ޚަބަރު

ވިއްސާރައިގައި ކުރެންދޫގައި ފެންބޮޑުވެ 20 ގެއަކަށް ފެންވަދެއްޖެ


ރާއްޖެއަށް މިހާރު ކުރަމުން އަންނަ ވިއްސާރައިގައި ޅ.ކުރެންދޫގައި ފެންބޮޑުވެ ބައެއް ގެތަކަށް ފެންވަނުމާއި ގުޅިގެން ފެން ހިއްކުމުގެ މަސައްކަތް އެމްއެންޑީއެފުން ފަށައިފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ ޅ.ކުރެންދޫއަށް ރޭ ފަތިހުން ފެށިގެން ކުރި ވިއްސާރައިގައި ފެންބޮޑުވެ 20 ގެއަކަށް ފެންވަދެފައިވާކަމަށެވެ. އަދި އެމްއެންޑީއެފްގެ ނޮދަން އޭރިއާގެ ސިފައިންނާއި ނައިފަރުގައި ހުންނަ ފަޔަރ ސްޓޭޝަންގެ ސިފައިން ގުޅިގެން ފެން ހިއްކުމުގެ މަސައްކަތްކުރަމުން އަންނަކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއްވައެވެ. ކުރެންދޫގައި ފެން ބޮޑުވެ ގޭގެއަށް ފެންވަނުމުގެ ރިޕޯޓު އެރަށުން ކޮށްފައިވަނީ މިއަދު ހެނދުނު 0930 ހާއިރުކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވެއެވެ.

އިއްޔެ ކުރި ވިއްސާރައިގެ ސަބަބުން ގެއްލުންވެފައިވާ ރަށްރަށުގެ ތެރެއިން ޅ.ކުރެންދުއަށް ބޯކޮށް ވާރޭވެހި ފެން ބޮޑުވެ 6 ގެޔަކަށް ފެންވަނުމުގެ ސަބަބުން އެކިވަރުގެ ގެލުންތަކެއް ވަނީ ވެފައެވެ. އަދި ޅ.ނައިފަރަށްވެސް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން 4 ގެއަކަށް ފެންވަދެ ގެއްލުންތަކެއް ވެފައިވެއެވެ. މީގެ އިތުރުން އެއަތޮޅު ހިންނަވަރުގެ 3 ގެއަކަށް ފެންވަދެ ގެއްލުންތަކެއް ވެފައިވެއެވެ. މިތިންރަށުގެ ފެން ހިންދުމަށާއި ޢާއްމުންނަށް އެހީތެރިވުމަށްޓަކައި އެމްއެންޑީއެފް ނޮދަން އޭރިއާގެ ސިފައިންވަނީ ޙަރަކާތްތެރިވެފައެވެ.

މިދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރަކަށްވާތީ ބޯކޮށް ވާރޭވެހި ފެންބޮޑުވެއްޖެ ހިނދެއްގައި އޭގެ ސަބަބުން ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް ދުރާލައި ފިޔަވަޅު އެޅުމަށް އެންޑީއެމްއޭ އިން އިލްތިމާސްކުރައްވައެވެ. އެގޮތުން ފެންބޮޑުވެގެން ގެއްލުންވާނެފަދަ މުދާ އުސްތަންތަނަށް ބަދަލުކުރުމަށާއި، އުސް ތަންތަނަށް ބަދަލު ނުކުރެވޭ ތަކެތި ފެނުގެ އަސަރު ނުފޯރާނެ ތަނަކަށް ބަދަލުކުރުމަށް އެންޑީއެމްއޭ އިލްތިމާސް ކުރައްވައެވެ. އަދި ގަދަވައިގެ ސަބަބުން ގޭގެ ފުރާޅު އެއްލާލަފާނެ ކަމަށް ލަފާ ކުރެވޭނަމަ، ފުރާޅު އެއްލާނުލާނެފަދަ ގޮތަކަށް ދުރާލައި ފިޔަވަޅު އެޅުމަށްވެސް އެފަރާތުން އިލްތިމާސްކުރައްވައެވެ.