ވިޔަފާރި

އެސްއެމްއީ ބޭންކުން އަންހެން ވިޔަފާރިވެރިންނަށް 51 މިލިއަން ރުފިޔާގެ ލޯނު


އެސްއެމްއީ ބޭންކު މެދުވެރިކޮށް އަންހެން ވިޔަފާރިވެރިންނަށް 51 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ލޯނު ދޭން ނިންމާފައިވާކަމަށް އެ ބޭންކުން ބުނެފިއެވެ.

ކުދި ވިޔަފާރިއާއި މެދު ފަންތީގެ ވިޔަފާރިތަކަށް ޚާއްސަކޮށްގެން އުފެއްދި އެސްއެމްއީ ބޭންކުގެ ޚިދުމަތް ފަށާފައި ވަނީ މިދިޔަ އަހަރުގެ މާރޗް މަހުގެ ތެރޭގައެވެ. އެސްއެމްއީ ބޭންކުން ދޫކުރާ ލޯނުގެ 25 އިންސައްތަ ޙާއްސަކޮށްފައިވަނީ އަންހެން ވިޔަފާރިވެރިންނަށެވެ.

އެސްއެމްއީ ބޭންކު މެދުވެރިކޮށް މިހާތަނަށް 49 އަންހެން ވިޔަފާރިވެރިއަކަށް 51،383،453 ރުފިޔާގެ ލޯނު ދިނުމަށް ވަނީ ނިންމާފައެވެ. 49 ވިޔަފާރީގެ ތެރެއިން މިހާތަނަށް 25 ވިޔަފާރިއަކަށް ލޯނު ފައިސާ ވަނީ ދޫކޮށްފައެވެ. އެއީ 14،158،393 ރުފިޔާއެވެ.

އެސްއެމްއީ ބޭންކުން އަންހެން ވިޔަފާރިވެރިންނަށް ދޫކޮށްފައިވާ ލޯނުތަކުގެ ތަފާސްހިސާބު

އެސްއެމްއީ ބޭންކު މެދުވެރިކޮށް އަންހެން ވިޔަފާރިވެރިންނަށް އެންމެ ގިނަ އަދަދެއްގެ ލޯނު ކަށަވަރުވެފައި ވަނީ ކޮމާސްގެ ދާއިރާއިންނެވެ. މި ދާއިރާއިން 24 ފަރާތަކަށް ލޯނު ކަށަވަރުވެފައިވާއިރު، މީގެތެރެއިން 15 ފަރާތަކަށް މިހާރު ވަނީ ދޫކޮށްފައެވެ. ދެން އެންމެ ގިނައިން ލޯނު ދޫކޮށްފައިވަނީ ފަތުރުވެރިކަމުގެ ދާއިރާއިންނެވެ. މިދާއިރާއިން 9 ފަރާތަކަށް ލޯނު ކަށަވަރުވެފައިވާއިރު 5 ފަރާތަކަށް ވަނީ ލޯނު ދޫކޮށްފައެވެ. މީގެއިތުރުން މެނިފެކްޓަރިންގގެ ދާއިރާއާއި، މަސްވެރިކަމުގެ ދާއިރާއާއި، ދަނޑުވެރިކަމުގެ ދާއިރާގެ އިތުރުން ދަތުރުފަތުރުކުރުމުގެ ދާއިރާއިންވެސް އަންހެން ވިޔަފާރިވެރިންނަށް ވަނީ އެސްއެމްއީ ބޭންކުން ލޯނު ދޫކޮށްފައެވެ.

އެސްއެމްއީ ބޭންކުން އަންހެން ވިޔަފާރިވެރިންނަށް ހުޅުވާލި ފުރުސަތުގައި ލޯނު ލިބިފައިވާއެއް ފަރާތަކީ ފެޝަން ޑިޒައިނިންގެ ދާއިރާގައި މަސައްކަތްކުރާ ފަރާތެއްކަމަށްވާ ރާއިދާ ޝަފީޤްއެވެ. އޭނާ ވަނީ އެސްއެމްއީ ބޭންކް މެދުވެރިކޮށް ލިބުނު ލޯނު އެހީއާއިއެކު އައު ފިހާރައެއް ކްރޮސްރޯޑް މޯލްޑިވްސްގައި ހުޅުވާފައެވެ. ރާއިދާ ބުނީ މިއީ ވިޔަފާރި ފުޅާކުރުމަށް ލިބުނު ރަނގަޅު ފުރުސަތެއްކަމަށެވެ.

ރާއިދާ ޝަފީޤް/ އެސްއެމްއީ ބޭންކުން އަންހެން ވިޔަފާރިވެރިންނަށް ދޫކުރާ ލޯނު އޭނާއަށްވަނީ ލިބިފައި

އެސްއެމްއީ ބޭންކް މެދުވެރިކޮށް އަންހެނުންނަށް ޙާއްސަ އިސްކަމެއްދީގެން ލޯނު ދޫކުރާއިރު ޒުވާނުންނާއި، އިތުރުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށްވެސް ޙާއްސަ އިސްކަމެއްދީގެން އަންނަނީ ލޯނު ދޫކުރަމުންނެވެ. އެސްއެމްއީ ބޭންކު މެދުވެރިކޮށް މިހާތަނަށް ގިނަ ފަރާތްތަކަކަށް ވަނީ ލޯނު ދޫކޮށްފައެވެ. ކޯވިޑް19 އާއި ގުޅިގެންވެސް އެ ބޭންކުން ވަނީ ކުދި ފަންތިއާއި މެދު ފަންތީގެ ވިޔަފާރިތަކަށް ލޯނު ދޫކޮށްފައެވެ.