ފުރަބަންދުގެ ތެރޭގައި ބޭހުގެ ޚަރަދަށް 422 މިލިޔަން ރުފިޔާ ޚަރަދުކުރެވިފައި ވާއިރު، ބޭކާރުޚަރަދު އިތުރުވިކަމަށް އާސަންދަ ކުންފުނިން ހާމަކޮށްފިއެވެ.
އާސަންދަ ކުންފުނިން ވަނީ އާސަންދަ ސްކީމް ދެމެހެއްޓެނިވިގޮތެއްގައި ހިންގުމަށް ޒިންމާދާރުގޮތުގައި ގޮތެއްގައި ރައްޔިތުން ސްކީމްގެ ބޭނުން ކުރުމަށް ގޮވާލާފައެވެ.
އާސަންދަ ކުންފުނީގެ ޚިދުމަތްތަކުގެ މަޢުލޫމާތު ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ހިއްސާކުރައްވަމުން ކުންފުނީގެ އެސިސްޓެންޓް ޖެނެރަލް މެނޭޖަރ އައިމިނަތު ޒީނިޔާ ވިދާޅުވީ، އާސަންދައިން ފުރަބަންދުގައި 703 މިލިއަން ރުފިޔާ އެކި ޚިދުމަތްތައް ދިނުމަށް ޚަރަދުކޮށްފައިވާކަމަށެވެ. އޭގެ ތެރެއިން 68 އިންސައްތަ ޚަރަދުކަމުގައިވާ 422.2 މިލިއަން ރުފިޔާ ޚަރަދުކޮށްފައި ވަނީ، އާސަންދައިން ބޭސް ފިހާރަތަކުން ބޭސް ގަތުން ފަދަކަންކަން ކުރުމަށް ކަމުގައި ޒީނިޔާ ވިދާޅުވިއެވެ.
ފުރަބަންދުގެ ޙާލަތުގައި ރައްޔިތުން މި ނިޒާމުގެ ޚިދުމަތް ހޯދުމުގައި ޒިންމާދާރުކަން ކުޑަކޮށް އަމަލުކޮށްފައިވާކަން ފާހަގަކުރައްވައި އައިމިނަތު ޒީނިޔާ ވަނީ މި ދުވަސްވަރު އާސަންދަ ސްކީމްގެ ތެެރެއިން ކުރެވޭ ކޮންމެހެން ބޭނުން ނޫން ޚަރަދުތައް އިތުރުވެފައިވާކަމަށް ވިދާޅުވިއެވެ. އެގޮތުން އެކި ޑޮކްޓަރުންނަށް ދައްކައިގެން އެއްކަމަކަށް ގިނަބޭސްތައް ނެގުން ފަދަ ކަންކަން ފާހަގަކުރެވިފައިވާކަމުގައި އައިމިނަތު ޒީނިޔާ ވިދާޅުވިއެވެ.
މިފަދަ ކަންކަން ބެލުމަށް ފްރޯޑް އިންވެސްޓިގޭޝަން ޑިޕާޓްމެންޓެއް އާސަންދައިގައި އުފައްދާފައިވާކަން ފާހަގަކުރައްވާ އައިމިނަތު ޒީނިޔާ ވަނީ މި މައްސަލަތައް ބެލުމަށް ބަލިމީހުންނަށް ގުޅައި އަދި އެންސްޕާ އާއި ގުޅިގެން މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ.
"އަޅުގަނޑުމެންގެ ޕޯޓަލްއިން މިފަދަކަންކަން ދެނެގަނެވޭނެ. މި ކަންކަމަކީ ފަރުދީ ޒިންމާ އަދާކޮށްގެން ނޫނީ ހައްލުވާނެ ކަންކަމެއް ނޫން. އާސަންދަ ނިޒާމު ދެމެހެއްޓެނިވިގޮތެއްގައި ހިންގުމަށް މި ނިޒާމު ޒިންމާދާރުގޮތުގައި ރައްޔިތުން ބޭނުން ކުރަން ޖެހޭ. ބައެއް ފަރާތްތަކުން އެބަހުރި 9 މަހުގެ ބޭސް ވެސް ނަގާފައި" އައިމިނަތު ޒީނިޔާ ވިދާޅުވިއެވެ.
ބޭހުގެ އިތުރުން އެކި ޓެސްޓްތައް ހެދުމަށް މެމޯ ހައްދައި ޓެސްޓު ނުހަދާ ހުރުމާއި، ޓެސްޓްތަކުގެ ނަތީޖާ ޑޮކްޓަރަށް ނުދައްކައި ހުރުން ފަދަ ކަންކަން ހުރުމަކީ އާސަންދަ ސްކީމުން ކުރެވޭ ބޭނުމެއްނެތް ޚަރަދުވެސް އިތުރުވާކަމެއްކަމަށް އާސަންދަ ކުންފުނިން ވިދާޅުވިއެވެ.
އާސަންދައަކީ ދިވެހިންގެ ޞިއްޙީ ފަރުވާގެ ޚަރަދުތައް ހަމަޖައްސައިދިނުމަށްޓަކައި އެކުލަވާލާފައިވާ ޞީއްޙީ އިންޝުއަރެންސްގެ ނިޒާމެކެވެ. އާންމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާންކޮށް ފުރަބަންދުގެ ޙާލަތުގައި އާސަންދަ ކުންފުނީގެ ޚިދުމަތްތައް މެދު ނުކެނޑި ދީފައިވާއިރު، ބޭސް ހޯދުމަށާއި ޑޮކްޓަރަށް ދެއްކުމުގެ ކަންކަމުގައި އާސަންދައިން ބޮދެތި ލުއިތަކެއް ވެސް ދިނެވެ. މިގޮތުން ދާއިމީ ބަލިތަކަށް ބޭސް ބޭނުންކުރާ މީހުންނަށް އަލުން ޑޮކްޓަރަށް ނުދެއްކުނު ނަމަވެސް އާސަންދަ ސްކީމުގެ ތެރެއިން ބޭސް ލިބޭނެ ގޮތް ހަމަޖެއްސިއެވެ.