ދުނިޔޭގެ ވިޔަފާރި

އެމެރިކާއާއި ކެނެޑާއާ ދެމެދުގެ ވިޔަފާރީގެ ކޯޅުމެއް!


ކެނެޑާއިން އެތެރެކުރާ އެލްމިނިއަމްއިން ނަގާ ޓެރިފް ބޮޑުކުރުމުން، ކެނެޑާއިންވެސް އެމެރިކާއާ ދެކޮޅަށް އެފަދަ ފިޔަވަޅުތަކެއް އަޅައިފިއެވެ.

އެމެރިކާއާއި ކެނެޑާއާ ދެމެދު ވިޔަފާރީގެ ކޯޅުމެއް މިފަހަރު ފަށާފައި މިވަނީ، ކެނެޑާއިން އެމެރިކާއަށް އެތެރެކުރާ އެލްމިނިއަމްއިން ނަގާ ޓެރިފް 10 އިންސައްތަ އިތުރުކުރުމަށް މިދިޔަ ބުރާސްފަތި އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ނިންމެވުމާ ގުޅިގެނެވެ.

ކެނެޑާއިން އެތެރެކުރާ އެލްމިނިއަމްއިން ނަގާ ޓެރިފް ބޮޑުކުރުމަށް ޓްރަމްޕް ނިންމެވިއިރު، ކެނެޑާއާއި އެމެރިކާއިން މިދިޔަ އަހަރު ވަނީ ދަގަނޑާއި އެލްމިނިއަމްއިން ނަގާ ޓެރިފްތައް އުވާލުމަށް ނިންމާފައެވެ. ކެނެޑާއިން އެތެރެކުރާ އެލްމިނިއަމްއިން ނަގާ ޓެރިފް 10 އިންސައްތަ ބޮޑުކުރުމަށް އަނެއްކާވެސް ނިންމެވީ، އެމެރިކާގެ އެލްމިނިއަމް އިންޑަސްޓްރީ ހިމާޔަތްކުރަންކަމަށް ޓްރަމްޕް ވިދާޅުވިއެވެ. ޓްރަމްޕް ތުހުމަތުކުރައްވާ ގޮތުގައި ކެނެޑާއިން ދަނީ އަގުހެޔޮ އެލްމިނިއަމް އެމެރިކާގެ ބާޒާރަށް އެތެރެކޮށް، އެމެރިކާގެ ވިޔާފާރިވެރިންގެ ވިޔަފާރި ހަލާކުކޮށްލަމުންނެވެ.

ކެނެޑާގެ އެލްމިނިއަމްއިން ނަގާ ޓެރިފް ބޮޑުކުރުމަށް އެމެރިކާއިން ނިންމުމުން، ކެނެޑާއިންވެސް ވަނީ އެފަދަ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން އެމެރިކާއިން ކެނެޑާއަށް އެތެރެކުރާ 2.7 ބިލިއަން ޑޮލަރުގެ އެލްމިނިއަމްއިން ނަގާ ޓެރިފް ބޮޑުކުރުމަށް އެޤައުމުން ވަނީ ނިންމާފައެވެ.

ކެނެޑާގެ ބޮޑުވަޒީރުގެ ނާއިބު ކްރިސްޓިއާ ފްރީލެންޑް ވިދާޅުވީ ބޮޑު ބަލިމަޑުކަމެއް ދުނިޔޭގައި ފެތުރެމުންދާއިރު، ވިޔަފާރީގެ ގޮތުން ދަތިކުރުމުގެ ފިޔަވަޅު އެޅުމަކީ ޤަބޫލުކުރެވޭކަމެއް ނޫންކަމަށެވެ. އަދި މިކަމުގެ ސަބަބުން ގެއްލުން ވާނީ ދެ ޤައުމުގެ އިޤްތިޞާދަށްކަމަށް އޭނާ ވިދާޅުވިއެވެ. ފްރީލެންޑް ވިދާޅުވީ ކެނެޑާއިން ވިޔަފާރީގެ ހަނގުރާމައެއް ފަށަން ބޭނުންނުވާކަމަށާއި، ނަމަވެސް ބަޔަކު ފިޔަވަޅު އަޅާއިރު ބަލަންވެސް ނުތިބޭނެކަމަށެވެ.

ކެނެޑާއާއި އެމެރިކާގެ ދެމެދުގެ ވިޔަފާރީގެ ނުތަނަވަސްކަމެއް އުފެދިފައިވާއިރު، އެމެރިކާ، މެކްސިކޯ އަދި ކެނެޑާ ހިމެނޭ ވިޔަފާރީގެ އެއްބަސްވުމަކަށް ދާދިފަހުން ވަނީ އަމަލުކުރަން ފަށާފައެވެ. އުތުރު އެމެރިކާ ބައްރުގެ ގައުމުތަކުގެ ވިޔަފާރިތައް ގުޅިލާމެހިފައިވާއިރު، ކެނެޑާއިން އެކްސްޕޯޓްކުރާ 75 އިންސައްތަ މުދަލަކީ އެމެރިކާއަށް އެކްސްޕޯޓް ކުރާ މުދަލެވެ.