ކުޅިވަރު

ޔުވެންޓަސްގެ އައު ކޯޗަކަށް އެކުލަބުގެ ކުރީގެ ކުޅުންތެރިޔާ އަންދްރޭ ޕިރްލޯ


އިޓަލީގެ ޗެމްޕިއަން ޔުވެންޓަސްގެ ކޯޗުކަމުގެ މަގާމަށް އަންދްރޭ ޕިރްލޯ ހަމަޖައްސައިފިއެވެ.

ޔުވެންޓަސްގެ 23 އަހަރުން ދަށުގެ ޓީމުގެ ކޯޗެއްގެ ގޮތުގައި ހުރި ޕިރްލޯ އާއި ޓީމު ހަވާލުކުރީ މިސީޒަންގައި ޔުވެންޓަސްއަށް އިރުޝާދުދެމުން އައި މައުރީސިއޯ ސާރީ މަގާމުން ދުރުކުރިތާ ގަޑި އިރެއްތެރޭގައެވެ. ދެއަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ޕިރްލޯއާއި ޓީމު ހަވާލުކުރިއިރު ޔުވެންޓަސްގެ 23 އަހަރުން ދަށުގެ ޓީމުގެ ކޯޗުކަން އޭނާއާއި ހަވާލުކުރިތާ ވީ އެންމެ ދިހަ ދުވަހެވެ. އަނެއްކޮޅުން އޭނާއަކީ ޔުވެންޓަސްގެ ކުރީގެ ކުޅުންތެރިއެއް ވެސްމެއެވެ.

އެގޮތުން އޭނާވަނީ އިޓާލިއަން ސެރީއާ ކުޅުންތެރިއެއްގެ ގޮތުގައި ޖުމްލަ ހަފަހަރު ކާމިޔާބު ކޮށްފައެވެ. އޭގެރެއިން ހަތަރުފަހަރު އޭނާ ލީގު ކާމިޔާބުކުރީ ޔުވެންޓާސްގެ ކުޅުންތެރިއެއްގެ ގޮތުގައެވެ. އަނެއްދެފަހަރު އޭސީ މިލާންގެ ކުޅުންތެރިއެއްގެ ގޮތުގައެވެ. މީގެ އިތުރުން އޭސީ މިލާނާއިއެކު ދެފަހަރު ޗެމްޕިއަންސް ލީގު އުފުލާލި ޕިރްލޯވަނީ 2006ވަނަ އަހަރުގެ ފީފާ ވޯލްޑްކަޕް އިޓަލީއަށް ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ. މިއީ ކުޅުންތެރިއެއްގެ ގޮތުގައި ކާމިޔާބު ކެރިއަރެއް ހޭދަކުރި ޕިރްލޯ ބޮޑު ކުލަބެއްގެ ކޯޗުކަމުގެ މަގާމާއި ހަވާލުވި ފުރަތަމަ ފަހަރެވެ.

ޔުވެންޓާސްގެ ކޯޗުކަމުން މައުރީސިއޯ ސާރި ވަކިކުރީ ފަހަކަށްއައިސް ނަތީޖާތަށް ގޯސްވުމުގެ އިތުރުން އެކުލަބުން މިސީޒަންގައި އެންމެ ކާމިޔާބު ކުރަން ބޭނުންވި މުބާރާތް ކަމަށްވާ ޗެމްޕިއަންސް ލީގުގެ ގަދަ 16 އާއި ހިސާބުން ޓީމު ކެޓުމުގެ ސަބަބުންނެވެ. ސާރީގެ އިރުޝާދުގެ ދަށުން ޔުވެންޓާސްއަށް ކާމިޔާބުކުރެވުނީ މިސީޒަންގެ ސެރީއާ އެކަންޏެވެ.