ޚަބަރު

ރިޟުވާނުގެ މައްސަލައިގެ މައުލޫމާތު ހިއްސާކުރުމަށް އަދިވެސް ފުރުޞަތު އެބައޮތް: ރިޔާސީ ކޮމިޝަން


ނޫސްވެރިޔާ އަހުމަދު ރިޟުވާނު ޢަބުދުﷲ ގެއްލުވާލި މައްސަލަ އާއި ގުޅޭ މައުލޫމާތު އެނގޭ ފަރާތްތަކަށް އެކަން ހިއްސާކުރުމަށް ފުރުޞަތު އެބައޮތް މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީޤުކުރާ ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

ނޫސްވެރިޔާ އަޙުމަދު ރިޟުވާން ޢަބްދުﷲ ގެއްލުވާލިތާ މިއަދު ހަ އަހަރު ފުރުމާއި ގުޅިގެން އެކޮމިޝަނުން ނެރެފައިވާ ބަޔާނުގައި ވަނީ، ގެއްލުވައިލާފައިވާ ނޫސްވެރިޔާ އަޙްމަދު ރިޝްވާން ޢަބްދުﷲ ގެ މައްސަލާގައި ކޮމިޝަނަށް މިހާތަނަށް ލިބިފައިވާ މަޢުލޫމާތަށް ބަލާއިރު، އަޙްމަދު ރިޝްވާން ޢަބްދުﷲ ގެއްލުވައިލުމާއި ގުޅޭ އިތުރު މަޢުލޫމާތު އެނގޭނެ އިތުރު ފަރާތްތައް އަދިވެސް ތިބުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އެހެންކަމުން އެ މަޢުލޫމާތު އެ ކޮމިޝަނާއި ޙިއްޞާ ކުރުމުގެ ފުރުޞަތު އަދިވެސް އެބައޮތް ކަމުގައި އެކޮމިޝަނުން ވަނީ ވިދާޅުވެފައެވެ. އަދި، އެކޮމިޝަނަށް މައުލޫމާތުދޭ ފަރާތަކަށް ފޯރުކޮށްދޭންޖެހޭ ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދޭނެކަމުގެ ޔަޤީންކަން އަރުވާކަމުގައިވެސް އެކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.

މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީޤުކުރާ ކޮމިޝަންގެ ބަޔާނުގައި، އަޙްމަދު ރިޝްވާން ޢަބްދުﷲ ގެ ޢާއިލާއަށް އިންސާފު ނުލިބި އޮތްކަމީ، އެ ޢާއިލާއަށް ލިބިފައިވާ ބޮޑު ހިތާމައެއްކަން ފާހަގަކޮށް، މި ހިތާމައިގައި މި ކޮމިޝަނުން ބައިވެރިވާ ކަމުގައި ވަނީ ވިދާޅުވެފައެވެ. އަދި، އަޙްމަދު ރިޝްވާން ޢަބްދުﷲ ގެ ޢާއިލާއާއި، ގޮތްނޭނގޭ މަރުތަކާއި ވީނުވީއެއްނޭގި ގެއްލިފައިވާ އެހެނިހެން މީހުންގެ ޢާއިލާތަކަށް އިންސާފު ހޯދައިދިނުމަށް މި ކޮމިޝަނުން ފަށާފައިވާ ބުރަ މަސައްކަތް، އެއް އަޒުމެއްގައި ކުރިއަށް ގެންދާނެ ކަމުގެ ޔަޤީންކަން މި ފުރުޞަތުގައި އަރުވާކަމަށްވެސް ކޮމިޝަނުން ވިދާޅުވެފައިވެއެވެ.

ގޮތްނޭނގޭ މަރުތަކާއި ވީނުވީއެއްނޭނގި ގެއްލިފައިވާ މީހުންގެ މައްސަލަތައް ތަޙުޤީޤުކުރުމުގައި އެހީތެރިކަން ފޯރުކޮށްދޭނެ ބޭރުގެ މާހިރަކު ކުރިއަށްއޮތް ސެޕްޓެންބަރު މަހުގެ ތެރޭގައި އެ ކޮމިޝަނަށް ޢައްޔަނުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނިންމެވުމާއި ގުޅިގެން، އެފަދަ މާހިރަކު ޢައްޔަނުކުރުމުގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ގުޅިގެން މިހާރު ކުރަމުންދާކަމުގައިވެސް ކޮމިޝަނުން ވިދާޅުވެފައި ވެއެވެ.

ރިޟުވާނުގެ މައްސަލައިގެ ތަހުޤީޤު ޓީމަށް ބޭރުގެ އިންވެސްިޓިގޭޓަރަކު ޢައްޔަނުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައި ވަނީ، ޖުލައި މަހުގެ 02 ވަނަ ދުވަހު އަޙްމަދު ރިޝްވާން ޢަބްދުﷲ އާއި މަރާލާފައިވާ ބްލޮގަރ ޔާމީން ރަޝީދް ގެ ޢާއިލާތަކާއި އެމަނިކުފާނާއި ބައްދަލުކުރެއްވުމަށްފަހުގައި ކަމަށްވެސް މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީޤުކުރާ ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.

17 ނޮވެމްބަރު 2018 ގައި ރައީސް އުފެއްދެވި، މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީޤުކުރާ ކޮމިޝަނުން، ރިޟުވާނުގެ މަރުގެ މައްސަލައިގައި ތަހުޤީޤާއި ގުޅޭ ރިޕޯޓެއް ރައީސުލްޖުމުހޫރިއްޔާއަށް ވަނީ އަރުވާފައެވެ.