ދުނިޔޭގެ ވިޔަފާރި

ޗައިނާގެ އެކްސްޕޯޓް 7.2 އިންސައްތަ މައްޗަށް


މިދިޔަމަހު ޗައިނާގެ އެކްސްޕޯޓް 7.2 އިންސައްތަ އިތުރުވެފައިވާކަމަށް ޗައިނާގެ ކަމާބެހޭ އިދާރާތަކުން ބުނެފިއެވެ.

ޗައިނާގެ ޖެނަރަލް އެޑްމިނިސްޓްރޭޝަން އޮފް ކަސްޓަމްސްގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުގެ ޖުލައިމަހާ އަޅާބަލާއިރު، މިދިޔަމަހު ޗައިނާގެ އެކްސްޕޯޓް 7.2 އިންސައްތަ ކުރިއަރާފައިވާކަމަށެވެ. އަދި ޗައިނާގެ އިމްޕޯޓް މިދިޔަ އަހަރުގެ ޖުލައިމަހާ އަޅާބަލާއިރު 1.4 އިންސައްތަ ދަށަށް ގޮސްފައިވާކަމަށްވެސް ޖެނަރަލް އެޑްމިނިސްޓްރޭޝަން އޮފް ކަސްޓަމްސްގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

ޗައިނާގެ އެކްސްޕޯޓް 7.2 އިންސައްތަ އިތުރުވެފައިވާއިރު، އޮފިޝަލުން ކުރިން ލަފާކުރީ އެކްސްޕޯޓް 0.2 އިންސައްތަ ދަށަށް ދާނެކަމަށެވެ. އަދި އިމްޕޯޓް 1 އިންސައްތަ އިތުރުވާނޭކަމަށްވެސް ކުރިން އޮތީ ލަފާކޮށްފައެވެ.

ޖުލައިމަހު ޗައިނާގެ އެކްސްޕޯޓް އިތުރުވެފައިވާއިރު، އޭގެކުރީ މަހުވެސް ޗައިނާގެ އެކްސްޕޯޓް ދިޔައީ ރަނގަޅުވަމުންނެވެ. މިގޮތުން ޖޫންމަހު ޗައިނާގެ އެކްސްޕޯޓް ވަނީ 0.5 އިންސައްތަ އިތުރުވެފައެވެ.
ޗައިނާގެ އެކްސްޕޯޓް އިތުރުވި މައިގަނޑު ސަބަބަކީ ކޯވިޑްއާ ގުޅިގެން މެޑިކަލް ސާމާނާއި ގޭގައި މަސައްކަތްކުރާ މުވައްޒަފުންނަށް ބޭނުންވާ ތަކެތީގެ ޑިމާންޑު ބޮޑުވުމުންކަމަށް ތަޖުރިބާކާރުން ބުނެއެވެ. އަދި އެހެން ޤައުމުތަކުގެ އިޤްތިޞާދީ ހަރަކާތްތައް ލޮކްޑައުންތަކާ ގުޅިގެން ހުއްޓިފައި އޮތުމުން ޗައިނާގެ އެކްސްޕޯޓަރުންނަށް އެކަމުގެ ސަބަބުން ބޮޑު ފައިދާއެއް ލިބޭނެކަމަށްވެސް ތަޖުރިބާކާރުން ބުނެއެވެ.
ޗައިނާގެ ޓްރޭޑް ސަރޕްލަސްއަށް ބަލާލާއިރު، ޖޫންމަހު ޓްރޭޑް ސަރޕްލަސް އުޅުނީ 46.42 ބިލިއަން ޑޮލަރުގައެވެ. އަދި މިދިޔަމަހު އެއަދަދު ހުރީ 62.3 ބިލިއަން ޑޮލަރުގައެވެ. މިއީވެސް ތަޖުރިބާކާރުން ކުރިން ލަފާކުރި 42 ބިލިއަން ޑޮލަރާ އަޅާބަލާއިރު އިތުރުވުމެކެވެ.