ޚަބަރު

މަޖިލީހަށްދޭ މައުލޫމާތުގެ ސައްޙަކަން ކަށަވަރުކުރުމަކީ މުހިންމުކަމެއް: ހެލްތު މިނިސްޓްރީ


ރައްޔިތުންގެ މަޖިލީހަށް ޞިއްޙީ ދާއިރާއާގުޅޭ ގޮތުން ދޭ މަޢުލޫމާތުގެ ސައްޙަކަން ކަށަވަރުކުރުމަކީ މުހިންމުކަމެއް ކަމުގައި މިނިސްޓްރީ އޮފް ހެލްތުން ވިދާޅުވެއްޖެއެވެ.

ހެލްތު މިނިސްޓްރީން ނެރުއްވި ބަޔާނެއްގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ އިޖްތިމާޢީ ކޮމިޓީގައި ޞިއްޙީ ދާއިރާއާއި އެ މިނިސްޓްރީގެ މަސައްކަތްތަކާ ގުޅޭގޮތުން މަޢުލޫމާތު ދެއްވުމަށް އެބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި ބޭފުޅުން ފާހަގަކޮށްފައިވާ އެއްވެސް ކަމަކާގުޅޭ ގޮތުން ކޮމިޓީއަށް މަޢުލޫމާތު ދެއްވުމުގެ ކުރިން އެ މިނިސްޓްރީއާއި އެއްވެސް ވަރަކަށް މަޝްވަރާކުރައްވާފައިނުވާކަމަށް ވިދާޅުވެފައެވެ. އަދި ކޮމިޓީގައި އެބޭފުޅުން ދައްކަވާފައިވާ ވާހަކަފުޅުތަކާއި ގުޅިގެން ސިއްހީ ދާއިރާގެ ކަންކަން ކުރެވެމުންދާ ގޮތް ތަފްސީލްކޮށްދީ އެމިނިސްޓްރީން ވަނީ ބަޔާނެއް ނެރުއްވާފައެވެ.

މިބަޔާން ނެރުއްވާފައި ވަނީ، ހެލްތު މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓެރީގެ މަޤާމުގައި ހުއްޓައި، މަޤާމުން ވަކިކުރައްވާފައިވާ ޅަދީޖާ އަބުދުއްސަމަދާއި އިތުރު ބޭފުޅުންތަކެއް ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީއަށް ވަޑައިގެން ހެލްތު މިނިސްޓްރީ އާއި އެމިނިސްޓްރީގެ މުވައްޒަފުންނަށް ކުރެއްވި ތުހުމަތުތަކާއި ގުޅިގެންނެވެ.

މިގޮތުން ހެލްތު މިނިސްޓްރީގެ އިދާރީ މަސައްކަތްތަކާއި ކޯވިޑް-19ގެ ކަންކަން މެނޭޖުކުރުމުގެ މަސައްކަތްތައް ކުރިޔަށްދާގޮތަށް ފާޑުވިދާޅުވެ އަދި މިސަރުކާރު އައިފަހުން ރާއްޖޭގެ ސިއްޙީދާއިރާ ދަށަށް ގޮސްފައިވާ ކަމަށް އެބޭފުޅުން ވަނީ މަޖިލީހުގެ ކޮމިޓީގައި ވިދާޅުވެފައެވެ.

މިކަމާއި ގުޅިގެން މިނިސްޓްރީ އޮފް ހެލްތުން ނެރުއްވާފައިވާ ބަޔާނުގައި ވިދާޅުވެފައި ވަނީ، ޞިއްޙީ ދާއިރާގެ މަސައްކަތްތަކަކީ ވަރަށް ފަންނީ ޚިދުމަތްތަކަކަށްވީ ހިނދު، މިދާއިރާގެ މަސައްކަތްތައް ރާވާ ހިންގުމުގައި މިހާރުވެސް އިސްކޮށް ހަރަކާތްތެރިވަމުން ގެންދަވަނީ މިދާއިރާގެ ޚާއްސަ ގިންތިތަކުން ތަމްރީނާއި ތަޖުރިބާ ލިބިފައިވާ މީހުންކަމަށެވެ. އަދި ޞިއްޙީ ދާއިރާގެ ފަންނީ ނިންމުންތަކަކީ ފަންނީ މީހުންގެ މައްޗަށް އެކުލަވާލެވޭ ކޮމިޓީތަކާއި އެކަމާ ގުޅޭ އެންމެހާ މަޢުލޫމާތަށް ބިނާކޮށް ނިންމާ ނިންމުންތަކެއް ކަމުގައި މިނިސްޓްރީ އޮފް ހެލްތުން ވިދާޅުވެއެވެ.

އެމިނިސްޓްރީން ވިދާޅުވީ، އެ މަސައްކަތްތައް ކުރަނީ ސަރުކާރުން ނިންމަވާފައިވާ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެމަތިން، ދާއިރާގެ އެކި ކަންކަމަށް ސިޔާސީ ބޭފުޅުން މަސްއޫލުވެ ތިއްބަވައިގެން އެބޭފުޅުންގެ ބައިވެރިވުމާއެކު އެކިއެކި ފަރާތްތަކާއި އެކު ވިލަރެސްކޮށް ކަނޑައެޅިފައިވާ އިންތިޒާމްތަކެއްގެ ދަށުން، އެހެނިހެން ދާއިރާތަކުގެ ބައިވެރިވުމާއެކުގައި ކަމަށެވެ.

މީގެ އިތުރުން، މިދާއިރާ އިތުރަށް ތަރައްޤީކޮށް ފުޅާކުރުމަށް ބޭނުންވާ ފަންނީ ޤާބިލްކަން އިތުރުކުރުމަށް ބޭނުންވާ ތަމްރީނާއި ތަޖުރިބާގެ ފުރުޞަތުތައް ހޯދުމަށް ސަރުކާރުގެ އިދާރާތަކާ އެހެނިހެން ފަރާތްތަކާއެކު ހުއްޓުމެއްނެތި މަސައްކަތްތައް ދަނީ ކުރެވެމުންކަމުގައިވެސް އެމިނިސްޓްރީން ވިދާޅުވެފައި ވެއެވެ،

ހެލްތު މިނިސްޓްރީން ވިދާޅުވީ، އެމިނިސްޓްރީގެ އެގްޒެކްޓިވް ލެވެލްގެ ބޭފުޅުންގެ ބައްދަލުވުންތައް ގަވާއިދުން ކުރިއަށް ގެންދަވަނީ ރައީސުލްޖުމްހޫރިއްޔާ މިނިސްޓްރީއަށް ޢައްޔަނުކޮށްފައިވާ ބޭފުޅުންނާއި ސިވިލް ސާރވިސް މުއައްޒަފުންނާއި އެކުގައި ކަމަށެވެ. އަދި މިނިސްޓްރީގެ ޑިވިޜަންތައް ހިންގުމުގެ އެންމެ އިސްރޯލެއް އަދާކުރަނީ ސިޔާސީ ބޭފުޅުންގެ ބެލުމުގެ ދަށުންކަމަށެެވެ.

މަޖިލީހުގެ ކޮމިޓީގައި ވާހަކަދެއްކެވި ބޭފުޅުން، ހެލްތު މިނިސްޓްރީން މާލިއްޔަތު ޤާނޫނާއި ޚިލާފަށް ކަންކަން ކުރަމުންދާކަމަށް ތުހުމަތުކޮށްފައި ވާއިރު ހެލްތު މިނިސްޓްރީން ވިދާޅުވީ ސިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް މެދު ނުކެނޑި ޚިދުމަތް ދިނުމަށް ހޯދާތަކެތި ހޯދަމުންދަނީ މާލިއްޔަތު ޤާނޫނާއި ޤަވާއިދާއެއްގޮތަށް ބީލަމުގެ މަރުހަލާގެ ތެރެއިންކަމަށެވެ.

އަދި ދިވެހިރާއްޖޭގައި ޞިއްޙީ ޚިދުމަތްދިނުމަށް ބޭނުންވާ ގައިޑްލައިންތައް އެކުލަވާލަނީ ބައިނަލްއަޤްވާމީ މިންގަޑުތަކަށް ބިނާކޮށް އާ ހޯދުންތަކާ ދިރާސާތަކާ އެއްގޮތަށް އަދާހަމަކޮށްގެން ކަމުގައިވެސް އެމިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

އެމިނިސްޓްރީން ވިދާޅުވީ، ކޯވިޑް19 އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކާއި ނިންމާފައިވާ ނިންމުންތަކަކީ، ސަރުކާރުގެ ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި ޞިއްޙީ ދާއިރާގެ ފަންނީ މާހިރުންނާއި އަދި ތަޖުރިބާކާރުންގެ ލަފާގެ މަތިންކަމަށާއި، އެ މަސައްކަތްތައް ކުރިއަށް ގެންދަނީ އިޖްތިމާޢީ އަދި އިޤްތިޞާދީ ދާއިރާތަކާއި ދަރުމައަށް މަސައްކަތްކުރާ ފަރާތްތައް ގުޅިގެން ކުރެވޭ ޤައުމީ މަސައްކަތެއްގެ ގޮތުގައި ކަމަށެވެ.

މިގޮތުން މިމަސައްކަތުގައި ބައިވެރިވެ ދެއްވުމަށް އެދި މިމިސްޓރީންނާއި ދައުލަތުން އިލްތިމާސް ކުރުމުން ބައިވެރިވާން ބޭނުންވި ފަރާތްތަކަށް ފުރުޞަތު ވަނީ ދެވިފައިވާ ކަމަށާއި މިހާރުވެސް އެފަރާތްތަކުގެ އެހީތެރިކަން ދަނީ ލިބެމުންކަމުގައި ހެލްތު މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

ހެލްތު މިނިސްޓްރީން ވިދާޅުވީ، އަތޮޅުތެރޭގެ ސިއްޚީ ޚިދުމަތްތައް ކުރިއަށްވުރެބޮޑަށް ފުޅާކުރެވި ވަޞީލަތްތައްދަނީ ޤާއިމުކުރެވެމުން ކަމަށެވެ. މިގޮތުން އަތޮޅު ހޮސްޕިޓަލުތަކުން ތަފާތު ސްޕެޝަލިޓީގެ ޚިދުމަތްތައް ތަޢާރަފުކުރެވި މާލެއަށް ރިފަކުރުން ކުރިއަށްވުރެބޮޑަށް ވަނީ މަދުކުރެވިފައި ކަމަށްވެސް އެމިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

މިނިސްޓްރީ އޮފް ހެލްތުން ވިދާޅުވީ، ޞިއްޙީ ދާއިރާ ތަރައްޤީކުރަމުން ގެންދަނީ ޞިއްޙީ ދާއިރާގެ ދުރު ރާސްތާ ޕްލޭނާއި ސަރުކާރުގެ ސްޓްރެޓަޖިކް އެކްޝަން ޕްލޭންގައި ކަނޑައެޅިފައިވާ ސިޔާސަތުތަކުގެ ދަށުންކަމަށެވެ.

މިގޮތުން، ރައީސުލްޖުހޫރިއްޔާގެ ވަޢުދުފުޅާ އެއްގޮތަށް ފަސް ސަރަޙައްދެއްގައި ޓާޝަރީ ހޮސްޕިޓަލްތައް ތަރައްޤީކުރުމާއި، ކުރިން ނުދެވޭ ސްޕެޝަލިޓީ ޚިދުމަތްތައް ހޮސްޕިޓަލްތަކުގައިވަނީ ފެށިކަމަށާއި، ލާމަރުކަޒީ ޞިއްޙީ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި އަތޮޅުތެރޭގެ ޞިއްޙީ ޚިދުމަތްދޭ ތަންތަނަށް ބޭނުންވާ ވަސީލަތްތައް ޤާއިމްކުރުމުގެ މަސައްކަތްތައް މިހާރުވެސް ކުރެވެމުންދާކަމުގައި އެމިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

ހެލްތު މިނިސްޓްރީން ވިދާޅުވީ، އަތޮޅުތެރޭގައި ކޮވިޑް19ގެ ވަބާއަށް އިޖާބަދިނުމަށް ބޭނުންވާ ވަސީލަތްތައް ޤާއިމްކުރުމަށް ކޮވިޑް19 އަށް ޓެސްޓްކުރެވޭ ލެބޯރަޓަރީގެ ޚިދުމަތްތަކާއި އައިސޮލޭޝަން އަދި އައިސީޔޫގެ ޚިދުމަތް ޞަރަހައްދުތަކުގައިވަނީ ޤާއިމްކޮށް، ޚިދުމަތްދޭނެ މީހުންވަނީ ތަމްރީނުކޮށްފައި ކަމަށެވެ.

އެމިނިސްޓްރީން ވަނީ، ޞިއްޙީ ދާއިރާ އިތުރަށް ހަރުދަނާކުރުމަށް ދޭ ހިޔާލާއި ލަފައަށް މިނިސްޓްރީއިން އަބަދުވެސް ތަރުހީބުދޭނެކަމުގައި ވިދާޅުވެފައެވެ.