ކުޅިވަރު

ޔުވެންޓަސްގެ ކޯޗުކަމުން ސާރީ ވަކިކޮށްފި


އިޓަލީގެ ޗެމްޕިއަން ޔުވެންޓަސްގެ ކޯޗުކަމުން މައުރީޒިއޯ ސާރީ ވަކިކޮށްފިއެވެ.

ޔުވެންޓަސްގެ ކޯޗު ކަމުުން ސާރީ ވަކިކޮށްފައި މިވަނީ ޔުއެފާ ޗެމްޕިއަންސް ލީގުން ރޭ ކަޓާފައިވަނިކޮށެވެ. ޗެމްޕިއަންސް ލީގުން ދެވަނަ ބުރުގައި ރޭ ލިޔޯންގެ މައްޗަށް ޔުވެންޓަސް ކުރި ހޯދި ނަމަވެސް، އަވޭ ގޯލުން ލިޔޯނަށް ކުރި ލިބުމުން މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކުރީ ލިޔޯންއެވެ.

ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ސާރީ ޔުވެންޓަސްގެ ކޯޗުކަމާއި ހަވާލުވީ މިދިޔަ އަހަރުގެ މެދުތެރޭގައެވެ. ސާރީ ޔުވެންޓަސްގެ ކޯޗުކަމާއި އޭރު ހަވާލުވީ މިދިޔަ ސީޒަނުގައި ޗެލްސީއަށް ޔޫރޮޕާ ލީގު ކާމިޔާބު ކޮށްދިނުމަށްފަހުއެވެ. ޔުވެންޓަސްގެ ކޯޗަކަށް ސާރީ ހަމަޖެއްސުމުގެ ކުރިން އެޓީމަށް އިރުޝާދު ދިނީ މަސިމިލިއާނޯ އެލެގްރީއެވެ. އޭނާ ޔުވެންޓަސްގެ ކޯޗުކަމުން ވަކިކުރަން ނިންމީ ފަސް ސީޒަނަށްފަހުއެވެ.

ޔުވެންޓަސްގެ ކޯޗު ކަމުންް ސާރީ ވަކިކޮށްފައިވާއިރު، ދާދި ފަހުން ވަނީ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ސާރީ އާއި މެދު މައްސަލަ ޖެހިގެން އުޅޭ ކަމުގެ އަޑުތަކެއްވެސް މީޑިއާގައި ފެތުރިފައެވެ.

ސާރީގެ ކޮންޓްރެކްޓްގައި ބާކީ ދެ އަހަރު އޮއްވާ ކޯޗުކަމުގެ މަޤާމުން އޭނާ ވަކިކޮށްފައިވާއިރު، ޔުވެންޓަސްއާއެކު ސާރީއަށް ހޯދުނު ހަމައެކަނި ކާމިޔާބަކީ މި ސީޒަންގެ އިޓާލިއަން ލީގު ކާމިޔާބުކުރުމެވެ.

ޔުވެންޓަސްގެ ކޯޗުކަމުން ސާރީ ވަކިކުރިކަން އެޓީމުން ޔަގީންކޮށްދީފައިވާއިރު، ދެން އެ އެކްލަބަށް ގެންނާނެކަމަށް ބޮޑަށް ބެލެވެނީ އިނގިރޭސި ކްލަބް ޓޮޓެންހަމަށް ކުރި އިރުޝާދުދިން މައުރީސިއޯ ޕޮޗެޓީނޯއެވެ. މިިދިޔަ އަހަރު ޓޮޓެންހަމްގެ ކޯޗުކަމުން ވަކިކުރި ޕޮޗެޓީނޯ އަދި މިހާތަނަށް ހުރީ އެއްވެސް ޓީމަކާއި ހަވާލުނުވެއެވެ.