ޚަބަރު

މިއަދުވެސް ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެ، މޫސުމަށް ސަމާލުވޭ


މިއަދުވެސް ރާއްޖޭގެ ބޮޑުބަޔަކަށް މޫސުންގޯސްވެ، ވިއްސާރަކުރާނެތީ، މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކުރައްވައިފިއެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް، ރީނދޫ ސަމާލުވެސް ނެރެފައެވެ. އެ އިދާރާއިން ރީނދޫ ސަމާލު ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ޅ އަތޮޅަށް މިއަދު ހެނދުނު 07:45 އިން 11:45 އަށެވެ.

ރާއްޖޭގެ މޫސުން ކުރިއަށްލަފާކުރާގޮތަށް ބަލާއިރު، މިއަދު ރާއްޖޭގެ ބޮޑުބަޔަކަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރުން އެކަށީގެންވެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވުން އެކަށީގެންވާކަމަށްވެސް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ. ބޮޑަށް މޫސުން ގޯސްވާނެކަމަށް ލަފާކުރެވެނީ ރާއްޖޭގެ އުތުރުގެ އަތޮޅުތަކަށްކަމުން، އުތުރުގެ އަތޮޅުތަކުން މޫސުމަށް ޚާއްސަ ސަމާލުކަމެއްދިނުމަށްވެސް އެ އިދާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ.

ވޭތުވެދިޔަ 24 ގަޑިއިރުވެސް ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވެ، ވިއްސާރަކޮށްފައިވާއިރު، އެންމެ ގިނައިން ވާރޭ ވެހުނުކަމަށް ރިކޯޑް ކުރެވިފައިވަނީ ށ. ފުނަދޫއަށްކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ. އެގޮތުން ފުނަދޫއަށް އިއްޔެ 110.7 މިލިލީޓަރުގެ ވާރޭ ވެހިފައިވާކަމަށް ރިކޯޑްކުރެވިފައިވާކަމަށް އެ އިދާރާއިން ވިދާޅުވެއެވެ. އަދި ހަނިމާދޫއަށް 109.9 މިލިލީޓަރުގެ ވާރޭ ވެހިފައިވާއިރު، ށ. ކަނޑިތީމަށް 105.4 މިލިލީޓަރުގެ ވާރޭވެހިފައިވާކަމަށްވެސް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ވިދާޅުވެފައެވެ.

މިދުވަސްވަރު ރާއްޖެއަށް ކުރަމުންދާ ވިއްސަރާއަކީ ހުޅަނގު މޫސުމުގެ ވިއްސާރަކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ.