ދުނިޔޭގެ ވިޔަފާރި

އިނގިރޭސިވިލާތާއި ޖަޕާން، ވިޔަފާރީގެ އެއްބަސްވުމަކާ ދިމާލަށް


އިނގިރޭސިވިލާތާއި ޖަޕާނާ ދެމެދު މިމަސް ނިމުމުގެ ކުރިން ވިޔަފާރީގެ އެއްބަސްވުމަކަށް އާދެވޭނެކަމަށް ލަފާކުރާކަމަށް ދެ ޤައުމުން ހާމަކޮށްފިއެވެ.

ޖެނުއަރީމަހުގެ 31 ވަނަ ދުވަހުން ފެށިގެން އިނގިރޭސިވިލާތް އީޔޫއިން ވަކިވެފައިވާއިރު، އިނގިރޭސިވިލާތުން ދަނީ ދުނިޔޭގެ ބޮޑެތި އިޤްތިޞާދުތަކާއެކު ވިޔަފާރީގެ އެއްބަސްވުންތައް ޤާއިމްކުރުމަށް މަސައްކަތްކުރަމުންނެވެ.

އިނގިރޭސިވިލާތާއި ޖަޕާނާ ދެމެދު ޤާއިމްކުރާ ވިޔަފާރީގެ އެއްބަސްވުމާ ގުޅޭގޮތުން މިދިޔަ ދެ ދުވަހު، ދެ ފަރާތުގެ އިސްވެރިން ވަނީ ލަންޑަންގައި ބައްދަލުކުރައްވާ މަޝްވަރާކޮށްފައެވެ. މަޝްވަރާތަކަށްފަހު ދެ ޤައުމުގެ އޮފިޝަލުންވެސް ވަނީ މަޝްވަރާތައް ކާމިޔާބުކަމަށް ވިދާޅުވެފައެވެ. އަދި އެކި ދާއިރާތަކުން ވިޔަފާރީގެ ގުޅުންތައް އޮންނާނެ ގޮތާ މެދު އެއްބަސްވުމަކާ ހަމައަށް އާދެވިފައިވާކަމަށްވެސް އޮފިޝަލުން ބުނެއެވެ. އެގޮތުން އެންމެ ބޮޑަށް މަޝްވަރާކުރަންޖެހުނު ދާއިރާއަކަށް އޮޓޯ ޓެރިފް ނުވަތަ ވެހިކަލްތަކުން ނަގާ ޑިއުޓީ ހިމެނިފައިވާއިރު، އެކަމުގައިވެސް އެއްބަސްވުމަކާ ހަމައަށް އާދެވިފައިވާކަމަށް އޮފިޝަލުން ބުނެއެވެ. މަޝްވަރާތަކުގައި ދެ ޤައުމުންވެސް އެއްބަސްވެފައި ވަނީ 2026 ވަނަ އަހަރުގެ ފަހުން ޓެރިފް ނެގުން ހުއްޓާލުމަށެވެ. ނަމަވެސް ޖަޕާނުން ބޭނުންވީ އެއަށްވުރެ އަވަހަށް ޓެރިފް ނެގުން ހުއްޓާލާށެވެ.

ޙަބަރުތައް ބުނާގޮތުން ގޮތެއް ނުނިމި އޮތް މައިގަނޑު ދާއިރާއަކީ ދަނޑުވެރިކަމެވެ. އެކަމުގައިވެސް ވަރަށް އަވަހަށް ގޮތެއް ނިމޭނެކަމަށް ދެ ޤައުމުގެ އޮފިޝަލުންނާ ޙަވާލާދީ ޚަބަރުތައް ބުނެއެވެ. އަދި އެމަޝްވަރާތައް ނިންމާލުމަށްފަހު، މިމަސް ނިމުމުގެ އިނގިރޭސިވިލާތާއި ޖަޕާނާ ދެމެދު ވިޔަފާރީގެ އެއްބަސްވުމަކާ ހަމައަށް އާދެވޭނެކަމުގެ އުއްމީދު ބޮޑުކަމަށްވެސް ދެ ޤައުމުގެ އޮފިޝަލުން ބުނެއެވެ.

އީޔޫއިން ވަކިވުމަށްފަހު ބޮޑެތި އިޤްތިޞާދުތަކާއެކު ވިޔަފާރީގެ އެއްބަސްވުންތައް ޤާއިމްކުރުމަށް އިނގިރޭސިވިލާތުން މަސައްކަތްކުރަމުންދާއިރު، އޭގެ ތެރޭގައި އެމެރިކާއާއެކު ޤާއިމްކުރުމަށް މަސައްކަތްކުރާ ވިޔަފާރީގެ އެއްބަސްވުންވެސް ހިމެނެއެވެ. ނަމަވެސް މިއަހަރު ނިމުމުގެ ކުރިން އެމެރިކާއާއެކު އެއްބަސްވުމަކަށް އާދެވޭނެކަމަށް ނުބެލެވޭކަމަށް ޚަބަރުތައް ބުނެއެވެ. ނަމަވެސް ޖަޕާނާއެކު އެއްބަސްވުމަކާ ހަމައަށް އާދެވިފައިވާއިރު، އެއްބަސްވުމުގެ ސަބަބުން އިނގިރޭސިވިލާތާއި ޖަޕާނާ ދެމެދު ކުރާ ވިޔަފާރި އަހަރަކު 15 ބިލިއަން ޕައުންޑަށް އިތުރުވެގެންދާނެކަމަށް ތަޖުރިބާކާރުން ބުނެއެވެ.