ދުނިޔޭގެ ވިޔަފާރި

އެމެރިކާގެ ނިންމުމާ ދެކޮޅަށް މަސައްކަތްކުރާނަން- ޓިކްޓޮކް


އެމެރިކާގައި ޓިކްޓޮކް މަނާކުރުމަށް ނިންމި ނިންމުމާ ދެކޮޅަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރާނެކަމަށް ޓިކްޓޮކްގެ ބެލެނިވެރި ކުންފުނި ބައިޓްޑާންސްއިން ބުނެފިއެވެ.

ބައިޓްޑާންސްއިން މިކަން ހާމަކޮށްފައި މިވަނީ 45 ދުވަސްތެރޭގައި ޓިކްޓޮކްއާއި ވީޗެޓް އެމެރިކާގައި މަނާކުރުމާ ގުޅޭ ރިޔާސީ އަމުރެއް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ނެރުއްވާފައިވަނިކޮށެވެ.

ބުރާސްފަތިދުވަހު ނެރުނު ރިޔާސީ އަމުރުގައިވާ ގޮތުން ކުރިއަށް އޮތް 45 ދުވަހުގެ ތެރޭގައި ޓިކްޓޮކްއާއި ވީޗެޓްގެ އެމެރިކާގެ އޮޕަރޭޝަންތައް ހިންގާ ޗައިނާގެ ކުންފުނިތަކުގެ ހިއްސާ ބަދަލުނުކޮށްފިނަމަ، އެ އެޕްލިކޭޝަންތައް އެމެރިކާގައި ބޭނުންކުރުން މަނާވާނެއެވެ. އެގޮތުން ޓިކްޓޮކްގެ ބެލެނިވެރި ކުންފުނިކަމަށްވާ ޗައިނާގެ ބައިޓްޑާންސް އާއި ވީޗެޓްގެ ބެލެނިވެރި ކުންފުނި ޗައިނާގެ ޓެންސެންޓްއާއެކު ވިޔަފާރީގެ އެއްވެސް މުޢާމަލާތެއް ހިންގުން އެމެރިކާގައި މަނާވާނެއެވެ.

އެމެރިކާގެ ފިޔަވަޅުތަކާ ގުޅޭގޮތުން ޓިކްޓޮކްއިން ބުނީ އެމެރިކާގެ ރައީސްގެ ނިންމެވުމަކީ ޤަބޫލުކުރެވޭ ނިންމެވުމެއް ނޫންކަމަށެވެ. އަދި އެގޮތަށް ނިންމާފައިވަނީ އެއްވެސް ވަރަކަށް މައްސަލައިގެ ވަށައިގެން ހުރި ކަންކަމަށް ބެލުމެއް ނެތިކަމަށެވެ. އަދި އެމެރިކާ ސަރުކާރުން މަސައްކަތްކުރަނީ ބިރުދައްކައިގެން ކަންކަން ކުރަންކަމަށާއި، އެކަމާ ދެކޮޅަށް ޤާނޫނީ ގޮތުން އެޅެން ހުރި ހުރިހާ ފިޔަވަޅެއް އަޅާނެކަމަށް ޓިކްޓޮކްއިން ބުނެއެވެ.

ޓިކްޓޮކްއާއި ވީޗެޓް މަނާކުރުމުގެ އަމުރެއް ޓްރަމްޕް ނެރުއްވާފައިވަނީ އޭނާއަށް ލިބިވަޑައިގަންނަވާ "އެމެޖެންސީ އިކޮނޮމިކް" ބާރުގެ ދަށުންނެވެ.

ވީޗެޓްއިން ބުނީ އެކުންފުނިން މިކަމުގައި އަމަލުކުރާނެ ގޮތެއް ނިންމާނީ ޓްރަމްޕްގެ ރިޔާސީ އަމުރު ދިރާސާކުރުމަށްފަހުކަމަށެވެ. އަދި އެމަސައްކަތް މިހާރު ކުރަމުންދާކަމަށް ވީޗެޓްއިން ބުނެއެވެ.

ޓްރަމްޕްގެ ނެރުއްވި އަމުރުގައިވާ ގޮތުން ވީޗެޓްއާއި ޓިކްޓޮކް އެމެރިކާގައި ދެން ބޭނުންކުރެވޭނީ އެޕްލިކޭޝަން ހިންގާ ޗައިނާގެ ކުންފުނިތަކުގެ ހިއްސާ، އެހެން ކުންފުނިތަކަށް ބަދަލުކުރުމުންނެވެ. އެހެންކަމުން ޓިކްޓޮކްއާއި ވީޗެޓްގެ ހިއްސާ ބަދަލުކުރުމަށް މިހާރު ކުރަމުންދާ މަސައްކަތްތައް އަވަސްކުރަން އެކަމުގައި ޝާމިލުވާ ފަރާތްތަކަށް މަޖުބޫރުވާނެއެވެ.

ޗައިނާގެ ސަރުކާރުގެ އޮފިޝަލުން ބުނާގޮތުން އެމެރިކާއިން މަސައްކަތްކުރަނީ ޤައުމީ ސަލާމަތުގެ ނަމުގައި އެހެން ޤައުމުތަކުގެ ކުންފުނިތަކަށް އަތްގަދަކޮށް، ބާރުފޯރުވަންކަމަށެވެ.