ޚަބަރު

މާލޭގައި ފެންބޮޑުވާ މައްސަލައަށް ހައްލެއް ހޯދިއްޖެ- މިނިސްޓަރ


ވިއްސާރަ މޫސުމުގައި މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް އެންމެ އުނދަގޫވާ ފެން ބޮޑުވުމުގެ މައްސަލަ ހައްލުވެ، އެކަން މިހާރު ރައްޔިތުން ހަނދާންނެތޭ ހިސާބަށް ގޮސްފައިވާ ކަމަށް ހައުސިން މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅު ވެއްޖެއެވެ.ހައުސިންގ މިނިސްޓަރ ވިދާޅުވީ، ފެން ބޮޑުވާ މައްސަލަ ހައްލުކުރުމަށް އެމްއާރްޑީސީއާ ގުޅިގެން މާލޭގެ ހުރިހާ ކާނުތަކެއް ސާފުކޮށް ނިމިފައިވާ ކަމަށާއި، ގްރެވިޓީ ސިސްޓަމްތައް ބެހެއްޓުމަށް އެމްޑަބްލިއުއެސްސީއާ ހަވާލުކުރި މަސައްކަތުގެ ފުރަތަމަ ފިޔަވަހި ނިމި އެކަމުގެ ނަތީޖާވެސް ފެންނަމުންދާ ކަމަށެވެ.މީގެ އިތުރުން ގްރެވިޓީ ސިސްޓަމްތައް ބެހެއްޓުމުގެ ދެވަނަ ފިޔަވަހި ނިމޭއިރު، ކިތަންމެ ބޯކޮށް ވާރޭ ވެހުނު  ނަމަވެސް އެއްގަޑިއިރު ތެރޭގައި ފެންހިނދިގެންދާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިހާރުވެސް ކުރިން ފެންބޮޑުވާގޮތަށް އަމީނީ މަގާއި، އައިޖީއެމްއެޗް ކައިރީގައި ފެންބޮޑުނުވާނެ ކަމުގެ ޔަގީންކަންވެސް މިނިސްޓަރ ވަނީ ދެއްވާފައެވެ.