ޚަބަރު

ހަތަރު އަހަރުގެ ކުއްޖަކަށް ޖިންސީގޯނާކުރި މީހަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި


އިތުރުބާރުކުރެވޭ މަގާމެއްގައިހުރެ ހަތަރު އަހަރުގެ އަންހެން ކުޑަކުއްޖަކަށް ޖިންސީ ގޯނާކޮށްފައިވާ މައްސަލައެއްގައި ހައްޔަރުކުރި މީހަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފިއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، މި މައްސަލައާ ގުޅިގެން ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ވަނީ ގދ. ތިނަދޫ، ގްރީންވާރޑް، ޝުޢާޢު ޝަރީފް (32އ) ކަމަށެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ، 2020 އޯގަސްޓް 03 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ފުލުހުންނަށް ހުށަހެޅުނު، މައްސަލައަކާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 2020 އޯގަސްޓް 04 ވަނަ ދުވަހުއެވެ.

އޭނާ ހައްޔަރު ކުރުމުގެ އަމުރު ނެރެފައި ވަނީ އިތުބާރު ކުރެވޭ މަޤާމެއްގައި ހުރެ އުމުރުން ހަތަރު އަހަރުގެ އަންހެން ކުއްޖަކަަށް ޖިންސީގޯނާ ކޮށްފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައެވެ.

ޝުޢާޢު ޝަރީފް ހައްޔަރުކޮށް، ބަންދާއިމެދު ގޮތެއް ނިންމުމަށް 2020 އޯގަސްޓް 04 ވަނަ ދުވަހު ކޯޓަށް ހާޒިރު ކުރުމުން ކޯޓުން އޭނާ ވަނީ ދޫކޮށްލާފައެވެ.

ނަމަވެސް އޭނާ ދޫކޮށްލަން ނިންމައި ނެެރުނު އަމުރު މުރާޖާ ކޮށްދެއްވުމަށް ކޯޓުގައި އެދުމުން، 2020 އޯގަސް 06 ވަނަ ދުވަހު ބޭއްވި މުއްދަތު މަޖިލީހުގައި ކޯޓުން ނިންމާފައި ވަނީ، މި މައްސަލާގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ ފަރާތުން ހުށަހެޅި ކަންކަމަށް ބަލާ ހިނދު ޝުޢާޢު ޝަރީފް ދޫކޮށްފައި ބެހެއްޓުމަކީ މުޖުތަމައުގެ ކުޑަކުދިންގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާ ކުރިމަތިވެދާނެކަމެއް ކަމަށެވެ. އަދި އޭނާ ދޫކޮށްލާފައި ބަހައްޓާނަމަ ހެކިބަހަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު ލިބިގެންދާނެ ކަމަކަށްވާތީ އާއި ޝުޢާޢު ޝަރީފްގެ މައްޗަށް ތުހުމަތު ކުރެވިފައިވާ އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކަށް ޖިންސީގޯނާ ކުރުމުގެ ކުށް ޝުޢާޢު ޝަރީފްގެ ފަރާތުން ހިނގާފައިވާކަމަށް ބެލެވޭ މިންވަރަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ހުށަހެޅި ހެތްކާއި ގަރީނާހުރުމާއިއެކު އޭނާ ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރު ކުރީކަމުގައި ފުލުހުން ވިދާޅުވެފައި ވެއެވެ.

މިމައްސަލައިގައި ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ބަންދު ކުރި ޝުޢާޢު ޝަރީފަކީ، ކުށުގެ ރެކޯޑުތައް އޮންނަ މީހެކެވެ.

ފުލުހުން ވިދާޅުވީ އެ މައްސަލައިގެ ތަހުގީގު ނިންމައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމުގެ މަސައްކަތް މޯލްޑިވްސް ޕޮލިސް ސަރވިސްއިން މިހާރު ކުރަމުން ގެންދާކަމަށެވެ.

ކުޑަ ކުދިންނަށް ބިރުދައްކައި، ބްލެކްމެއިލް ކޮށްގެން ޖިންސީގޯނާ ކުރާ މައްސަލަތަކާއި އިންޓަނެޓްގެ ޒަރީއާއިން ކުޑަކުދިން ގްރޫމްކޮށްގެން ޖިންސީގޯނާ ކުރާ މައްސަލަތައް އިތުރުވަމުން ދާތީ މައިންބަފައިންނާއި ބެލެނިވެރިން އެކަމަށް ސަމާލުވެތިބުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. އޭގެ އިތުރުން، ކުޑަކުދިންނާއި ގުޅޭ މައްސަލަތަކުގެ މައުލޫމާތު މީޑިއާތަކުގައި ޝާއިއުކުރާއިރު ކުޑަކުދިންގެ ކަރާމާތަށް އުނިކަން ނާންނާނޭގޮތަށް އެފަދަ މައްސަލަތަކުގެ މައުލޫމާތު ޝާއިއު ކުރުމަށްވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

މި ފަދަ އެއްވެސް މައްސަލައެއްގެ މައުލޫމާތު އެއްވެސް ފަރާތަކަށް ލިބިއްޖެނަމަ އެކަން މި ސަރވިސްގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަންގެ ފޯން 3000600 އަށް ނުވަތަ މިނިސްޓްރީ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ހިލޭގުޅޭ ނަންބަރު 1412 އަށް ގުޅުއްވައި ހުށައެޅުމަށްވެސް ފުލުހުން ވަނީ އެދިވަޑައިގެންފައެވެ.