ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ މެންބަރުކަމުގެ މަޤާމު ހުސްވެފައިވާތީ، އެ ކޮމިޝަނަށް މެންބަރުން ޢައްޔަނުކުރެއްވުމަށްޓަކައި މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުޞަތު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހުޅުވާލައްވައިފިއެވެ.
މެންބަރުކަމުގެ ފޯމު ބަލައިގަތުމަށް ހަމަޖެހިފައި ވަނީ، 2020 އޮގަސްޓު 16، 17 އަދި 18 ވަނަ ދުވަހު ހެނދުނު 09:30 އިން މެންދުރުފަހު 12:30 އަށް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ. ހިއުމަން ރައިޓްސް ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓު www.presidencymaldives.gov.mv އިން ޑައުންލޯޑް ކުރެއްވޭނެއެވެ.
އެޗްއާރްސީއެމްގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި މި ވަނީ، އެ ކޮމިޝަންގެ ބައެއް މެމްބަރުން މަޤާމުން އިސްތިއުފާދެއްވައި އިތުރު މެމްބަރަކު ރައްޔިތުންގެ މަޖިލީހުން ވަނީ މަޤާމުން ވަކި ކުރައްވާފައެވެ. އެގޮތުން މިދިޔަ މަހުގެ ތެރޭގައި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ މެމްބަރު ކަމުން އެ ކޮމިޝަނުގެ ނައިބު ރައީސް މުހައްމަދު ޒާހިދު ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ވަނީ ފާސްކޮށްފައެވެ.
ޒާހިދުގެ އިތުރުން އެޗްއާރުސީއެމްގެ ރައީސްގެ މަގާމުގައި ހުންނެވި އައިމިނަތު އީނާސް އަދި މެމްބަރު އައިޝަތު އަފްރީންގެ އިތުރުން މޫސާ އަލީ ކަލޭފާނު މަގާމުން ވަކިކުރުމުގެ މަސައްކަތްވެސް މަޖިލީހުން ކުރިއެވެ. ނަމަވެސް އެ މަރުހަލާ ކުރިއަށް ދަނިކޮށް އެބޭފުުޅުން ވަނީ އިސްތިއުފާ ދެއްވާފައެވެ.