެރޭގައި ދަތުރު ކުރި ނަމަވެސް ހިތަދޫއަށް މިއިން އެއްވެސް ރަށަކުން ނުދެވޭނެއެވެ.