ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ، ޑަބުލިއުއެޗުއޯ އިސްލާހުކުރުމާބެހޭ މަޝްވަރާތަކުން ޖަރުމަނުވިލާތާއި ފަރަންސޭސިވިލާތުން ވަކިވެއްޖެއެވެ.
މަޝްވަރާތަކުން ދެ ޤައުމު ވަކިވެފައިވަނީ އިސްލާހީ މަސައްކަތްތަކަށް އެމެރިކާގެ ނުފޫޒު އިތުރުކުރަން އެ ޤައުމުން މަސައްކަތްކުރުމުންނެވެ. ކޯވިޑް-19އާ ދެކޮޅަށް ޑަބުލިއުއެޗުއޯއިން ކުރަމުންދާ މަސައްކަތާމެދު ހިތްހަމަނުޖެހި އެ ޖަމުޢިއްޔާއިން ވަކިވާނެކަން އެމެރިކާއިންވަނީ މިދިޔަ ޖުލައި މަހުގެ ތެރޭގައި ރަސްމީކޮށް އަންގައިފައެވެ.
އެމެރިކާގެ އިތުރުން ވިލާތުގެ ބައެއް ޤައުމުތަކުންވެސްވަނީ ޑަބުލިއުއެޗުއޯއާމެދު ހިތްތަމަނުޖެހުން ފައުޅުކޮށްފައެވެ. ނަމަވެސް އެމެރިކާއިން ޢަމަލުކުރިގޮތަށް އެހެން ޤައުމަކުން އެ ޖަމުޢިއްޔާއާމެދު ޢަމަލުކޮށްފައެއް ނުވެއެވެ.
ޖަރުމަނުވިލާތާއި ފަރަންސޭސިވިލާތުންވަނީ ޑަބްލިއުއެޗުއޯ އިސްލާހުކުރުމުގެ މަސައްކަތަތުގައި އެމެރިކާއިން އިސްކޮށް ޙަރަކާތްތެރިވުމާމެދު ހިތްހަމަނުޖެހޭކަމަށް ބުނެފައެވެ. އެ ޖަމުޢިއްޔާއިން ވަކިވާނެކަން އިޢުލާނުކޮށްފައިވާ ޤައުމަކުން އެ މަސައްކަތުގައި އިސްކޮށް ޙަރަކާތްތެރިވުމަކީ އެންމެ ރަނގަޅު ގޮތް ނޫންކަމަށް އެ ދެ ޤައުމުންވަނީ ބުނެފައެވެ. އޭގެ އިތުރުން އިޓަލީވިލާތުން ބުނީ އެ މައްސަލައިގައި އެ ޤައުމުގެ ވިސްނުންވެސް ފަރަންސޭސިވިލާތާއި ޖަރުމަނުވިލާތުގެ ވިސްނުމާ އެއްގޮތްކަމަށެވެ.
މަޝްވަރާތަކުން ޖަރުމަނުވިލާތާއި ފަރަންސޭސިވިލާތް ވަކިވުމުން އެމެރިކާއިން ބުނީ ޖީ7ގެ ހުރިހާ ޤައުމަކުން ޑަބުލިއުއެޗުއޯ އިސްލާހުކުރުމަށް ހުށަހަޅާފައިވާ ޚިޔާލުތަކަށް ތާއީދުކޮށްފައިވާކަމަށެވެ. އަދި މަޝްވަރާތަކުން ވަކިވުމަށް ޖަރުމަނުވިލާތާއި ފަރަންސޭސިވިލާތުން ނިންމުމުން އެކަމާ ހިތާމަކުރާކަމަށްވެސް އެމެރިކާއިން ބުންޏެވެ.
ޑަބުލިއުއެޗުއޯއަށް އިސްލާހީ ބަދަލުތަކެއް ގެނައުމަށް މަޝްވަރާތައް ފަށާފައިވަނީ މީގެ ހަތަރު މަސް ދުވަސް ކުރިންނެވެ. އެގޮތުން ޖީ7ގެ ޤައުމުތަކުގެ ޞިއްޙަތާބެހޭ ވަޒީރުންގެ މެދުގައި ވީޑިއޯ މެދުވެރިކޮށް މިހާތަނަށް 20 ބައްދަލުވުމެއްވަނީ ބާއްވައިފައެވެ.