ޚަބަރު

ބަޔާން މިއުނިކާއި ދެކޮޅަށް ވާދަކުރާ މެޗު ދެޓީމަށްވެސް އުނދަގޫވާނެ: ސެޓިއެން


ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގައި ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިއުނިކާ ވާދަކުރަން ޖެހުމަކީ އުނދަގޫ ކަމެއް ކަމަށް ބާސެލޯނާގެ ކޯޗު ކީކޭ ސެޓިއެން ބުނެފިއެވެ.

އިޓަލީގެ ނަޕޯލީ 3-1އިން ބަލިކޮށް ކުއާޓާ ފައިނަލުން ޖާގަ ހޯދުމަށްފަހު ސެޓިއެން ބުނީ ބަޔާން އަކީ ޖަރުމަނުގެ އެންމެ ވަރުގަދަ ޓީމު ކަމަށެވެ.

ސެޓިއެން ބުނީ ދެޓީމަކީވެސް ވަރުގަދަ ދެޓީމު ކަމަށާއި، އެހެންކަމުން މެޗު އެއްވެސް ޓީމަކަށް ފަސޭހަ ނުވާނެކަމަށެވެ. އޭނާ އަދި ބުނީ ނަޕޯލީއާ ދެކޮޅަށް ރޭ ފެނިގެންދިޔައީ މޮޅު ކުޅުމެއް ކަމަށާއި ބާސެލޯނާގެ ކުޅުންތެރިން މި ކުޅުން ތަކުރާރުކޮށްފިނަމަ ތަށްޓާ ހަމައަށް ވާސިލްވުމަކީ ދަތިކަމެއްނޫން ކަމަށެވެ.

ނަޕޯލީގެ ޑިފެންޑަރު ހާލިދޫ ކުލިބާލޭގެ ނުރައްކާތެރި ފައުލެއްގައި ވެއްޓުނު ކެޕްޓަން ލިޔޮނަލް މެސީ މެޗު ފުރިހަމަ ކުރިނަމަވެސް އޭނާގެ އަނިޔާއަށް އިތުރު ފަރުވާ ބޭނުންވާ ކަމަށް ވެސް ސެޓިއެން ބުންޏެވެ. އޭނާބުނީ މެސީއަކީ ކިހާ މުހިންމު ކުޅުންތެރިއެއްކަން އެންމެނަށްވެސް އެނގޭނެކަމަށެވެ. އަދި މިވަގުތު އޭނާގެ ހާލު ރަނގަޅު ކަމަށާއި، ނަމަވެސް ބަޔާން މެޗަށް ތައްޔާރުވާން އޭނާއަށް އިތުރު ފަރުވާ ބޭނުންވާނެކަމަށެވެ.